ޔަހޫދީންނާއި ނަސާރާއިންގެ ގިނަ ހަމަލާތައް އީރާނުގެ ހޮސްޕިޓަލްތަކަށާއި ސައެންޓިފިކް މަރުކަޒުތަކަށް

އެމެރިކާއާއި އިސްރާއީލުން ބޮން އަޅައި ހަލާކުކޮށްލާފައިވާ އީރާނުގެ ހޮސްޕިޓަލެއްގެ ކުރިމަތީގައި އީރާނުގެ ދެ ޑޮކްޓަރުން

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ ތިރީސް ޔުނިވަރސިޓީއަކަށާއި ގިނަ ޢަދަދެއްގެ ހޮސްޕިޓަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ. އީރާނުގެ ސަރުކާރުން ބުނާ ގޮތުގައި މި ޙަމަލާތަކުގެ މައިގަނޑު މަޤްޞަދަކީ އެ ޤައުމުގެ ޢިލްމީ އަދި ސައިންޓިފިކް ކުރިއެރުންތައް ހުއްޓުވައި، ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބާރުފޯރުވުމެވެ. ތެހެރާންގައި ހުންނަ އެންމެ ބޮޑު ސައިންޓިފިކް ރީސަރޗް ސެންޓަރަށްވެސް ދާދިފަހުން ޙަމަލާދީފައިވާއިރު، ކުރިން މަޢުލޫމާތު ލިބިގެން މީހުން ހުސްކުރުމުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައެއް ނުވެއެވެ. މީގެ އިތުރުން، އީރާނުގެ ޞިއްޙީ ދާއިރާއަށް ލިބެމުންދާ ގެއްލުންތަކާ ގުޅިގެން ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • އީރާނުގެ 30 ޔުނިވަރސިޓީއަކަށާއި ގިނަ ހޮސްޕިޓަލްތަކަކަށް ޙަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވުން.
  • ތެހެރާންގައި ހުންނަ އެންމެ ބޮޑު ސައިންޓިފިކް ރީސަރޗް ސެންޓަރު އެއްކޮށް ހަލާކުކޮށްލާފައިވުން.
  • ޙަމަލާތަކުގެ ކުރިން ރީސަރޗް ސެންޓަރު ހުސްކޮށްފައިވުމުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވުން.
  • އީރާނުގެ 8 ހޮސްޕިޓަލަކަށާއި 12 ޞިއްޙީ މަރުކަޒަކަށް ގެއްލުންލިބުމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން ކަންބޮޑުވުން ފާޅުކުރުން.
  • އީރާނުގެ ޢިލްމީ ޤާބިލުކަން ނައްތާލައި ޤުދުރަތީ ވަސީލަތްތައް ހޯދުމަކީ ޙަމަލާތަކުގެ މައިގަނޑު ބޭނުންކަމަށް އީރާނުން ތުހުމަތުކުރުން.

ތެހެރާން (5 އެޕްރީލް 2026): އެމެރިކާއާއި އިސްރާއީލުން އެއްވެސް ހައްގު ކަމަކާނުލައި އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ އަދި ޣައިރު ގާނޫނީ ހަނގުރާމައިގައި އީރާނުގެ 30 ޔުނިވާސިޓީއަކާއި އެތަށް ހޮސްޕިޓަލަށް ހަމަލާދީ އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ މީޑީއާ ބުނާގޮތުން ޔުނިވާސިޓީތަކަށް ހަމަލާދިނުމުގެ އިތުރުން ގިނަ އަދަދެއްގެ ސްކޫލްތަކާއި ރީސާޗް ސެންޓަރުތަކަށް ވެސް އެމެރިކާއާއި އިސްރާއީލުން ގެންދަނީ ހުއްޓުމެއްނެތި ހަމަލާތައް ދެމުންނެވެ.

މިކަމުގެ ބޭނުމަކީ އާދަޔާ ޚިލާފު ބާރުމިނެއްގައި އީރާން ހާސިލް ކުރަމުންގެންދާ ސައެންޓިފިކް ކުރިއެރުން ހުއްޓުވައި އާރެއް ބާރެއްނެތް ޖާހިލު ގައުމަކަށް އީރާން ހެދުމަށްފަހު އީރާނުގެ ތެލާއި ގުދުރަތީ ވަސީލަތްތަކަށް އަތްގަދަކުރުން ކަމަށްވެސް އީރާނުގެ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ މީޑީއާ ބުނެއެވެ.

އެމެރިކާ އާއި އިސްރާއީލުން އިއްޔެ އީރާނަށް ދިން ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވަނީ ތެހެރާންގައި ހުންނަ އީރާނުގެ އެންމެ ބޮޑު ސައެންޓިފިކް ރީސާޗް ސެންޓަރަށެވެ. މިއީ އެތަށް ބާވަތެއްގެ އިލްމީ ދިރާސާތައްކުރާ ތަނެކެވެ. ޔަހޫދީންނާއި ނަސާރާއިން ގެ މި ހަމަލާތަކުގައި އެއިމާރާތް ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ.

ނަމަވެސް މި ހަމަލާތަކުގައި އެ ތަނުގައި މަސައްކަތްކުރާ ސައެންސްވެރިންނަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެއެވެ. އެއީ އެމެރިކާއާއި އިސްރާއީލުން އެތަނަށް ހަމަލާދޭނެކަމަށް ބަލައި އެތަނުން މީހުން ހުސްކޮށްފައިވާތީއެވެ.

އީރާނުގެ ސައިންސާއި ޓެކްނޮލޮޖީއާބެހޭ ވަޒީރު ޙުސައިން ސީމާޔީ ވިދާޅުވިގޮތުގައި ނަސާރާއިންނާއި ޔަހޫދީންގެ ބޭނުމަކީ އީރާންގެ ސައެންޓިފިކް ކުރިއެރުމާއި އިލްމީ ގާބިލްކަން އެއްކޮށް ނައްތާލުމެވެ. މިކަން ކޮށްގެން މެނުވީ އީރާނުގެ މައްޗަށް ކާމިޔާބު ނުހޯދޭނެކަމާއި އީރާނުގެ ތެލާއި ގޭސްފަދަ ގުދްރަތީ ރިސޯސްތައް ވަގަށް ނެގޭނީވެސް އީރާނުގެ އިލްމީ ގާބިލްކަން ނައްތާލުމަށްފަހުގައި ކަން ޔަހޫދީންނާއި ނަސާރާއިންނަށް ރަނގަނޅަށް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ އުދުވާނީ ހަމަލާތަކުގައި ދެން އެންމެ ގިނަ ހަމަލާތައް އަމާޒުކުރަނީ އީރާނުގެ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށެވެ.

ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްއިއްޔާ އިންވަނީ މިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުން މިހާތަނަށް އީރާނުގެ އަށް ހޮސްޕިޓަލަކަށް ބޮންއަޅާފައިވާއިރު ސިއްހީ ޚިދުމަތްދޭ އިތުރު 12 މަރުކަޒެއް ވަނީ ބިމާ ހަލާކޮށްލާފައެވެ. ޑޮކްޓަރީ ބޭސް އުފައްދާ ދެ ލޮބޯޓްރީ އަކަށްވެސް ބޮންއަޅައި އެތަންތަންވަނީ ހަލާކުކޮށްލާފައެވެ.

އީރާނުން އެމެރިކާގެ ހިޓްލަރުގެ ގޮތުގައި ސިފަކުރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތެލާއި ކަރަންޓާއި ބޯ ފެނުގެ ވަސީލަތްތައް އެއްކޮށް ހަލާކުކޮށް އިންސާނުން ލިޔަންކިޔަން ދަތުމުގެ ކުރިން އިންސާނުން ދިރިއުޅެމުން ދިޔަ ހާލަތު ކަމަށްވާ ސްޓޯން އޭޖްގެ ހާލަތަށް އީރާން ވައްޓާލާނެކަމުގެ އިންޒާރު ދީފައެވެ.

ޓްރަމްޕަކީ ކުރީގެ ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރު ގޮތަށް ގައުމުތަކަށް އަރައިގަނެ ގައުމުތަކުގެ ގުދްރަތީ ވަސީލަތްތައް ވަގަށް ނެގުމަށް މަސައްކަތްކުރާ މުޖްރިމެއްގެ ގޮތުގައި ސިފަކުރެވެމުންދާ ނުރައްކާތެރި އަނިޔާވެރިއެކެވެ. ޓްރަމްޕްގެ ބައިވެރިޔާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަކީވެސް ހިޓްލަރު ގޮތަށް ނަސްލު ނައްތާލުގެ ޖަރީމާ ހިންގަމުން ގެންދާ ނުރައްކާތެރި މުޖްރިމެކެވެ.

ނަތަންޔާހޫ ވަނީ ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތައް ފުޅާދާއިރާއެއްގައި ހިންގާފައެވެ. އަދި އޭނާ ގެންދަނީ ލުބްނާނަށް ހަމަލާދީނ ލުބްނާން އަތްދަށުލުމަށްވެސް ހަނގުރާމަ ކުރަމުންނެވެ. މީގެއިތުރުން ނަތަންޔާހޫ ވަނީ އަރަބި ހަ ގައުމެއްގެ ބިންތަކަށް ވެރިވެގަނެ ސަރަހައްދު އިސްތިއުމާރުކޮށް ގްރޭޓާ އިސްރާއީލުގެ ނަމުގައި ޔަހޫދީ ބޮޑު އިސްތިއުމާރީ އެންޕަޔާ އެއް އުފެއްދުމަށް މަސައްކަތްކުރާ ކަން އެތަށް ފަހަރަކު ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު