އިންޑިއާއަށް ދަތުރުކުރި ތައިލެންޑު ބޯޓަކަށް ހޮރްމުޒް ކަނޑުއޮޅީގައި ހަމަލާ ދީފި

ތައިލެންޑުގެ ނޭވީން އާންމު ކުރި ފޮޓޯތަކުން އުޅަނދުން ވަރަށް ބޮޑަށް ދުން އަރާތަން ވަނީ ފެނިފައި. ފޮޓޯ/އެންޑީޓީވީ

ޔޫއޭއީގެ ޚަލީފާ ބަނދަރުން އިންޑިއާގެ ކަންޑްލާ ބަނދަރަށް ދަތުރުކުރި ތައިލެންޑުގެ މަޔޫރީ ނާރީ ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދަކަށް ހޮރްމުޒް ކަނޑުއޮޅީގައި ހަމަލާ ދީފިއެވެ. މި ހަމަލާގެ ސަބަބުން ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފަޅުވެރިންގެ ތެރެއިން 20 މީހަކު ސަލާމަތްކޮށްފައިވެއެވެ. ނަމަވެސް، އަދިވެސް ތިން މީހެއްގެ ހަބަރެއް ނުވެއެވެ. މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން މި ސަރަހައްދުގެ ސަލާމަތީ ނުރައްކާތައް ވަނީ ބޮޑުވެފައެވެ. މި ހާދިސާ އާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.

  • ތައިލެންޑުގެ މަޔޫރީ ނާރީ އުޅަނދަށް ހޮރްމުޒް ކަނޑުއޮޅިން ހަމަލާ ދީފައިވޭ
  • އުޅަނދުން 20 މީހަކު ސަލާމަތްކޮށްފައިވާއިރު 3 މީހަކު ގެއްލިފައިވޭ
  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކުޑަވެފައިވޭ
  • ތެޔޮ އުފުލާ މައިގަނޑު މަގު ބަންދުވުމުން ދުނިޔޭގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދޭ

ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީގެ ބަނދަރަކުން އިންޑިއާއަށް ދަތުރުކުރި ތައިލެންޑްގެ ދިދަ ޖަހާފައިވާ މުދާ އުފުލާ އުޅަނދަކަށް ހޮރްމުޒް ކަނޑުއޮޅީގައި ހަމަލާ ދީފައިވާ ކަމަށް ތައިލެންޑުގެ ކަނޑުގެ ސިފައިން ބުނެފިއެވެ.

މިހާތަނަށް އެ އުޅަނދުން 20 މީހުން ސަލާމަތްކޮށްފައިވާއިރު، އިތުރު ތިން މީހެއްގެ މައުލޫމާތު ލިބިފައިވާ ނުވާ ކަމަށް ސިފައިން ބުނެއެވެ.

ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ޕްރިޝިއަސް ޝިޕިން ޕީސީއެލްގެ ބަލްކް ކެރިއާ، މަޔޫރީ ނާރީ ޔޫއޭއީގެ ޚަލީފާ ބަނދަރުން ފުރައިގެން އިންޑިއާގެ ކަންޑްލާ ބަނދަރަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ރޯޔަލް ތައި ނޭވީން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބޯޓުގެ ފަށަލައާއި ސުޕަސްޓްރަކްޗާއިން ކަޅު ގަދަ ދުންތަކެއް އަރާތަން ފެނެއެވެ. ހަމަލާ ދިން ވަކި ތަފުސީލާއި ސަބަބު މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ސިފައިންގެ ބަޔާނުގައި ބުނެފައިވެއެވެ.

އިއްޔެ ގަލްފް ސަރަހައްދުގައި ތިން އުޅަނދަކަށް ހަމަލާ ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ. ނަމަވެސް، މަޔޫރީ ނާރީއަކީ އެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެއް ކަމެއް އަދި ސާފެއް ނޫނެވެ.

އުޅަނދުތައް ޓްރެކްކުރާ ވެބްސައިޓްތަކުން ފެންނަ ގޮތުގައި އޮމާންގެ އައްސޭރިފަށުގައި އޮތް މަޔޫރީ ނާރީގެ ސްޕީޑް ހުރީ ގަޑިއަކު އެއް ނޮޓިކަލް މޭލަށް ވުރެ ވެސް ދަށްކޮށެވެ. އެ އުޅަނދަކީ 178 މީޓަރު ދިގު 30،000 ޓަނު އުފުލޭ އުޅަނދެކެވެ.

މި ހަމަލާ ދީފައިވަނީ މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާވުމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރީ ބާރުތަކުގެ ތާއީދާއެކު އިސްރާއީލުން ވަނީ 28 ފެބްރުއަރީގައި އީރާނާ ދެކޮޅަށް ހަމަލާތަކެއް ދީފައެވެ. ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއި ބައެއް އިގުތިސާދީ ތަންތަނަށް ވެސް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ.

ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އެ ގައުމާ އިންވެގެން އޮންނަ ދުނިޔޭގެ ފަސްބައިކުޅައި ތެޔޮ އުފުލާ މައިގަނޑު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ.

comment ކޮމެންޓް