ފިލްމީ ދާއިރާގައި މަސައްކަތްކުރާ ކޮންމެ އެކްޓަރަކަށްވެސް އެ މީހަކު ކުރާ ހިތްވާ މަސައްކަތެއް އިހްތިޔާރު ކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ބޮލީވުޑްގެ ޖޫނިއަ ބައްޗަން އެކްޓަރު އަބީޝެކް ބައްޗަން ބުނެފިއެވެ.
ފިލްމު "ދޫމް"، "ބްލަފްމާސްޓަ" އަދި "ދަސް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރު ހިތްހަމަޖެހޭ، މަޑުމައިތިރި ކެރެކްޓާތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ބުނީ، އޭނާގެ ކެރިއަރުގައި ފިލްމުތައް އިހްތިޔާރު ކުރުމުގައި ބަލާފައި ވަނީ މާކެޓުގެ ރޭންކިންގްސްތަކަށް ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ އިހްސާސްތަކާއި ޝައުގުވެރިކަމަށް ބިނާކޮށް ނިންމާފައިވާ ނިންމުންތަކެއް ކަމަށެވެ.
ލިލީ ސިންގްގެ ޕޮޑްކާސްޓްގައި ވާހަކަދައްކަމުން އަބީޝެކް ބުނީ، އިންޑަސްޓްރީގައި 'ނަންބަރު ވަން' އެކްޓަރަށް ވުމަށްޓަކައި ކުރަންޖެހޭ ކަންކަމަށްވުރެ ބޮޑަށް، އޭނާއަށް ކަމުދާ އަދި އެ ކެރެކްޓާއަކަށް އޭނާގެ ހިތްއެދޭ ރޯލުތަކަށް އިސްކަންދޭ ކަމަށެވެ.
"އަހަރެމެން ފިލްމީ އެކްޓަރުންގެ ގޮތުގައި، ހާއްސަކޮށް އަހަރެމެންގެ މި އިންޑަސްޓްރީގައި ހަނދާން ނެތެނީ، އެކްޓަރަކަށް އެމީހަކު ޝައުގުވެރިވާ މަސައްކަތެއް އިހްތިޔާރު ކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެކަން. އެއީ އެންމެ މޮޅު އެކްޓަރަށް ވުމަށްޓަކައި މީހުން އުންމީދުކުރާ ކަންކަން ކުރުމެއް ނޫން. މިއީ ފަންނެއް، އެކަން އަހަރެމެން ހަނދާން ނެތެނީ" އަބީޝެކް ބުނެފައިވެއެވެ.

އަބީޝެކް ފިލްމު "ރާޖާ ޝިވާޖީ"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
ބޮލީވުޑްގައި އެކްޓަރުންގެ ކާމިޔާބީ މިނެކިރަނީ އާންމުކޮށް އެމީހުންގެ ފިލްމުތަކަށް ލިބޭ އާމްދަނީއަށް ބަލައިގެން ކަމަށްވިޔަސް، އަބީޝެކްގެ މި ވިސްނުމަކީ ތަފާތު ވިސްނުމެކެވެ.
އޭނާ ބުނި ގޮތުގައި ފިލްމުތައް އިހްތިޔާރު ކުރުމުގައި ބޮޑަށް ބަލަނީ އެ ވާހަކައަކާއި ކެރެކްޓާއަކާ އަމިއްލައަށް އޮންނަ ގުޅުމަށެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އަބީޝެކް ކުޅެފައިވާ ފިލްމުތަކަށް ބަލާއިރު، އެއީ ތަފާތު އަދި އަމިއްލަވަންތަކަމެއް ހުރި ފިލްމުތަކެއްކަން ފާހަގަކުރެވެއެވެ.
މޮޅު ކެރެކްޓާތަކުން އިންޑަސްޓްރީ ފުރިފައިވާއިރު، އަބީޝެކް ބައްޗަންގެ މި ވާހަކަތަކުން ދޭހަވަނީ ފަންނުވެރިއެއްގެ ގޮތުގައި އަމިއްލަ ނަފްސަށް އިތުބާރުކޮށް، އުފެއްދުންތެރި ކެރެކްޓާތައް ހޯދުމަކީ ވަކި ވަނައެއް ހޯދުމަށްވުރެ މާ މުހިންމު ކަމެއް ކަމެވެ.
އަބީޝެކް ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާ ތާރީޚީ ފިލްމު "ރާޖާ ޝިވާޖީ"އިންނެވެ.