އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ބާއްވާ އީދު ބައިބަލާ ޗެލެންޖު 1447 ކުރިއަށްދާނީ ޑަބަލް އެލިމިނޭޝަން އުސޫލުން ކަމަށް ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ޗާޖްޑް ގޯލްޑް ހަމަޖައްސާ، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައިބަލާ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސައީދު އަލީ ވިދާޅުވީ, މިގޮތަށް މުބާރާތުގެ ފޯމެޓު ބަދަލުކުރީ ޓީމުތަަކަށް ވީހާ ވެސް ގިނަ މެޗުތަކެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
"މި ފަހަރުގެ މުބާރާތް މުޅިން އަލަށް އަޅުގަނޑުމެން މި ބާއްވަނީ ޑަބަލް އެލިމިނޭޝަން އުސޫލުން. ކުރިން އޮންނަ ގޮތުން ވެއްޖެއްޔާ އެއް މެޗުން ބަލިވީމާ މުބާރާތުން ކަޓަނީ ޑަބަލް އެލިމިނޭޝަން ފޯމެޓާއެކު ކޮންމެ ޓީމެއް ވެސް މުބާރާތުގައި މަދުވެގެން ދެ މެޗު ކުޅޭނެ،" ސައީދު ވިދާޅުވިއެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރު ޗާޖްޑް ގޯލްޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ބްރޭންޑް މެނޭޖަރު އަމްރު އަކްރަމެވެ. ބައިބަލާ އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ސައީދު އަލީއެވެ.

މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ޗާޖްޑް ގޯލްޑްއާއި ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެއްބަސްވުމުގައި ސޮއިކުރަނީ--
"ސަން"އާ ވާހަކަދައްކަމުން އެސޯސިއޭޝަނުގެ އެކްސްކޯ މެންބަރު މުހައްމަދު އަސީލް ބުނީމ މި ބަދަލުގެ ސަބަބުން މުބާރާތުގައި ވާދަކުރާ ޓީމުތަކަށް އެއް މެޗުން ބަލިވެ، ކެޓުމުގެ ބަދަލުގައި އިތުރު މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
"އެހެން ފަހަރުތަކުގައި އޮންނަނީ ސިންގަލް އެލިމިނޭޝަން ގޮތަށް، މިފަހަރު ވިނާސް ސައިޑާ ލޫޒާސް ސައިޑެއް މިއޮންނަނީ، ކުރިން އެންމެ ބޮޑަށްޖެހޭ މައްސަލައަކީ ކޮންމެ ޓީމެއްވެސް ބޮޑު ޚަރަދުކޮށްގެން މިއަންނަނީ، އެންމެ މެޗަކުންވެސް އެ ޓީމުތަކަށް މުބާރާތް އެބަ ނިމޭ، މިފަހަރު އިތުރު ފުރުސަތު މި ލިބެނީ ޓީމުތަކަށް،" އަސީލް ބުންޏެވެ.
އެހެންވުމާއެކު ކުރިން މުބާރާތް ފަސްް ދުވަހުން ނިމުނު ނަމަވެސް މިފަހަރު އެ މުއްދަތު އިތުރުވާނެ ކަމަށް އަސީލް ބުންޏެވެ. އެގޮތުން، މި ބަދަލާއެކު 10 ދުވަހަށް މުބާރާތް ދިގުލާނެ ކަމަށް އަސީލް ބުންޏެވެ.
އަސީލް ބުނީ، މި ބަދަލުގެންނަން ނިންމީ ޓީމުތަކުގެ މެނޭޖްމަންޓުތަކާ އެސޯސިއޭޝަނާއި ރެފްރީންގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.
"ވަރަށް ގިނަ ޓީމުތަކުގެ ރިކުއެސްޓުތަކުން މިގޮތަށް ނިންމީ، އެސޯސިއޭޝަން ތެރެއިންނާއި ޓީމުތަކުގެ މެނޭޖްމަންޓުތަކާ ވާހަކަދައްކައިގެން އަދި ރެފްރީންނާ ކަމާ ގުޅުންހުރި ފަރާތްތަކާ ވާޙަކަދައްކައިގެން ޓީމުތަކަށް އެންމެ ފައިދާވާނެ ގޮތަކަށް ވިސްނައިގެން މިކަން ކުރަން ނިންމީ. އެގޮތުން އެންމެ ރަނގަޅު ގޮތެއްގެ ގޮތުގައި ފެނުނީ ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްގެންދަން،" އަސީލް ބުންޏެވެ.
މި ފަހަރުގެ ބައިބަލާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ގައެވެ.