ނުކުޅެދުންތެރިކަން ހުންނަ މީހުން ފުލެޓަށް ކުރިމަތިލާން ވަކި ކެޓަގަރީއެއް ހަދައިފި

ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ފުރޮޅުލީ ގޮނޑީގައި: ނުކުޅެދުންތެރިކަން ހުންނަ މީހުން ފުލެޓަށް ކުރިމަތިލާން ވަކި ކެޓަގަރީއެއް ވަނީ ހަދާފައި -- ފޮޓޯ/ ބީއެމްއެލް

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް 100 ފުލެޓު ކަނޑައަޅައި، އެ ކެޓަގަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ އުސޫލުތަކާއި ޝަރުތުތައް ހައުސިން މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށް 100 ފުލެޓު ކަނޑައަޅާފައިވޭ
  • ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހު 24 ގައި ހުޅުވާލާނެ
  • ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 30 ވަނަ ދުވަސް
  • ފޯމު ހުށަހަޅަން ޖެހޭނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް
  • ފަރުވާއަށް މާލެ އަންނަން ޖެހޭ ފަރާތްތަކަށް ވެސް މި ކެޓަގަރީއަށް ކުރިމަތިލެވޭނެ

މި ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ސްކީމްގެ ތެރެއިން ދޫކުރާ ފުލެޓުތަކަށް ކުރިމަތިލާން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީއެއް އުފައްދައި، އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހެޅޭ ގޮތް މިއަދު ހަދައިފިއެވެ.

ސަރުކާރުން ވަނީ މާލޭ ސަރަހައްދުން 7،900 ފުލެޓު ދޫކުރަން ނިންމާ، ކުރިމަތިލާން ހުޅުވާލާފައެވެ. އޭގެ ތެރެއިން 100 ފުލެޓު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީއެއް ވަކިން އުފައްދާފައެވެ. އަދި، އެ ކެޓަގަރީއަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭ ގޮތް ހަދައި، ޝަރުތުތަކާއި އެޕްލިކޭޝަން ހުށަހެޅޭނެ ގޮތުގެ އިތުރުން ޕޮއިންޓު ދިނުމުގައި އަމަލުކުރާނެ އުސޫލު ވެސް ވަނީ އާންމުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީއަށް އެ މީހާއަށެވެ. އެކަމަކު، ދިރިއުޅޭ ސަރަހައްދުން ފަރުވާ ލިބެން ނެތް މީހެއް ނަމަ، އެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން މާލޭ ސަރަހައްދުގައި އުޅެވެން ނެތިއްޔާ ވެސް މި ކެޓަގަރީއަށް ފޯމު ހުށަހެޅޭނެއެވެ. އަދި، މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހަކަށްވެފައި، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ފަރުވާ ހޯދާފައިވާނަމަ ވެސް ކުރިމަތިލެވޭނެއެވެ.

އެ ކެޓަގަރީއަށް ފޯމު ހުށަހެޅޭނީ މި މަހު 24 ވަނަ ދުވަހުން ފެށިގެންނެވެ. މުއްދަތު ހަމަވާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކެޓަގަރީއަށް ވެސް ފޯމު ހުށަހަޅާނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.

comment ކޮމެންޓް