މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމަ ވަރުގަދަވެފައިވަނިކޮށް ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީއަށް ވަރަށް ބޮޑަށް ވިއްސާރަވެއްޖެއެވެ.
ބުދަ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ އާންމު ދިިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ. އިއްޔެވެސް ވިއްސާރަކޮށްފައިވާއިރު، މިއަދު ޔޫއޭއީގެ ބައެއް ހިސާބުތަކަށާއި ވަށައިގެންވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވެއެވެ.
ޔޫއޭއީގެ، މުސުމާބެހޭ އިދާރާއިން ބުދަ ދުވަހު ބުނީ ސަރަައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމްގެ ސަބަބުން މިހާރު ކުރަމުންދާ ވިއްސާރަ އިއްޔެ ހަވީރުން ފެށިގެން ވަރުގަދަވެފައިވާ ކަމަށެވެ.
"ހުކުރު ދުވަހު އުތުރު ސަރަހައްދުތަކާއި އަލް އައިން އަދި އިރުމަތީ ސަރަހައްދުތައް ހިމެނޭ ގޮތަށް ބޯކޮށް ވާރޭވެހުމާއި ގުގުރުމާއި ބައެއް ސަރަހައްދުތަކަށް ފެންބޮޑުވުން އެކަށީގެންވޭ،" އެ އިދާރާއިން ބުންޏެވެ.
ހޯމަ ދުވަހު އަބޫދާބީއާއި އަޖްމާނަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހިފައިވާއިރު، އަންގާރަ ދުވަހު ދާސް އައިލެންޑަށް 47.9 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ބުދަ ދުވަހު ވެސް ބޯކޮށް ވާރޭވެހި ޔޫއޭއީގެ ގިނަ ސަރަހައްދުތަކަށް ވަނީ ފެންބޮޑުވެފައެވެ.
މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް އެންޑް އެމިރޭޓައިޒޭޝަން އިން ބުނީ ޔޫއޭއީގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތަކީ އެންމެ އިސްކަންދޭ ކަން ކަމަށާއި މުވައްޒަފުން ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ކުންފުނިތަކުން އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ގޭގައި ނަމާދުކުރުމަށް އިސްލާމިކް އެފެއާޒް، އެންޑޯމެންޓްސް އެންޑް ޒަކާތުގެ ޖެނެރަލް އޮތޯރިޓީން އިލްތިމާސްކޮށްފައިވާއިރު އަބޫދާބީ ފުލުހުން ވަނީ ޑެލިވަރީ ކުރާ މީހުން ވެސް ސަލާމަތީ ކަންކަމަށް ވިސްނައިގެން އެކަން ކުރުމަށް އަންގާފައެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ އަސަރު ވެސް ޔޫއޭއީއަށް ކުރަމުން އަންނައިރު، ވިއްސާރައިގެ ސަބަބުން ކުއްލި ހާލަތުގެ ޚިދުމަތްތައް އޮތީ އެލާޓުގައެވެ. އަދި ފެންބޮޑުވުމާއި، ދަތުރުފަތުރުގެ ދަތިކަމާއި، އިގްތިސޯދީ ގޮތުން ފުޅާ ދާއިރާއެއްގައި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އޮތް ދަނޑިވަޅަކަށް ވާތީ، ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.
ޔޫއޭއީގެ އިތުރުން އޮމާން، ސައުދީ އަރަބިއާ، ގަތަރް، ބަހްރެއިން، އީރާން، އިރާގް، އިސްރާއީލު، ލުބުނާން، އަދި މިސްރަށްވެސް އަންނަނީ ވިއްސާރަ ކުރަމުންނެވެ.