ކަނޑުމަގުން ދެ ހާހެއްހާ ވޭޕް ކާޓްރިޖް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

މީގެ ކުރިން ފުލުހުން އަތުލި ބައެއް ވޭޕާއި ސިނގިރޭޓު: ކަސްޓަމްސްއިން ވަނީ ދެހާހެއްހާ ވޭޕް އިއްޔެ ހިފަހައްޓައިފަ -- ފޮޓޯ/ ފުލުހުން

ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. އިއްޔެ މާލޭ ވިޔަފާރި ބަނދަރުން އަތުލައިގަތް މި ޝިޕްމަންޓްގައި އެއް ހާސް ނުވަ ސަތޭކަ ސާޅީސް ވޭޕް ކާޓްރިޖް ހިމެނެއެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ކަސްޓަމްސްއިން ހާމަކޮށްފައި ނުވާއިރު، މި މައްސަލަ ދަނީ ތަޙްޤީޤުކުރަމުންނެވެ. ސަރުކާރުން ވޭޕް މަނާކުރި ފަހުން މިފަދަ ތަކެތި ވަގަށް އެތެރެކުރުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.

  • މާލޭ ވިޔަފާރި ބަނދަރުން 1940 ވޭޕް ކާޓްރިޖް އަތުލައިގަތުން
  • މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ހާމަކޮށްފައި ނުވުން
  • ކަސްޓަމްސްއިން މި މައްސަލަ ތަޙްޤީޤުކުރަމުން ދިއުން
  • ވޭޕް މަނާކުރި ފަހުން ވަގަށް އެތެރެކުރުން އިތުރުވެފައިވުން

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ހާހެއްހާ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި، މާލޭ ވިޔަފާރި ބަނދަރުން ކަމަށެވެ.

އެގޮތުން 1،940 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް، ކަސްޓަމްސް އިން ބުންޏެވެ.

ނަމަވެސް ވޭޕް ކާޓްރިޖްތައް އަތުލި މައްސަލައިގައި ފުލުހުންނާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަސްޓަމްސްއިން ހާމަ ނުކުރެއެވެ.

ކަސްޓަމްސްއިން ދަނީ މި މައްސަލަ ބަލަމުންނެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން، އޭގެ އެއް މަސް ދުވަސް ފަހުން ވަނީ މަނާކޮށްފައެވެ.

އޭގެ ފަހުން، ވަގަށް ސިނގިރޭޓާއި ވޭޕް އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ.

އެގޮތުން ވޭޕް މަނާކުރި ފަހުން ހިފެހެއްޓި އޭގެ އެންމެ ބޮޑު ޝިޕްމެންޓް ހިފެހެއްޓީ މިދިޔަ ނޮވެންބަރު މަހުގެ ކުރީކޮޅެވެ. އެގޮތުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފައިވެއެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާކުރި ކަމަށް ބުނި ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް ފުލުހުން ނުބުނެއެވެ.

އަދި މިދިޔަ ފެބްރުވަރީ މަހުގެ މެދުތެރޭ، ރާއްޖޭގައި ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު، 959 ނެނޯސްޓިކާއެކު މާލޭން ހައްޔަރުކޮށްފައިވެސް ވެއެވެ.

comment ކޮމެންޓް