ތަފާތު އެކި މަންޒިލްތަކަށް ދަތުރުކޮށް އެކި ޤައުމުތަކުގެ ސަޤާފަތާއި އާދަކާދަތައް ތަޖުރިބާކުރުމަކީ އަމިއްލަ ނަފުސަށް ލިބޭ ދުޅަހެޔޮކަން އިތުރުކޮށް ކަންކަން ދަސްކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް އިންޑިއާގެ ބަތަލާ ބަގްޔާޝްރީ ބުނެފިއެވެ.
އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަމުން "މޭނޭ ޕިޔާރު ކިޔާ"ގެ ބަތަލާ، އަންހެނުން އަމިއްލަ ނަފްސަށް އަޅާލުމުގެ މުހިންމުކަމާ ގުޅޭގޮތުން ވަނީ ވާހަކަދައްކާފައެވެ.
ބަގްޔާޝްރީ ވަނީ އަންހެނުން ބާރުވެރިކުރުވުމާއި، ފިލްމީ ދާއިރާގައި އަންހެނުންގެ ދައުރު ބަދަލުވަމުންދާ ގޮތާއި، ދަތުރުފަތުރު ކުރުމަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި އަދި ފިލްމީ ދާއިރާއިން ބޭރުގައި އޭނާގެ ދިރިއުޅުން ބައްޓަންވެފައިވާ ގޮތުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ބަގްޔާޝްރީ ބުނިގޮތުގައި އޭނާއަށް އަންހެނުންގެ ޙައްޤުތަކަކީ ވަރަށް މުހިންމު އެއްޗެކެވެ. އެހެންވެ އެކަމަށް ވަކާލާތުކުރާ މީހެއްގެ ގޮތުގައި ދެމިހުންނަން ބޭނުންވާ ކަމަށް މިހާރުވެސް ބައެއް ފިލްމުތަކުން ސަޕޯޓިންގް ރޯލްއިން ފެންނަ ބަތަލާ ބުނެފައިވެއެވެ.
ބޮޑެތި ސިޓީތަކުގައި އުޅޭއިރު ހުރިހާ ކަމެއް ފުރިހަމަވެފައިވާހެން ބައެއް މީހުންނަށް ހީވެފައި އޮންނަ ނަމަވެސް، އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދި ރަށްފުށުގެ އަންހެނުން އެބަތިބި ކަމަށާއި އެ މީހުން ބާރުވެރި ކުރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ބަގްޔާޝްރީ ބުނެފައިވެއެވެ.

ބަތަލާ ބަގްޔާޝްރީ ފިލްމު "ރާޖާ ޝިވާޖީ"ގެ މަންޒަރެއްގައި-- ފޮޓޯ/ އެންޑީޓީވީ
މިއަދު ފިލްމު ސެޓުތަކަށް ދާއިރު ގިނަ އަދަދެއްގެ އަންހެނުން މަސައްކަތްކުރާ މަންޒަރު ފެނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި ބަގްޔާޝްރީ ފިލްމީ ކެރިއަރު ފެށި ދުވަސްވަރު ސެޓުތަކުން ފެންނާނީ ހުސް ފިރިހެނުން ކަމަށް ބަތަލާ ބުނެފައިވެއެވެ.
އޭރު އަންހެނަކަށް ހުންނާނީ ފިލްމީ ބަތަލާ ނުވަތަ އިސްތަށިގަނޑު ހަދައިދޭ މީހާ އެކަނި ކަމަށާއި ނަމަވެސް މިއަދު އެ މަންޒަރު ބަދަލުވެ ފިރިހެނުން ވެސް ސްޓައިލިސްޓުންގެ ގޮތުގައި މަސައްކަތްކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމީ މަސައްކަތްތަކުން ހުސް ވަގުތެއް ލިބޭއިރަށް ބަގްޔާޝްރީ އެންމެ އިސްކަމެއްދެނީ އެކި ޤައުމުތަކަށް ދަތުރުފަތުރުކުރުމަށް ކަމަށާއި ދަތުރުފަތުރު ކުރުމަކީ އޭނާ ވަރަށް ލޯބިކުރާ ކަމެއް ކަމަށް ވަނީ ބުނެފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދަތުރުފަތުރުކުރުމަކީ ތިމާއަށް ކަންކަން އުނގެނުމަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއް. ދަތުރުކުރި ވަރަކަށް އާ ކަންތައްތައް ދަސްވެ، ވިސްނުން ފުޅާވެ، އެހެން މީހުންގެ ކަންކަމަށް ފާޑުކިޔުން މަދުވެ، ކަންކަން ބަލައިގަތުމުގެ ސިފަ އަށަގަންނާނެ" ބަގްޔާޝްރީ ބުނެފައިވެއެވެ.
ބަގްޔާޝްރީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ، ކުރިއަށް އޮތް މެއި މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ރާޖާ ޝިވާޖީ"އިންނެވެ. މި ފިލްމު ޑައިރެކްޓް ކުރަނީ ރިތޭޝް ދޭޝްމުކްއެވެ. މި ފިލްމުގައި ސަންޖޭ ދަތު، އަބީޝެކް ބައްޗަން، ވިދްޔާ ބާލަން އަދި ޖެނީލިއާ ފަދަ މަޝްހޫރު ފަންނާނުން ފެނިގެންދާނެއެވެ.