35 ދުވަސް ފަހުން، އަންނަ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފަށަނީ

ޕީއެންސީގެ މެންބަރުން ހުވާކުރަން ވަޑައިގަންނަވަނީ: ޖަލްސާތައް ފަށަނީ އަންނަ ހޯމަ ދުވަހު-- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 35 ދުވަސް ފަހުން، އަންނަ ހަފުތާގެ ހޯމަ ދުވަހު އަލުން ޖަލްސާތައް ފަށާނެކަން މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުން ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ މާރިޗު މަހުގެ އަށްވަނަ ދުވަހުއެވެ. މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ. ދައުލަތުން ބޮޑު މުސާރައާއި އިނާޔަތްތައް މެންބަރުންނަށް ދޭއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާ އާންމުންގެ ތެރޭގައި ވަނީ ބޮޑުވެފައެވެ.

  • މަޖިލީހުގެ ޖަލްސާތައް 35 ދުވަހުގެ މެދުކެނޑުމަކަށްފަހު އަންނަ ހޯމަ ދުވަހު ފަށާނެ
  • މި ދައުރުގައި އެންމެ ފަހުން ޖަލްސާއެއް ބޭއްވީ މާރިޗު މަހުގެ އަށްވަނަ ދުވަހު
  • ޖަލްސާތައް މެދުކަނޑާލީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ވަގުތު ދިނުމަށް ކަމަށް ބެލެވޭ
  • ބޮޑު މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތްނުކުރާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި އެބައޮތް

މިދިޔަ ރަމަޟާން މަސް ނިމެން 11 ދުވަހަށް ވެފައިވަނިކޮށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، އެއް މަސް ފަހުން އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ޖަލްސާތައް ފަށާނެކަން، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.

އެންމެ ފަހުން، ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮތީ މިދިޔަ މާރިޗު މަހުގެ އަށްވަނަ ދުވަހެވެ، އަންނަ ހަފުތާގެ ހޯމަ ދުވަހަކީ މި އޭޕްރިލް މަހުގެ 13ވަނަ ދުވަހެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ 35 ދުވަސްވީއެވެ.

'ސަން'އިން ސުވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ، އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންނާނެ ކަމަށެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރު މަޖިލީހުގެ ޖަލްސާތައް ފެށީ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހެވެ. އޭގެ ފަހުން އެ މަހުގެ 10ވަނަ ދުވަހާއި، 11ވަނަ ދުވަހާއި، 17ވަނަ ދުވަހާއި، މިދިޔަ މާރިޗު މަހުގެ އަށްވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށްފަހު އެއްވެސް ޖަލްސާއެއް އަދި ނުބާއްވައެވެ.

ރަމަޟާން މަހު މަޖިލީހުގެ އެންމެ ޖަލްސާއެއް ބޭއްވި ނަމަވެސް، މި ދައުރުގައި ދޭތެރެއަކުން ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވިއެވެ. އެކަމަކު ކޮމިޓީތަކުންވެސް މާ ބޮޑު މަސައްކަތެއް، ދައުރު ފެށިގެން އަދި ކޮށްފައި ނުވެއެވެ.

ބެލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލީ ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބުގެ ކެމްޕެއިންގައި މެންބަރުން ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެއީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން، ކައުންސިލު އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އާންމުންގެ ޚިޔާލު ހޯދާ ވޯޓުގެ ކެމްޕެއިންގައި ގިނަ ވަގުތު ހޭދަކުރައްވައިފައި ވާތީއެވެ.

ސަރުކާރުގެ މެޖޯރިޓީން ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ. އަދި މަޖިލީހުގެ އިދާރާ ހިންގުމަށް ވެސް ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ކުރެއެވެ. އެކަމަކު އެ ލިބޭ މުސާރައާއި އިނާޔަތްތަކާ އެއްވަރަށް މެންބަރުން މަސައްކަތްނުކުރާ ކަމުގެ ޝަކުވާ ބޮޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް