ނާކާމިޔާބަކީ ހިތްވަރުކޮށް މަސައްކަތްކުރަން ލިބޭ ކަންކަން ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއް: ވަޒީރުން

ރައީސްގެ ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ހުއްޓިފައިވާ މަަޝްރޫއުތައް ކުންފުނިތަކާ ހަވާލުކުރަނީ ގެއްލުން ނުވާނެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ނިމިދިޔަ ކައުންސިލްތަކުގެ އިންތިޚާބާއި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށްފަހު، ސަރުކާރުގެ ވަޒީރުން ވަނީ އެ ނާކާމިޔާބީއަކީ ކަންކަން އިސްލާހުކޮށް އިތުރަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބަލި ގަބޫލުފުޅުކުރައްވައި، ކާމިޔާބު ހޯދި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ރަނގަޅުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. އިދިކޮޅު އެމްޑީޕީން ފަސް ސިޓީގެ މޭޔަރުކަން ދިފާއުކޮށްފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ މިއީ ސަރުކާރަށް އިތުބާރު ނެތްކަން ހާމަވި ނަތީޖާއެއް ކަމަށް ވިދާޅުވެ، ރައީސްގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ.

  • ސަރުކާރުގެ ވަޒީރުން އިންތިޚާބުގެ ނަތީޖާ ބަލައިގަތީ ކަންކަން އިސްލާހުކުރުމުގެ ފުރުސަތެއްގެ ގޮތުގައެވެ.
  • ރައީސް މުޢިއްޒު ވަނީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ ދައްކަވައި، ކާމިޔާބުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.
  • ޚިޔާލު ހޯދުމުގެ ވޯޓުގައި 68.7 ޕަސެންޓް މީހުން ނިންމީ ދެ އިންތިޚާބު އެއްކޮށް ނުބޭއްވުމަށެވެ.
  • އިދިކޮޅު އެމްޑީޕީން ވަނީ ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަމާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާކަން ކާމިޔާބުކޮށްފައެވެ.
  • ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ.

ނާކާމިޔާބުވުމަކީ ހިތްވަރުކޮށް ގަދައަޅައި މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި، އިންތިޚާބުގެ ނަތީޖާއަކީ ކަންކަން ފުންކޮށް ވިސްނައި، ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއް ކަމަށް، ސަރުކާރުގެ ވަޒީރުން ވިދާޅުވެއްޖެއެވެ.

އިއްޔެ ނިމުނު ކައުންސިލުތަކުގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނެގި ޚިޔާލު ހޯދުމުގެ ވޯޓަށްފަހު، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ކޮންމެ ނަތީޖާއަކީ ނިމުމެއްނޫން ކަމަށެވެ. އަދި ކާމިޔާބީގައި ހިތްތިރިކުރަންޖެހޭ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ހަމަ އެހެންމެ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެކެވެ، ރައްޔިތުންނަށް ޚިދުމަތް ކުރުން މިނަން ޖެހޭނީ ލިބޭ ކާމިޔާބީއަކުން އެކަންޏެއްނޫނެވެ، އެހެނެއްކަމަކު ސާބިތުކަމާއެކު ކަންކަން އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުންނެވެ،" މުއްޠަލިބު ލިޔުއްވައިފައިވެއެވެ.

ދިމިގުރާތީ ނިޒާމުގައި ރައްޔިތުންގެ ކޮންމެ ނިންމުމަކަށް އިހުތިރާމްކޮށް ހިތްވަރުކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއްނޫނެވެ، ތާރީޚު ލިޔެވެނީ ބައިބަޔަށެވެ، ޚިދުމަތްކުރުމުގައި މަގުސަދެއް އޮތް މީހަކު ދެ ސަފްޙާ ދޭތެރެއިން ނުގެއްލޭނެއެވެ،" މުއްޠަލިބު ލިޔުއްވައިފައިވެއެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް 'އެކްސް'ގައި މިއަދު ލިޔުއްވިގޮތުގައި، އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނައި ކަންކަން އިސްލާހުކުރުމަށް ލިބޭ ފުރުސަތެކެވެ.

"އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި، މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް އެމަނިކުފާނު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް، މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި،" ޝިޔާމް ލިޔުއްވައިފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އިންތިޚާބުގެ ނަތީޖާއަށްފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ބަލި ގަބޫލުފުޅުކުރައްވައި، އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވައިފައެވެ.

އެ މަނިކުފާނު ލިޔުއްވި ޕޯސްޓެއްގައިވަނީ، އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި، އިންތިޚާބު ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

"ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" އެ މަނިކުފާނު ލިޔުއްވައިފައިވެއެވެ.

https://sun.mv/220147

ރައީސް މިފަދައިން ލިޔުއްވައިފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ، އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރަށް އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް ނެގި ވޯޓެއްގެ ގޮތުގައި ސިފަކުރައްވައި، ބޮޑު ތަފާތަކުން ރައްޔިތުން ސަރުކާރަށް ނޫނެކޭ ބުނެފި ކަމަށް ވިދާޅުވެފައެވެ.

"މިފަދަ ވަގުތުތަކުގައި އެންމެ ރަނގަޅުގޮތަކީ، އެންމެ މަސްލަހަތު ރަނގަޅުގޮތަކީ އިތުބާރުނުކުރާ ސަރުކާރެއް އޮތުމުގެ ބަދަލުގައި މިވަގުތު ހުރި ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވުމަށްފަހު އަވަސް އިންތިޚާބަކަށް ދިއުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/220152

ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން، "ސަން"އަށް މިހާތަނަށް 195،614 ވޯޓެެއްގެ ނަތީޖާ ލިބިފައިވާއިރު، 68.7 ޕަސެންޓް މީހުން ވަނީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ވޯޓު ދީފައެވެ. ދެ އިންތިޚާބު އެއްކޮށް ބާއްވަން ވޯޓު ދިނީ 31.3 ޕަސެންޓް މީހުން ކަމަށް އެ ވޯޓުތަކުން ދައްކައެވެ.

އޭގެ އިތުރުން، އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާ މިހާތަނަށް ދައްކާ ގޮތުގައި، ފަސް ސިޓީކަމަށްވާ މާލެއާއި ފުވައްމުލަކާއި އައްޑުއާއި ކުޅުދުއްފުށްޓާއި ތިނަދޫގެ އެމްޑީޕީގެ މޭޔަރުން ވަނީ، އެ މަގާމުތައް ދިފާއުކުރައްވައިފައެވެ. އަދި އެ ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާގެ މަގާމުތައްވެސް ހޯދައި، އިދިކޮޅު އެމްޑީޕީން ވަނީ އަޣުލަބިއްޔަތު ހޯދައިފައެވެ.

comment ކޮމެންޓް