ސިލިކޯސިސްއަކީ އެއްވެސް އިންޒާރަކާ ނުލައި އަހަރުތަކެއްގެ ތެރޭގައި މަޑުމަޑުން ހަށިގަނޑުގައި އުފެދޭ ބައްޔެކެވެ. މީގެ ސަބަބުން، އަޅުގަނޑުމެން އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ ނޭވާލުމުގެ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.
'ކްރިސްޓަލައިން ސިލިކާ'ގެ ކުދި ކުނޑިތައް ނޭވާލުމުގެ ތެރެއިން އެތެރެވުމުން ޖެހޭ މި ބައްޔަކީ އިމާރާތްކުރުމުގެ ދާއިރާ، ގާ ކޮށުން، މައިނިން، އަދި ސޭންޑްބްލާސްޓިން ފަދަ މަސައްކަތްތަކުގައި އުޅޭ މީހުންނަށް ކުރިމަތިވާ ސިއްހީ ނުރައްކަލެކެވެ.
ގިނަ އަހަރުތަކެއް ވަންދެން ނޭނގި ހުރެ، ސިލިކޯސިސް ބަލީގެ ސަބަބުން ފުއްޕާމޭގައި ލަކުނު ޖެހި، މަސައްކަތްތެރިން އެކަމަށް ހުށަހެޅޭ މިންވަރު ހުއްޓޭތާ މާ ފަހުން ވެސް ނޭވާލުމަށް ދަތިތަކެއް ކުރިމަތިކުރުވައެވެ.

ސިލިކޯސިސްއިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހު މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވާ-- ފޮޓޯ/ އިންޑިއަންއެކްސްޕްރެސް
މި ބަލި ފެށޭ ގޮތާ ބެހޭ ގޮތުން، ރެނޯވާ ހޮސްޕިޓަލުގެ ޕަލްމޮނޮލޮޖިސްޓް ޑރ. ޕީ ރަގަވެންދުރަ ރެޑީ ވިދާޅުވީ، މި ބަލީގެ ފެށުމަކީ ސިލިކާގެ ކުދިކުދި ކުނޑިތައް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވުމުގެ ސަބަބުން ފުއްޕާމޭގައި ދާއިމީކޮށް ލަކުނު ޖެހުން ކަމަށެވެ. ސިލިކާއަކީ ވެލި، ހިލަ އަދި ކޮންކްރީޓްގައި ހުންނަ ގުދުރަތީ މައުދަނެކެވެ.
މި ތަކެތި ކޮށާ، މުގުރާ ނުވަތަ ތޮރުފާއިރު، އާދައިގެ ލޮލަށް ނުފެންނަހާ ކުދި ކުނޑިތަކެއް ޖައްވުގެ ތެރެއަށް ބޭރުވެއެވެ. ނޭފަތާއި ކަރުން ފުރޭނޭ ބޮޑެތި ހިރަފުހާ ޚިލާފަށް، މި 'މައިކްރޯ ޑަސްޓް' ކުނޑިތައް ފުއްޕާމޭގެ އެންމެ ފުނަށް ދަތުރުކުރެއެވެ.
އެތަނަށް ދިއުމަށްފަހު އެތަކެތި ދާއިމީކޮށް އެތަނުގައި ހަރުލާފައި ހުރެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުން އަމިއްލަ ނަފްސަށް ހަމަލާދީ، ފުއްޕާމޭގައި ބޯ ލަކުނުތަކެއް އުފައްދައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލުމަކީ ނުހަނު އުނދަގޫ ކަމަކަށް ވެގެންދާ ކަމަށް ޑރ. ޕީ ރަގަވެންދުރަ ރެޑީ ވިދާޅުވެފައިވެއެވެ.
މި ބަލީގެ ނުރައްކާތެރި ކަމަށް އަލިއަޅުއްވާލައްވަމުން، އެޕޯލޯ ހޮސްޕިޓަލުގެ ޕަލްމޮނޮލޮޖިސްޓް ޑރ. ޖީ ރަޓްނަކަރަ ރާއޯ ވިދާޅުވީ ބަލިން ރައްކާތެރިވުމާއި އަވަހަށް ދެނެގަތުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.
"ބަލީގެ ނުރައްކާތެރިކަން ބިނާވެފައިވަނީ ބަލި ދެނެގަނެވޭ މަރުހަލާގެ މައްޗަށް. ބަލީގެ ކުރީކޮޅު ނޭވާ ކުރުވުމާއި ކެއްސުން ފަދަ ކަންކަން ދިމާވި ނަމަވެސް، ބަލި ބޮޑުވުމުން ނޭވާލާ ނިޒާމު މުޅިން ފެއިލްވުމަށް މަގުފަހިވޭ. ހިތާމައަކީ، ފުއްޕާމެއަށް ލިބޭ މި ގެއްލުމަކީ އަނބުރާ އިއާދަނުކުރެވޭނެ ގެއްލުމަކަށް ވުން" ޑރ. ޖީ ރަޓްނަކަރަ ރާއޯ ވިދާޅުވެފައިވެއެވެ.
ސިލިކޯސިސް ބަލީގެ އެންމެ ހިތްދަތި ކަމަކީ ބަލީގެ ކުރީކޮޅު އެއްވެސް އަލާމާތެއް ނުފެނި ހުރުމެވެ. ޑރ. ރަގަވެންދުރަ ވިދާޅުވި ގޮތުގައި، ގިނަ މީހުންނަށް ފުރަތަމަ އުޅެވޭނީ ވަރަށް އާދައިގެ ގޮތަކަށެވެ.

ސިލިކޯސިސް ބަލިން ރައްކާތެރިވުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުވުމަކީ އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއް-- ފޮޓޯ/ އިންޑިއަންއެކްސްޕްރެސް
"ބަލީގެ ކުރީކޮޅު އެއްވެސް އުނދަގުލެއް ނުވެދާނެ. ނުވަތަ ބުރަ މަސައްކަތެއް ކުރާއިރު ކުޑަކޮށް ނޭވާ ކުރުވެދާނެ. ނަމަވެސް ބަލި ބޮޑުވަމުންދާ ވަރަކަށް ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރައި، ދާއިމީކޮށް ކެއްސުމާއި، ވަރުބަލިވުމާއި، ހަށިގަނޑުގެ ބާރު ދެރަވުން ފަދަ ކަންކަން ދިމާވޭ. ބަލީގެ ފަހު މަރުހަލާތަކުގައި ހިނގާބިނގާވެ އުޅުމާއި، ސިޑިން އެރުން ފަދަ އާދައިގެ ކަންކަން ކުރުމަކީ ވެސް ބޮޑު ތަކުލީފަކަށް ވެގެންދޭ" ޑރ. ރަގަވެންދުރަ ވިދާޅުވެފައިވެއެވެ.
މި ބައްޔަށް ފަރުވާ ދިނުމާއި ދިގު މުއްދަތަކަށް ބެލެހެއްޓުމަށްޓަކައި ގަވާއިދުން ޑޮކްޓަރަށް ދެއްކުން މުހިންމެވެ. ޑރ. ރަޓްނަކަރަ ވިދާޅުވި ގޮތުގައި، ސިލިކޯސިސް މުޅިން ރަނގަޅު ކުރެވޭނެ ފަރުވާއެއް ނެތް ނަމަވެސް، ދެވޭ ފަރުވާގެ އަމާޒަކީ އަލާމާތްތައް ކޮންޓްރޯލްކޮށް ބަލި ބޮޑުވުން ލަސްކުރުމެވެ.
މީގެ ތެރޭގައި ނޭވާލާން ފަސޭހަވާ އިންހޭލަރު ބޭނުންކުރުމާއި، ފުއްޕާމޭ ދުޅަވުން ކުޑަކުރާ ބޭސް ބޭނުންކުރުން ހިމެނެއެވެ. ބަލި ވަރަށް ބޮޑަށް ގޯސްވެއްޖެ ނަމަ އޮކްސިޖަން ތެރަޕީ ނުވަތަ ފުއްޕާމޭ ބަދަލުކުރުމުގެ އޮޕަރޭޝަން (ލަންގް ޓްރާންސްޕްލާންޓް) ކުރަން ޖެހިދާނެކަމަށް ޑރ. ރަޓްނަކަރަ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމާއި، ގަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަންކަން ކަމަށް އޭނާ އިރުޝާދު ދެއްވާފައިވެއެވެ.
މި ބައްޔަށް ހުށަހެޅިދާނެ ކަމުގެ ބިރު އޮވެ، އެފަދަ މާހައުލުތަކުގައި މަސައްކަތްކުރާ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި، ސިލިކާ ހިރަފުހަށް ހުށަހެޅޭ މާހައުލާ ދުރުވުމާއި، މަސައްކަތުގެ މާހައުލުގައި ރައްކާތެރި މާސްކު ފަދަ ތަކެތި ބޭނުންކުރުން ހިމެނެއެވެ.
ހަމައެއާއެކު ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ދުންފަތުގެ ސަބަބުން ފުއްޕާމެއަށް ލިބޭ ގެއްލުން އަވަސްވާތީއެވެ.
ސިލިކޯސިސްއަކީ ހަމައެކަނި ބައްޔެއް ނޫނެވެ. މިއީ މަސައްކަތުގެ މާހައުލާއި ސިއްހަތާ އޮތް ގާތް ގުޅުން ހަނދާންކޮށްދޭ ކަމެކެވެ. ހޭލުންތެރިކަން އިތުރުކޮށް، ކުރިއާލާ ބަލި ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން މި ބަލިން ރައްކާތެރިވެވިދާނެ ކަމަށް، ކަމުގެ ސިއްހީ މާހިރުން މިވަނީ ބަޔާންކުރައްވާފައެވެ.