އިޤުރާރުވީމޭ ލޯބިން - 20

އިޤުރާރުވީމޭ ލޯބިން -

މި ބައިގައި މައިގަނޑު ގޮތެއްގައި ފެނިގެންދަނީ އައިރާ ބަލިވެ އުޅޭތީ ޒަހްރާން އޭނާއަށް ކާއެއްޗެހި ގެނެސްދީ، ވަރަށް ބޮޑަށް އަޅާލާ މަންޒަރެވެ. އައިރާއަކީ މީހެއްގެ އަނތްބެއްކަން އެނގޭ ހިނދުވެސް، ޒަހްރާންގެ ހިތުގައި އައިރާއާމެދު ވަނީ ފުން ޖަޒުބާތުތަކެއް އުފެދިފައެވެ. ނަމަވެސް އައިރާގެ ފިރިމީހާ ރިހާމްގެ ފަރާތުން އޭނާއަށް އެއްވެސް އަޅާލުމެއް އަދި ލޯތްބެއް ނުލިބެއެވެ. ބަނޑުބޮޑުވެފައިވާ އައިރާ ޒަހްރާންގެ އެހީތެރިކަން ޤަބޫލުކުރި ނަމަވެސް، ހިލޭ ފިރިހެނެއްގެ ފަރާތުން އެފަދަ އެހީތެރިކަމެއް ހޯދުމަށް އޭނާގެ ޒަމީރު ތަނެއް ނުދެއެވެ. އެހެންކަމުން، ކާއެއްޗެހި ނުގެނެސްދިނުމަށާއި، އެފަދަ ޚަރަދުތައް ނުކުރުމަށް އައިރާ ޒަހްރާން ގާތު ތަކުރާރުކޮށް އެދެއެވެ. ޒަހްރާންގެ ހިތުގައި އައިރާއާމެދު ވަނީ ހަމައެކަނި ހަމްދަރުދީއެއް ނޫންކަން އޭނާއަށް އިޙްސާސްކުރެވެއެވެ. ވާހަކައިގެ ނިމުމުގައި، ޒަހްރާނަށް ލިފްޓު ތެރެއިން ރިހާމް ފެނުމާއެކު، ރިހާމްގެ ފަރުވާކުޑަކަމާމެދު އިންތިހާއަށް ރުޅިއާދެއެވެ. އަދި އަމިއްލަ ނަފްސުގެ މައްޗަށް އައި ރުޅީގައި، އައިރާއަށް ގެންދިޔަ ކާއެއްޗެހި ޑަސްބިނަށް އުކާލުމަށްފަހު ފޯނުން މީހަކަށް ގުޅާ މަންޒަރު ފެނިގެންދެއެވެ.

  • ޒަހްރާން އައިރާއަށް ކޮންމެ ދުވަހަކު ކާއެއްޗެހި ގެނެސްދީ، އޭނާއަށް ވަރަށް ބޮޑަށް އަޅާލައި އެހީތެރިވެދެއެވެ.
  • އައިރާ ބަލިވެއިނުމާއެކު، ފިރިމީހާ ރިހާމްގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބޭތީ ފުން ހިތާމައެއްގައި ވަގުތު ހޭދަކުރެއެވެ.
  • ހިލޭ ފިރިހެނެއްގެ ފަރާތުން އެހީތެރިކަން ހޯދަން ބޭނުންނުވާތީ، ޒަހްރާންގެ އެހީތެރިކަމަށް އައިރާ އިންކާރުކޮށް ވާހަކަދައްކައެވެ.
  • ޒަހްރާނަށް ލިފްޓު ތެރެއިން ރިހާމް ފެނުމުން އިންތިހާއަށް ރުޅިއައިސް، އައިރާއަށް ގެންދިޔަ ކާއެއްޗެހި ޑަސްބިނަށް އުކާލައެވެ.

އެ ސުވާލުކޮށްލާފައި އައިރާއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ޒަހްރާން އޭނަގެ އަތުގައި އޮތް ކޮތަޅު އައިރާއަށް ދިއްކޮށްލިއެވެ.

"ތީ..." އައިރާއަށް ލިބުނު ހައިރާންކަމާއެކު، އެކޮތަޅަށް ބަލައިލަމުން ސުވާލުކޮށްލެވުނެވެ.

"ކާއެއްޗެހި." އައިރާއާ ދިމާލަށް ކޮތަޅު ދިއްކޮށްލައިގެން ހުރި ޒަހްރާން އޭގައި ހިފާށޭ ބުނާފަދައަކުން ލޮލުން އިޝާރާތްކޮށްލިއެވެ. އައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެންނަމަވެސް ލަސްލަހުން އޭނަ އެ ކޮތަޅުގައި ހިފައިފިއެވެ. އޭރުވެސް އައިރާގެ މޫނުމަތީގައިވި ހައިރާންކަމުގެ އަސަރުތައް ފަނޑެއް ނުވެއެވެ.

"އައިރާ ބަލިވެ އުޅޭތީ... އަހަރެން ކާން ގޮސްފަ އައިއިރު ހިތަށް އެރީ ގެނެސްދޭނީއޭ..." ޒަހްރާން ބުނެލިއެވެ. އައިރާ ބަލިވެ އުޅޭތީ އައިރާގެ ޙާލު ބަލައިނުލާ ހުންނަން އޭނަގެ ހިތަށް ކެތްނުވީއެވެ. އެއީ މީހެއްގެ އަނތްބެއްވެސް މެއެވެ. އޭނަގެ ހިތުގަ ޖަޒުބާތުތަކަށް ބާރު ފޯރުވުމަކީ މިހާރު އޭނަގެ އަމިއްލަ އިޙްތިޔާރުގައި އޮތްކަމެއް ނޫން ފަދައެވެ.

ކިހާވަރެއް؟" އެކޮތަޅަށް ބަލައިލާފައި އައިރާ، ޒަހްރާނަށް އަނެއްކާވެސް ބަލައިލިއެވެ. އޭނަ ސުވާލުކޮށްލުމާއެކު ޒަހްރާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"ތީ އެވަރު ކަމެއް ނޫން.... " ޒަހްރާން ބުނެލިއެވެ. އައިރާއަށް ޒަހްރާންގެ ތުންފަތް މަތީގައިވި ލުއި ހިނިތުންވުމުގެ މާނަ ދެނެގަންނާކަށް ނޭނގުނެވެ. އޭނަ ޝުކުރު އަދާކުރިއެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟" ޒަހްރާން މިފަހަރު ވާހަކަ ދެއްކިއިރު އޭނަގެ އަޑުގައި ނުތަނަވަސްކަމާއި އެއްވަރަށް ޖެހިލުންވުމެއްގެ އަސަރުވެސް ހުއްޓެވެ. ހީވީ އޭނަ ކުރަން އެ އުޅެނީ ކުރަން ނުޖެހޭ ސުވާލެއް ހެންނެވެ. ޒަހްރާން ވިސްނައިލިއެވެ. އެ ސުވާލު އޭނަ ކުރާނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ފަސްޖެހެވުނު ނަމަވެސް، ހިތުގެ އެދުންތަކަށް ފުރަގަސްދޭން ޒަހްރާންގެ ޒަމީރު ތަނެއް ނުދިނެވެ. އެހިތުގެ ކުރިމަތީގައި އޭނައަށް މިފަހަރުވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ.

"ހޫމް...." ޒަހްރާން އެ ސުވާލު އަހައިލި ގޮތުން އެކަނިވެސް އައިރާގެ ހިތް ތެޅިލިއެވެ. އެހެންނަމަވެސް އޭނަ ބޯ ޖަހައިލަމުން ޒަހްރާންއަށް ހުއްދަދިނެވެ.

"އަސްލު އެނގޭ މީ އަހަރެން ކުރަން ޖެހޭ ސުވާލެއް ނޫންކަން... އެކަމަކު... އައިރާގެ ހަޒްބެންޑް ކޮބާތަ؟" ޒަހްރާން އެންމެފަހުން ސުވާލުކޮށްލައިފިއެވެ. އޭނަ އައިރާގެ ޖަވާބަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރިނަމަވެސް، އައިރާ ޚިޔާރުކުރީ ހިމޭންކަމެވެ. ޒަހްރާން އައިރާއަށް ބަލަހައްޓައިގެން ހުއްޓާ އޭނަ އިސްޖަހައިލައިފިއެވެ. ހީވީ ޒަހްރާން ކުރި ސުވާލަށް ދޭނެ ޖަވާބެއް އޭނަގެ އަތުގައި ނެތީހެންނެވެ. ނޫނީ އެވާހަކަ ދައްކަން ބޭނުންނުވަނީއެވެ. އައިރާ ހިންދިރުވައިލިއެވެ. އޭނަ ރިހާމްއޭ ކިޔައިގެން ބުނާނީ ކީކޭ ހެއްޔެވެ؟ ރިހާމް ހުރީ އޭނަގެ ފިރިމީހާގެ މަޤާމުގައި ނަމަވެސް، މިހާރު އެ ދެމީހުންގެ ގުޅުމަށް ދޭނެ ނަމެއް މިހާރަކު އޭނައަކަށް ނޭނގެއެވެ. އިނދެގެން އުޅޭކަން އެކަންޏެވެ. އެހެންނަމަވެސް، ދެމަފިރިންގެ ދެމެދު އޮންނަން ޖެހޭ އޯގާތެރިކަމާއި، އަޅާލުމާއި، ލޯތްބެއް އެ ދެމެދަކު ނެތެވެ. އޭނަ ކިތަންމެ ލޯބި ވިނަމަވެސް، ރިހާމްގެ ފަރާތުން އެގުޅުން ކުރިއަށް ގެންދަން ބޭނުންވާ ކަހަލަ އެއްވެސް އިޝާރާތެއް ނުލިބެއެވެ. ރިހާމް އޭނަ ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ ކުރި އެތަކެއް މެސެޖުތަކުގެ ތެރެއިން އެންމެ މެސެޖަކަށް ނަމަވެސް ޖަވާބު ދިނީ ހެވެ؟ އޭނަ ބަލިވެ ކަމަށް ބުނެ ކުރި މެސެޖުތަކަށްވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ކުޑަމިނުން މެސެޖު ބަލައެއް ވެސް ނުލައެވެ. ރިހާމްއަށްވެސް އޭނަގެ އަނތްބެއް ހުރިކަން އެނގޭނެ އެވެ. އެ އަނބިމީހާ އޭނައަށް އިންތިޒާރުކުރާކަންވެސް އެނގޭނެއެވެ. އެހެންނަމަވެސް ރިހާމްގެ ދުރުކަމާއި، ފަރުވާކުޑަކަން ދޭހަކޮށްދެނީ ރިހާމްއަށް އޭނަ މުހިންމު ނޫން ކަމެވެ.

"ޔޫ އޯކޭ؟" ޒަހްރާނަށް ސުވާލުކޮށްލެވުނެވެ. އައިރާއަށް އައި ކުއްލި ބަދަލާއި، އެމޫނުމަތި މިލައިގެން ގޮސް މަޑުމޮޅިކަމުގެ ސާލެއް ލެވިގެން ދިޔަތަން ރީތިކޮށް ޒަހްރާނަށް ފެނުނެވެ. އޭނަ ކަންބޮޑުވީ އައިރާއަށް ކަމެއް ވެދާނެތީއެވެ.

"ހޫމް... އޯކޭ..." އައިރާ ބުނެލިއެވެ.

"ސޮރީ... ކުރަން ނުޖެހޭ ސުވާލެއް ކުރެވުނީތީ..." ޒަހްރާނަށް ވެސް ބުނެވުނެވެ. އޭނަ އަނެއްކާވެސް ކަމެއް ބޭނުންވެއްޖެނަމަ ބެލް ޖަހާލަން ބުނެފައި ގޮސް ގެއަށް ވަނީއެވެ. އައިރާވެސް ދޮރު ޖެހިއެވެ. އޭނަ ގޮސް ކޮތަޅު މޭޒުމަތީގައި ބަހައްޓަމުން، ގޮނޑީގައި އިށީނދެލިއެވެ.

އެކޮތަޅަށް އައިރާގެ ނަޒަރު ހުއްޓިފައިވީއިރު، އޭނަގެ ސިކުނޑީގައި މިވަގުތު އުތުރިއަރަމުން ދިޔަ ޚިޔާލުތައް ދެނެގަންނަން އުނދަގޫވިއެވެ. އެ ދެލޮލުގައި މިހާރަކު ކަރުނައިގެ އަސަރެއް ނެތެވެ. މޫނުމަތީން ފެންނަނީ ހުސްކަމެކެވެ. އެގޮތުގައި އެތަކެއް އިރަކު އޭނައަށް އިނދެވުނެވެ. އެހެން އިނދެފައި ކޮތަޅު ގާތަށް ދަމާލާފައި ތަށި ނެގިއެވެ. އެއަށްފަހު، ޕެކިން މަތި ނައްޓާލަމުން އޭގައި ހުރި އެއްޗެއްސަށް ބަލައިލިއެވެ. ފެނު ކައްކާފާއި ހުރި ތަރުކާރީއާ މޭވާގެ އިތުރުން ޓޫނާ ފްރައިޑް ރައިސްއެކެވެ. އޭގެ އިތުރުން ކުކުޅު ފައެއްވެސް ތަށީ ތެރޭގައި އޮތެވެ.

އައިރާ ބަތްކޮޅެއް އަތުން ނެގުމަށްފަހު ކައިލިއެވެ. އޭނަ ބެލީ ބަތް ކުޅި ތޯއެވެ. ނުކައި ހުރެފައި ކުޅި އެއްޗެއް ކައިފިނަމަ މޭ އަންދާ، ގޭސް ވެދާނެތީއެވެ. އެހެންނަމަވެސް ބަތުގައި ކުޅި ރަހަ ހުރީ ވަރަށް މަޑުކޮށެވެ. ކުޅުޅު ފައިވެސް ކުޅިއެއް ނޫނެވެ. ކާހިތް ނެތް ނަމަވެސް އައިރާ ކެއެވެ. ހަމައެކަނި އޭނަގެ ބަނޑުގައި ހެދި ބޮޑުވަމުން ދާ ތުއްތު ފުރާނައިގެ ހައްޤުގައެވެ. އޭނައަށް ބަނޑުގައި އަތް ޖައްސައިލެވުނެވެ. މިހާރުން ފެށިގެން އެ ދަރިފުޅާ މެދު އާދަޔާ ޚިލާފު ލޯތްބެއް އޭނަގެ ހިތުގައި ވަނީ އުފެދިފައެވެ. މަންމައަކަށް ވުމަކީ ކޮންމެ އަންހެނަކުވެސް ދެކޭނެ ހުވަފެނެކެވެ. އެއީ އަންހެނަކަށް ލިބޭނެ އެންމެ ބޮޑު އެއް އުފާވެސް މެއެވެ. އައިރާވެސް އުފާވެއެވެ. އެހެންނަމަވެސް އުފާވެރިކަން އިޙްސާސްވާ އިރަށް ދެވަނަ ސިކުންތުގައ އޭނަގެ ދިރިއުޅުމުގެ ޙާލަތާ، ނާޒުކުކަން ވިސްނުމުން ހިތާމައިގެ ކަޅު ސާލެއް އޭނަގެ އުފާވެރިކަމުގައި އޮޅިގެން ދެއެވެ. އެ އުފަލުގެ މައްޗަށް ހިތްދަތިކަން އަތްގަދަ ކުރެއެވެ. އޭނަގެ އިންދިރާސްވަމުންދާ ޙަޔާތުގެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އެ އުފަލުންވެސް މަޙްރޫމްކޮށްލައެވެ.

*****

އޭގެ ފަހުން ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް، ކޮންމެ ދުވަހަކު ވެސް ޒަހްރާން އައިރާއަށް ކާއެއްޗެހި ގެނެސްދެއެވެ. އައިރާ ޒަހްރާން ގާތު އެ ތަކުލީފު ނުއުފުއްލަން ވެސް ބުނެފިއެވެ. އޭނަ އެއްޗެއް ބޭނުންވެއްޖެނަމަ ގަންނަން ދާނެކަމަށާއި، އެކަން ނުކުރުމަށް ވެސް އެދުނެވެ. އެހެންނަމަވެސް ޒަހްރާން އޭނަގެ އަޑެއް ނާހައެވެ. ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކު އޭނަ އައިރާއަށް ކާއެއްޗެހި ގެނެސް ދިނުން އާދައަކަށް ވެއްޖެއެވެ. އައިރާ އޭގެ ލާރި ދޭން އުޅުމުންވެސް ޒަހްރާން ފައިސާގައިވެސް ނުހިފައެވެ. ހީވަނީ އައިރާއަށް އެކަންތައް ކޮށްދިނުމުން އޭނައަށް އުފަލެއް ލިބޭހެންނެވެ. އޭގެ އިތުރުން ކުނި ހިފައިގެން ތިރިއަށް ދާއިރު އޭނަ ދަނީ އައިރާމެން ގޭގެ ކުނި ކޮތަޅުވެސް ހިފައިގެންނެވެ.

އިރު އުދަރެހުން އުދަވެލީ އޭގެ ރަންދޯދިތަކުން ދުނިޔެމަތި ފަތަޙަކުރަމުންނެވެ. ރޭގަނޑުގެ ފަރުދާ ކަހާލަމުން، ދުނުޔެމަތި ރޯޝަންކުރަމުންނެވެ. އެނދުމަތީގައި ބަންޑުން ނިދާފައި އޮތް، ޒަހްރާންގެ ގައިމަތީގައި އަޅާފައި އޮތް ކުއިލްޓް ސޮހިގެން ގޮސް ވަނީ ތިރިއަށް ވެއްޓިފައެވެ. ގަދަޔަށް ނިދާފައި އޮއްވާ ނިދީގެ ހުވަފެނީ އާލަމުގެ ތެރެއިން ނުކުތުމަށް އޭނައަށް މަޖުބޫރުކުރުވީ ފޯނުގެ އެލާރމުގެ އަޑެވެ. ކުޑަކޮށް ބޯ ހިއްލާލިއިރުވެސް އޭނަގެ އެއްލޯ ވަނީ މެރިފައެވެ. އަތް ދަމާލާފައި ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ނެގުމަށްފަހު، އެލާރމް އޮފްކޮށްލިއެވެ. އޭރުވެސް ނިދިބަރުކަން ދެލޮލުގައި ވިއެވެ. އަނެއްކާވެސް އޮށޯވެ ހަމަޖެހިލިއެވެ. ތިރިއަށް ސޮހިފައި އޮތް ކުއިލްޓުވެސް ނަގާ ގައިމަތީގައި އަޅާލައިފިއެވެ. އޭނަ ބޭނުންވަނީ އަދިވެސް ނިދާށެވެ. އެހެންނަމަވެސް އެގޮތުގައި އޭނައަށް އޮވެވުނީ މިނެޓަށް ހާއިރަށެވެ. ނިދި ޖެހުނުހެން ހީނުވެ ފުންމައިގެން ތެދުވެ ފޯނަށް ބަލާލައިފިއެވެ. ގަޑިން ނުވަގަޑި ވިހިވަނީއެވެ. ކުއިންޓް ގައިމަތިން ނެގުމާއެކު ބާރު ބާރަށް ގޮސް ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ.

އާދައިގެ ހުދުކުލައިގެ ޓީޝާޓަކާއި ޖީންސްއެއް ލައިގެން ޒަހްރާން ތައްޔާރުވެލިއެވެ. ފޯނާ ވޮލެޓު ހިފައިގެން ގޮސް ގެއިން ނުކުމެގެން ތިރިއަށް ދިޔައެވެ. އެތަނާ މާދުރުނޫން ހިސާބެއްގައި ހެނދުނުގެ ނާސްތާ ވަރަށް މީރު ރެސްޓޯރެންޓެއް ހުރެއެވެ. ސައިކަލަށް އެރުމަށްފަހު ޒަހްރާން މިސްރާބުޖެހީ އެ ދިމާލަށެވެ. އޭނާ ކާއެއްޗެހި ގަނެގެން އެނބުރި އައިސް މައްޗަށް އެރިއެވެ. އެއަށްފަހު އައިރާ އުޅޭ އެޕާރޓްމެންޓުގައި ބެލް އަޅައިލިއެވެ.

އައިރާ ދޮރު ނުހުޅުވުމުން ޒަހްރާނަށްގެ ހިތް ނުތަނަވަސްވެލިއެވެ. އޭނަ އަނެއްކާވެސް ބެލް އަޅާލައިފިއެވެ. މިފަހަރުވެސް އައިރާ ދޮރެއް ނުހުޅުވިއެވެ.

"އައިރާ...." ޒަހްރާން އެންމެފަހުން ދޮރުގައި ޓަކި ޖަހަމުން އައިރާއަށް ގޮވަން ފެށިއެވެ. އޭރު ހަމަ ރަނގަޅަށްވެސް އޭނަގެ ހިތް ބިރުގަނެއްޖެއެވެ. ހަދާނެ ގޮތް ހުސްވެފައި ޒަހްރާން ހުއްޓާ އައިރާ ދޮރު ހުޅުވާލައިފިއެވެ. އޭނަ ހުރީ އަބާޔާ ޖެކެޓެއް ލައިގެން ދެއަތް ހުރަސްކޮށްލައިގެންނެވެ. މޫނުމަތީން ޖަހަނީ ބަލި ވައްތަރެވެ.

"ޔޫ އޯކޭ؟" ޒަހްރާނަށް ވަގުތުން ސުވާލުކޮށްލެވުނެވެ. އޭނައަށް އައިރާއަށް ފުންކޮށް ބަލައިލެވުނެވެ. އައިރާގެ ދޮން މޫނާ ނޭފަތް މަތި ވަނީ އެކީ ރަތްވެފައެވެ. ދެލޮލުގައި ވެސް ކަރުނައިގެ އަސަރު ހުއްޓެވެ. ފެންނަނީ ވަރުބަލިކަމެވެ.

"ބަލީތަ؟" ޒަހްރާންގެ އަޑުގައިވަނީ ކަންބޮޑުވުމާއި ހާސްކަމެވެ.

"އުހުމް. ތަންކޮޅެއް ގިނައިން ހޮޑުލެވުނީ...." އައިރާ ބުނެލިއެވެ.

"ޑޮކްޓަރަށް ދައްކަން ދާންވީނު." ޒަހްރާން ބުނެލިއެވެ.

"ނޫން. އޯކޭވާނެ." އައިރާ ޖަވާބު ދިނެވެ. އޭނަ އެކަމަށް ދެކޮޅު ހެދިއެވެ.

"އެއްޗެއް ކައިފިންތަ؟" ޒަހްރާން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އޮމްލެޓެއް އަޅަން މިއުޅެނީ." އައިރާ އެހެން ބުނެލިއިރު، އޭނައަށް ޒަހްރާންގެ އަތުގައި ކޮތަޅު އޮތްކަން އެނގެއެވެ.

"އަހަރެން މިއައީ ބްރެކްފަސްޓް ހިފައިގެން." ޒަހްރާން ބުނެލިއެވެ. އޭނަ ކޮތަޅު ދިއްކޮށްލިއެވެ.

"ޒަހްރާން ކީއްވެތަ ތި ތަކުލީފު ތި އުފުލަނީ؟އަހަރެން ބުނެފީމެއްނު ކޮންމެ ދުވަހަކު ތި ނުގެނަޔަސް ހެވޭ... ތީ ހާދަ ބޮޑު ޚަރަދެކޭ..." އައިރާއަށް ބުނެވުނެވެ. އޭނަގެ އަޑުގައިވަނީ ޝަކުވާއެވެ. ހިލޭ ފިރިހެނެއްގެ ފަރާތުން އެފަދަ އެހީތެރިކަމެއް އޭނަ ބޭނުމެއް ނޫނެވެ. އެކަމާ އެންމެ ބޮޑަށް ދެކޮޅުވެވޭ ސަބަބަކީވެސް އެއީއެވެ.

"އައިރާ އެކަނި އުޅޭތީ، އަހަރެންވެސް ބްރެކްފަސްޓް ނަގަން ގޮސްފަ އަންނައިރު ހިތަށް އަރަނީ ގެނެސްދޭނީއޭ..." ޒަހްރާނަށް ބުނެވުނެވެ.

"އެހެންވިޔަސް ހެޔޮ. ދެން ތިގޮތަށް ތިކަންތައް ނުކުރާތި. އަހަރެން ބޭނުމެއް ނޫނޭ ޒަހްރާން ތިހެން އަހަންނަށް އެހީވާކަށް. ކީއްވެތަ ނުވިސްނެނީ؟" އައިރާ ކުޑަކޮށް ނުރުހުންވެސް ވިއެވެ. ޒަހްރާން އެގޮތަށް ކަންތައް ކޮށްދޭތީ އޭނައަށް ކިތަންމެ ފަސޭހަ ވިޔަސް، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އައިރާގެ ސިކުނޑި ޤަބޫލުކުރެއެވެ. އޭނައަކީ މީހެއްގެ އަނތްބެއްކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ފިރިމީހާގެ ފަރާތުން ލޯތްބާ އޯގާތެރިކަން ނުލިބުމަކީ ހިލޭ މީހެއްގެ ފަރާތުން އެފަދަ އެހީއަށް އެދެން ޖެހޭ ކަމެއް ނޫންކަމުގައި އޭނައަށް ޤަބޫލުކުރެވޭތީއެވެ. އޭނަގެ އަބުރަށް ހުތުރުވާ ފަދަ އެއްވެސް ކަމެއް ކުރާކަށް އައިރާ ބޭނުމެއް ނޫނެވެ. ހިލޭ ފިރިހެނެއް އޭނައަށް އެއްވެސް ކަހަލަ ޚަރަދެއް ކުރާކަށް ބޭނުމެއް ނޫނެވެ. އެކަން ޒަހްރާނަށް ނުވިސްނެނީ ކީއްވެހެއްޔެވެ؟

"ޒަހްރާން ތިގޮތަށް ކަންތައް ކުރާނީ އަހަންނަށް އުނދަގޫވެޔޭ... އަހަރެންމީ މީހެއްގެ އަނތްބެކޭ... ހިލޭ މީހަކު ތިފަދަ ގޮތަކަށް...." އައިރާއަށް ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. އޭނަގެ ވާހަކަ މެދު ކެނޑުނީ ކުއްލިއަކަށް ޒަހްރާން އޭނަގެ އަތަށް ކޮތަޅު ލައި ދިނުމުންނެވެ. އެއަށްފަހު އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް އޭނަ އައިރާއަކަށް ނުދިނެވެ.

"ބޭނުން ނޫނިއްޔާ އެއްލާލާ..." ފަސް އެނބުރުނު ގޮތަށް އެހެން ބުނެލާފައި ޒަހްރާން ގޮސް ގޭގެ ލޮކް ކޯޑު ޖަހާލާފައި އެތެރެއަށް ވަދެއްޖެއެވެ. އޭނައަށް ދޮރުފަތުގައި ލެނގިލައިގެން ހުރެވުނެވެ. މޭގައި އަތް ޖައްސައިލެވުނީ އޭނަގެ މެއަށްވީ ތޫނު ތަދުންނެވެ. އައިރާއަށް އޭނަ އެކަންތައް ކޮށްދެނީ ކޮށްދޭ ހިތުންނެވެ. ވަރަށް ބޭނުންވެގެންނެވެ. ހެނދުނު ހޭލުމަކީ ކިތަންމެ އުނދަގޫކަމެއް ނަމަވެސް، ކޮންމެ ދުވަހަކު އެލާރމްކޮށްގެން، ހޭލައިގެން އެދަނީ ހަމައެކަނި އައިރާއަށްޓަކައެވެ. އެ ހިތުގައިވާ އިޙްސާސްތަކުގެ ސަބަބުންނެވެ. އައިރާއަކީ މީހެއްގެ އަނތްބެއްކަން އެނގުނު ނަމަވެސް އައިރާއަށް އޭނަގެ ފިރިމީހާގެ ފަރާތުން އޯގާތެރިކަން ނުލިބޭކަން އޭނައަށް އެނގޭތީއެވެ. އައިރާ އޭނައަށް ވާހަކަތައް ނުކިޔައިދިނަސް އެވަރު އޭނައަށް މިހާރު އެނގެއެވެ.

"ވަޓްސް ހެޕެނިންގ ޓު މީ؟" ޒަހްރާނަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އައިރާއާ މެދު އޭނަގެ ހިތުގައި ވަނީ ހަމައެކަނި ޙަމްދަރުދީއެއް ނޫނެވެ. އެއީ އެއަށް ވުރެ ފުން އިޙްސާސްއެކެވެ. އެ ހުރިހާކަމެއް ކުރަން މަޖުބޫރުކުރުވަނީ ވެސް ހަމަ އެހިތުގައި ފުންވަމުން ދިޔަ ޖަޒުބާތުތަކެކެވެ. ގަހެއްގެ މޫތައް ބިންމަތީގައި ހަރުލާހެން ޒަހްރާންގެ ހިތުގައިވެސް އައިރާއާ މެދު އުފެދިފައިވާ އިޙްސާސްތައް ހަރުލައިފިއެވެ.

އަތުގައި އޮތް ކޮތަޅަށް ބަލަހައްޓައިގެން އައިރާއަށް ހުރެވުނެވެ. އޭނައަށް އެ އެއްލާލާކަށްވެސް ނުކެރުނެވެ. އެންމެފަހުން ގެއަށް ވަނުމަށްފަހު ގޮސް މޭޒުދޮށުގައި އިށީނދެ އޭނަ ކެއީވެސް އެއެވެ.

*****

މެންދުރު ޒަހްރާންމެން ގެއަށް އައި އީލާފް އިރުއޮއްސުނުއިރު ހިނގައްޖެއެވެ. އޭނައަށް ރަޙްމަތްތެރިއެއްގެ ޕާޓީއަކަށް ދާން ދަޢުވަތު ލިބިފައިވާތީއެވެ. އެ ދުވަހު އެ ދެމެދުގައި އައިރާގެ ވާހަކަ އެއްވެސް ވަރަކަށް ނުދެކެވެއެވެ. އެކި ކަންކަމުގައި ގޭތެރޭގައި މަސްއޫލުވެގެން އުޅުނު ޒަހްރާން ގަޑި ބަލައިލިއިރު އަށެއް ޖަހައިފިއެވެ. އޭރު އޭނަ ހުރީ ދޮވެފައި ހުރި އެއްޗެހި ހިއްކަން އަޅުވާށެވެ. ސޯފާމަތީގައި އޭރުވެސް ބައިވަރު އެއްޗެހި ހުއްޓެވެ. އެ އަޅުވަން ގިނައިރުވާނެކަން އެނގޭތީ، އެވެސް ހުރި ގޮތަށް ބަހައްޓާފައި އޭނަ ތިރިއަށް ދިޔައެވެ. ގޮސް ކާއެއްޗެހި ހިފައިގެން އައިސް މައްޗަށް އަރަން ވެގެން ލިފްޓަށް އެރިއެވެ. ލިފްޓު ލެއްޕި ލެއްޕި ހުއްޓާ، ކޮންމެވެސް މީހަކު ލިފްޓުގެ ބަޓަނަށް ފިތާލުމަށްފަހު، ދޮރު ހުޅުވާލައިފިއެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި ޒަހްރާން ވެސް އިސް އުފުލާލިއެވެ. އެވަގުތު ރިހާމް ފެނުމާއެކު އޭނަގެ މޫނުމަތި ވަގުތުން ބަނަވެގެން ދިޔައެވެ. އެއްއަތުން ކޮތަޅުގެ އަތްގަނޑަށް ބާރުކޮށްލެވުނުއިރު، އަނެއް އަތުން ފޯނަށް ވެސް ބާރުކޮށްލެވިއްޖެއެވެ. އޭނަގެ އެތެރެ ހަށީގައި އުފެދުނު އިޙްސާސްތައް ކިޔަމަން ކުރުވަން ޒަހްރާނަށް އުނދަގޫވެގެން ދިޔައެވެ. ލަސްލަހުން ފުންނޭވާއެއް ވެސް އޭނަ ދޫކޮށްލިއެވެ. އެ އިޙްސާސްތަކާއެކީ ރިހާމްއާ މެދު ހިތުގައި ރުޅިވެރިކަމެއްވެސް އުފެދިގެން ދިޔައެވެ. އަނބިމީހާއަށް އަޅާނުލާ އޯގާތެރިނުވެވެންޏާ އިނދެގެން އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

ހަތްވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމާއެކު، ޒަހްރާނަށް ވުރެ ކުރިން ފޭބީ ރިހާމްއެވެ. އޭނަ ގޮސް ދޮރުގެ ލޮކްކޯޑު ޖަހަން ފެށިއެވެ. ޒަހްރާންވެސް ލިފްޓުން ފޭބިއެވެ. އޭނަ ރިހާމްއަށް އަވަސް ނަޒަރެއް ދީފައި އަތުގައި އޮތް ޕާރުސަލްއަށް ބަލައިލިއެވެ. އެއަށްފަހު އެހިފައިގެން ގޮސް ދޮރުމަތީގައި ހުއްޓުނެވެ. އޭރު، ރިހާމް އެތެރެއަށް ވަދެއްޖެއެވެ. ޒަހްރާން ދޮރުގެ ކޯޑު ޖަހައިލާފައި އެތެރެއަށް ވަނެވެ. އޭނަ އެ ގެންގޮސް މޭޒުމަތީގައި ބަހައްޓާފައި ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ދެއަތް މުށްކަވާލަމުން، ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. މޫނުގައިވެސް ފިރުމައިލެވުނެވެ. ހަނދާނަށް އައީ އައިރާ، ބުނެފައިވާ ޖުމްލަތަކެކެވެ.

"އަހަރެން މީ މީހެއްގެ އަނތްބެކޭ." އައިރާގެ އެބަސްތައް އޭނަގެ ކަންފަތުގައި ގުގުމައިލިއެވެ. އެއާއެކު އަތުން މޭޒުގައި ގޮށްމުށްކަވާފައި ޖަހާލެވުނެވެ. ޖެހުނު ލެތް ބާރުކަމުން މޭޒުގެ ބިއްލޫރިގަނޑަށްވެސް ގުޑުން އަރައިގެން ދިޔައެވެ.

"އެއީ މީހެއްގެ އަނތްބެކޭ ޒަހްރާން... މޮވެގެންތަ ތިއުޅެނީ..." އަމިއްލަ ނަފްސަށް އެހެން ބުނެލުމާއެކު، ބަތް ޕާރުސަލްއަށް އޭނަގެ ނަޒަރު ހުއްޓުނެވެ. ހަމަގައިމުވެސް ހިތުގެ ރިހުމުގެ މައްޗަށް އެވަގުތު ފާޑެއްގެ ސިނގުރުޅިއެއް ގަދަވެލިއެވެ. އެ ނެގުމާއެކު އެދިޔަ ބާރުމިނުގައި ގޮސް ޑަސްބިން ހުޅުވާފައި އޭގެ ތެރެއަށް އެ ހޫރައިލައިފިއެވެ. ހީވީ ހުރިހާ ރުޅިއެއް ބޭލީ އެއަށް ހެންނެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އެނބުރި އެނބުރިފައި އޭނަ އެންމެފަހުން އައިސް މޭޒުމަތީގައި ބޭއްވި ފޯނު ނަގައިފިއެވެ. އެއާއެކު ކޮންމެވެސް މީހަކަށް ގުޅާލައިފިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު