ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ނިންމީ ސިޔާސީ ވިސްނުމެއްގައި ނޫން ކަމަށާއި އެއީ ގައުމީ މަސްލަހަތަށްޓަކައި ނިންމި ނިންމުމެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީއޭއިން ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރަން ނިންމާފައެވެ. އެކަން ހާމަކުރީ ރޭ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.
އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، އެއީ އެ ޕާޓީން ސިޔާސީ ގޮތުން ނިންމި ނިންމުމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ނިންމުން ނިންމަން ޖެހުނީ އިގުތިސާދީ ހާލަތަށް ބަލައި، ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން [ތާއީދުކުރަން] އެމްޑީއޭއިން މި ނިންމި ނިންމުމަކީ ސިޔާސީ ގޮތުން ނިންމި ނިންމުމެއް ނޫން. މިއީ ގައުމީ މަސްލަހަތު އިސްކޮށް، ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް އެންމެ ރަނގަޅު ގޮތަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް އެމްޑީއޭގެ ލޮބުވެތި ރައީސް އޮނަރަބަލް އަހުމަދު ސިޔާމް މުހައްމަދަށް އަދި ޕާޓީގެ މުޅި ލީޑާޝިޕަށް އެކަން އެގޮތަށް ގަބޫލުކުރެވޭތީވެ،" އޭނާ ވިދާޅުވިއެވެ.
އައްބާސް ވިދާޅުވީ، އެމްޑީޕީން ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުނުކުރަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށެވެ. އަދި، ވެރިކަން ކުރާ ޕީއެންސީން ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއީދުކުރަނީ ވެސް ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"އަޅުގަނޑުމެން ވިސްނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން 80 ނޫނީ 100 ވަރަކަށް މިލިއަން ރުފިޔާ ސަލާމަތްކުރެވުނީމާ އެ 80 ނުވަތަ 100 މިލިއަން ރުފިޔާއިން ގައުމުގެ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުމުގައި އެ ފައިސާ ބޭނުންކުރެވިދާނޭ،" އޭނާ ވިދާޅުވިއެވެ.
"ގައުމުގެ މުސްތަގުބަލަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ،"
އޭނާ ވިދާޅުވީ، ރާއްޖެއަކީ އަބަދު ވެސް ލިބޭ އާމްދަނީއަށްވުރެ ބޮޑަށް ހޭދަކުރާ ގައުމެއް ކަމަށެވެ. އެހެންވެ، ރާއްޖެ އަބަދު ވެސް ހިންގަމުން އަންނަނީ ބޮޑެތި ލޯނުތައް ނަގައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމަކު، އެއީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމައެކަނި މި އަހަރު ވެސް އަޅުގަނޑުމެން ދައްކަންޖެހޭ އެއް ބިލިއަނެއްހާ ޑޮލަރު. އެއް ބިލިއަން ޑޮލަރު ދެއްކެން އަންނަނީ 13 ނޫނީ 15 ޕަސެންޓު އިންޓްރެސްޓްގައި ބޮޑެތި ލޯނުތައް ނަގައިގެން،" އައްބާސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޮޑެތި ލޯނުތައް ނަގައިގެން ގައުމު ހިންގި ނަމަވެސް އަދިވެސް ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް މި ރާއްޖޭގައި ގާއިމުނުކުރެވޭ ކަމަށެވެ. އެހެންވެ، ޚަރަދު ކުޑަކުރަން އަޅާ ކޮންމެ ފިޔަވަޅަކަށް އެމްޑީއޭއިން އަބަދު ވެސް ތާއީދުކުރާނެކަން އޭނާ ހާމަކުރެއްވިއެވެ.
އެ ގޮތުން، އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ ދިވެހި ދައުލަތަށް އެންމެ ބޮޑު އަދަދެއްގެ ޓެކްސް ދައްކަވާ އެއް ބޭފުޅާ ކަމަށާއި އަދި އެ މަނިކުފާނަކީ ދިވެހިރާއްޖެއާއި ބޭރުގެ ބޭންކްތަކުގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވެ، އެ ޕާޓީން ނިންމާ ކޮންމެ ނިންމުމަކީ އަބަދު ވެސް ގައުމުގެ ހަމަޖެހުމާއި، ރައްޔިތުންގެ ލާބައާއި، އިގުތިސާދީ ހަމަޖެހުމަށް އިސްކަންދޭ ނިންމުމަކަށް ވާންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެކަމަކު، ގާނޫނުއަސާސީގައި ވާގޮތުން އެ ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އެހެންވެ، ސަރުކާރުން ވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ އެކު ރިފަރެންޑަމް ބާއްވާށެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ އިތުރުން އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ދެ އިންތިޚާބު އެއްކޮށްލަން ތާއީދުކޮށްފައެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީން އަންނަނީ އެ ކަމާ ނުރުހުން ފާޅުކުރަމުންނެވެ.