މޯލްޑިވްސް އެކުއަޓިކްސްއިން 97 މިލިއަނުގެ ބޮޑު ބަޖެޓެއް ފާސްކޮށްފި

ފެތުމުގެ މުބާރާތެއްގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް އެކުއަޓިކްސް

މޯލްޑިވްސް އެކުއަޓިކްސްއިން މިއަހަރަށް 97.2 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ ބޮޑު އަދަދެކެވެ. މި ބަޖެޓުގެ އެންމެ ބޮޑު ބައެއް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ކެޕިޓަލް ޚަރަދުތަކަށާއި އެކުއަޓިކް ސެންޓަރުތައް ބިނާކުރުމަށެވެ. އަދި ބަޖެޓަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް ހޯދުމަށް ހަމަޖެހިފައިވަނީ ލޯނުގެ ގޮތުގައެވެ. މީގެ މައިގަނޑު މަޤްޞަދަކީ ދިވެހި ފެތުންތެރިންނަށް ބައިނަލްއަޤްވާމީ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

  • މިއަހަރަށް ފާސްކޮށްފައިވަނީ 97.2 މިލިއަން ރުފިޔާގެ ބަޖެޓެއް
  • މިއީ 645,730 ރުފިޔާގެ އަރަނި ބަޖެޓެއް
  • ބަޖެޓުގެ ބޮޑު ބައެއް ކަމަށްވާ 71.7 މިލިއަން ރުފިޔާ ހޯދާނީ ލޯނުގެ ގޮތުގައި
  • އެންމެ ބޮޑު ޚަރަދެއް ކުރުމަށް ކަނޑައަޅާފައިވަނީ ސްވިމިން އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް

މޯލްޑިވްސްއިން އެކުއަޓިކްސްއިން މިއަހަރަށް 97 މިލިއަން ރުފިޔާގެ ތާރީޚީ ބޮޑު ބަޖެޓެއް ފާސްކޮށްފިއެވެ.

މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ތިން ގުނަ ބޮޑު އަދަދެކެވެ. މިދިޔަ އަހަރު އެސޯސިއޭޝަނުގެ ބަޖެޓަކީ 37 މިލިއަނެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން މޯލްޑިވްސް އެކުއަޓިކްސްއަށް ބަދަލުކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ އެސޯސިއޭޝަންގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި މި ބަޖެޓް ފާސްކުރީ މެމްބަރުންގެ ފުރިހަމަ ތާއީދާއެކުގައެވެ.

މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ޖުމްލަ އަދަދަކީ 97,249,198 (ނުވަދިހަ ހަތް މިލިއަން، ދެލައްކަ ސާޅީސް ނުވަހާސް، އެއްސަތޭކަ ނުވަދިހަ އަށް) ރުފިޔާއެވެ. ބަޖެޓުގައިވާ ގޮތުން މިއަހަރުގެ ތެރޭގައި 96,603,468 ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، މިއީ 645,730 ރުފިޔާގެ އަރަނި ބަޖެޓެކެވެ.

އާމްދަނީ ހޯދާނެ ގޮތްތައް ބަޖެޓުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބޭރުގެ ފަރާތްތަކުން ނުވަތަ މާލީ އިދާރާތަކުން ލިބޭނެ ކަމަށް ބެލެވޭ ލޯނު އެހީއެވެ. ލޯނުގެ ގޮތުގައި 71.7 މިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވާއިރު، އާމްދަނީގެ އެހެނިހެން މަސްދަރުތަކަކީ:

  • އެކިއެކި ފީތަކުން: 12.8 މިލިއަން ރުފިޔާ.
  • ހިލޭ އެހީގެ ގޮތުގައި: 6.6 މިލިއަން ރުފިޔާ.
  • ސަރުކާރުގެ ބަޖެޓުން: 3.6 މިލިއަން ރުފިޔާ

ޚަރަދުތައް ބެހިފައިވާ ގޮތް މި ބަޖެޓުގެ އެންމެ މުހިންމު އަމާޒަކީ ރާއްޖޭގައި ސްވިމިންގެ ވަސީލަތްތައް ނުވަތަ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމެވެ. ބަޖެޓުގެ ބޮޑު އިންސައްތައެއް ކަމަށްވާ 76.8 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ކެޕިޓަލް ޚަރަދުތަކަށެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ އިންފްރާސްޓްރަކްޗަރ ބިނާކުރުމަށެވެ.

އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ނުވަތަ ރިކަރެންޓް ޚަރަދުގެ ގޮތުގައި 19.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާނީ މިހާރު ހުރި އެކުއަޓިކް ސެންޓަރުތައް މަރާމާތުކޮށް ބެލެހެއްޓުމަށެވެ. އެގޮތުން ސެންޓަރުތައް ބެލެހެއްޓުމަށް އެކަނިވެސް 9.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި ބިޔަ ބަޖެޓާއެކު، ސްވިމިން އެސޯސިއޭޝަނުން އަމާޒު ހިފާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްވިމިންގެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ފެތުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު