އީރާނުން ވައްޓާލި އެމެރިކާގެ އެފް-15އޭ ޖެޓްގައި އިން ދެވަނަ ކްރޫ އެމެރިކާގެ ސްޕެޝަލް ފޯސްއިން ސަލާމަތްކޮށްފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެެވެ.
ޖެޓް ވައްޓާލިއިރު، އޭގައި ތިބީ ދެ ކްރޫއެވެ. އޭގެ ތެެރެއިން އެކަކު ޖެޓް ވެއްޓުނުތާ އެތައް ގަޑިއިރެއް ފަހުން ވަނީ ސަލާމަތްކޮށްފައެވެ.
ދެވަނަ ކްރޫ ހޯދައި ސަލާމަތްކުރުމަށް އެއް ދުވަސް ނަގާފައިވާއިރު، ކްރޫ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ސްޕެޝަލައިޒްޑް ކޮމާންޑޯ ޔުނިޓަކުންނެވެ.
މި މިޝަންގައި ހަރަކާތްތެރިވި އެމެރިކާގެ ހުރިހާ ސިފައިން މިހާރު އީރާނުން ނިކުމެފައިވާ ކަމަށް ވެސް އޮފިޝަލަކު ބުންޏެވެ.
އީރާނުގެ ސާޗް އެންޑް ރެސްކިއު މަސައްކަތުގެ ތެރެއިން އެމެރިކާގެ ސްޕެޝަލް ފޯސްތައް ވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް ކްރޫ ހޯދުމުގެ މަސައްކަތްކޮށްފައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ވެސް ވަނީ އެ ސަރަހައްދަށް ސަލާމަތީ ބާރުތައް ފޮނުވާފައެވެ. ނަމަވެސް އެމެރިކާގެ ވައިގެ ސިފައިންގެ ޖެޓްތަކުން އީރާނުގެ ސިފައިން އެތަނަށް ނުދެވޭ ގޮތަށް ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކްރޫ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރުވެސް، މިޝަންގައި ބައިވެރިވި، އެމެރިކާގެ ބްލެކް ހޯކް ހެލިކޮޕްޓަރަކަށް އީރާނުން ވަނީ ހަމަލާދީފައެވެ.
އެެމެރިކާގެ އެފް-15 ޖެޓް ވައްޓާލާފައިވާކަން، އީރާނުން ކަށަަވަރުކޮށްދީފައި ވަނީ ހުކުރު ދުވަހެވެ.
ޖެޓް ވައްޓާލުމަށްފަހު އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބަޣްރު ޣަލިބާފް ވަނީ ހަނގުރާމައިގައި ކާމިޔާބު ހޯދި ކަމަށް ޓްރަމްޕް ތަކުރާރުކޮށް ދައްކަވާ ވާހަކަތަކަށް މަލާމާތް ކުރައްވާފައެވެ.
އެފް-15އީ ވެއްޓުމަކީ އެމެރިކާގެ އަސްކަރިއްޔާއަށް ވަރަށް ނުރައްކާ ކަމެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނުގެ އޮޕަރޭޝަންތަކުގައި އެތައް އުޅަނދެއް ގެއްލިފައިވާކަން ހާމަކޮށްފައެވެ. މީގެ ތެރޭގައި އިރާގަށް ވެއްޓުނު ޓޭންކަރަކާއި، ކުވައިތުގެ ފައުޖުތަކުން އޮޅިގެން ދިން ހަމަލާތަކެއްގައި ވެއްޓުނު އެމެރިކާގެ އެފް-15 މަރުކާގެ ތިން ބޯޓު ހިމެނެއެވެ.