މައި ދެ އިންތިޚާބު އެއް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑަށް ވަކާލާތު ކުރައްވައި ނެންގެވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގެ ވަގުތީ ނަތީޖާ ދައްކާގޮތުން, ޕީއެންސީގެ މެންބަރުންގެ ދަފުތަރުގައި ތިބި މީހުންނާ އެއް ވަރަށް ވެސް އަދި ސަރުކާރަށް ވޯޓެއް ނުލިބެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ އިންތިޚާބުގައި ކެމްޕެއިނަށް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރި ސަރުކާރުގެ ވިސްނުމާ އެއްކޮޅަށް މިހާތަނަށް ލިބިފައިވަނީ 67137 އެއްހާ ވޯޓެވެ. ސަރުކާރުގެ ވިސްނުމާ ދެކޮޅަށް މިހާތަނަށް 146112 ވޯޓް ލިބިފައިވެއެވެ.
މިއީ 10 ފޮށި ފިޔަވާ އެހެން ހުރިހާ ފޮއްޓެއް ގުނުމުން ލިބުނު ނަތީޖާއެވެ.
https://boduninmun-2026.sun.mv
ގިނަ ފޮށިތަކެއްގެ ނަތީޖާ ލިބި ނިމިފައިވާއިރު, ސަރުކާރަށް މި ލިބުނު އަދަދަކީ ސަރުކާރު ހިންގާ ޕީއެންސީގެ ދަފުތަރުގައި ތިބި މެންބަރުންގެ އަދަދަށް ވުރެ ވެސް މަދު އަދަދެކެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރު ބުނާގޮތުން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ޕީއެންސީގައި ތިބި މެންބަރުންގެ އަދަދަކީ 74,048 އެވެ.
ޕީއެންސީއަށް ކުއްލިއަކަށް މެންބަރުން އިތުރު ކުރިއިރު, ވަގަށް މީހުން ވެއްދިކަމުގެ އެތައް މައްސަލައެއް އޭރު ފެންމަތިވިއެވެ. އަދި އެކަމަށް ދައުލަތުގެ އޮފީސްތަކާއި ވަސީލަތްތައް ބޭނުންކުރި ކަމުގެ އެތައް ތުހުމަތެއް އޭރު ކުރެވުނެވެ.
މި ސަރުކާރަށް ދެބައިވިއިރު އޮތް މި އިންތިޚާބުން މި ލިބުނު ނަތީޖާއަކީ ސަރުކާރުގެ ހިންގުނެތެރިކަމާމެދު އާއްމުން ނުރުހޭކަން އަންގައި ދިން ކަމެއް ކަމަށް, ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ހަމަ އެކަނި ފެންނަ ނުފެންނަ ވޯޓެއް ނޫނެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން ސަރުކާރުގެ ކެންޑިޑޭޓުންނާ ވާދަ ކުރައްވައި, އެމްޑީޕީގެ މޭޔަރުން ވަނީ ދިފާއު ކުރައްވައިފައެވެ. އަދި ސިޓީތަކުގެ ގިނަ ގޮނޑިތަކާއި އެ ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ކަމާއި ގިނަ ގޮނޑިތައް ވެސް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.
މީގެ އިތުރުން ވެސް އިންތިޚާބާ ދިމާކޮށް ސަރުކާރުން ބޮޑެތި މަޝްރޫއުތައް ފެށި ރަށްތައް ކަމަށްވާ ހއ. ދިއްދޫ އާއި އެ އަތޮޅު ހޯރަފުށި ފަދަ އާބާދީ ބޮޑު ބައެއް ރަށްރަށުން ވެސް ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.
ސަރުކާރު ހިންގާ ޕީއެންސީން ވެސް ވަނީ ރ. ފައިނާއި, ށ. ނަރުދޫ ފަދަ ރަށްރަށުން މެޖޯރިޓީ ހޯދައިފައެވެ. ސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ މިހާތަނަށް މުޅިން އެމްޑީޕީ ރަސްކަން ކުރަމުން ދިޔަ އއ. އުކުޅަހުގެ ކައުންސިލް ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބު ކުރުމެވެ.