މުޅި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމު ހިމެނޭހެން، އެ ކޮމިޓީގެ ސާފު އަޣުލަބިއްޔަތު، މައި އިދިކޮޅު އެމްޑީޕީން ހޯދައިފިއެވެ.
އިއްޔެ ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، ވިލިމާލެ ދާއިރާ ފިޔަވައި ބާކީ ހުރި ގޮނޑިތައް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
އެގޮތުން، މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކެނޑިޑޭޓުން އިންތިޚާބުވި ގޮތަށް ބަލާލާއިރު:
- އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ ރައީސާ: ޢާއިޝަތު ރީޝާ
- މާފަންނު އުތުރު ދާއިރާ: މަރްޔަމް ޝީޒާ
- މާފަންނު މެދު ދާއިރާ: މަރްޔަމް ނާޞިފާ ޢުމަރު
- މާފަންނު ދެކުނު ދާއިރާ: ބަދޫރާ
- މާފަންނު ހުޅަނގު ދާއިރާ: އާމިނަތު ޝަފީޤާ
- މައްޗަންގޮޅި އުތުރު ދާއިރާ: ޙައްވާ ސަހްވާ
- މައްޗަންގޮޅި މެދު ދާއިރާ: ރަޝީދާ ރަޝާދު
- މައްޗަންގޮޅި ދެކުނު ދާއިރާ: މަރްޔަމް ޒާހިރާ
- ހެންވޭރު އުތުރު ދާއިރާ: ޢާއިޝަތު ރިޔާޝާ
- މެދުހެންވޭރު ދާއިރާ: ޢާއިޝަތު މޫސާ
- ހެންވޭރު ދެކުނު ދާއިރާ: އާމިނަތު ސޯނިޔާ
- ހެންވޭރު ހުޅަނގު ދާއިރާ: މަރްޔަމް ރަޝީދާ އިބްރާހީމް
- ގަލޮޅު އުތުރު ދާއިރާ: ޢާއިޝަތު ނަޒާހަތު
- ގަލޮޅު ދެކުނު ދާއިރާ: ފާޠިމަތު ޝިރުމީނާ
- ހުޅުމާލޭ އުތުރު ދާއިރާ: ފާޠިމަތު ސިބާ
- ހުޅުމާލޭ މެދު ދާއިރާ: ފާޠިމަތު ޔޫޙާ އިބްރާހީމް
- ހުޅުމާލޭ ދެކުނު ދާއިރާ: މަރްޔަމް އަމީނާ
- ވިލިމާލެ ދާއިރާ: ހިޝްމާ އަޙްމަދު
މީގެ ތެރެއިން ހިޝްމާއަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ މާލޭގެ ކޮމިޓީގައި ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރައްވާ ހަމައެކަނި މެންބަރެވެ. ފާހަގަކުރެވޭ ގޮތުގައި، ވިލިމާލެ ދާއިރާގެ ކައުންސިލަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި އިބްރާހީމް ސަމާޙްވެސް ތަމްސީލުކުރައްވަނީ ޕީއެންސީއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ މާލޭގެ ކޮމިޓީގެ އިތުރުން، މުޅި މާލޭގެ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު ހޯދައިފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. ޕީއެންސީއަށް ހަމައެކަނި ލިބުނީ، ވިލިމާލެ ދާއިރާގެ ކައުންސިލަރުކަމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، މާލޭގެ އިތުރުން ކުޅުދުއްފުށްޓާއި ތިނަދުއާއި ފުވައްމުލަކާއި، އަދި ދެވަނައަށް އެންމެ ވަރުގަދަކޮށް ޕީއެންސީން ކެމްޕެއިންކުރި އައްޑޫވެސް ނެގީ އިދިކޮޅު އެމްޑީޕީންނެވެ.