މިދިޔަ އަހަރު އެޗްއާރްސީއެމަށް 916 ޝަކުވާ: އެންމެ ގިނައިން ބެލީ ގައިދީންނާ ގުޅޭ މައްސަލަތައް

ހޯމް މިނިސްޓަރު އަލީ އިހުސާނާއި، އެޗްއާރްސީއެމްގެ ރައީސް ރަމީލާ -- ފޮޓޯ: އެޗްއާރްސީއެމް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ނިމިދިޔަ އަހަރު ޖުމްލަ 916 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

އެޗްއާރްސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، އެ ކޮމިޝަނަށް ހުށަހެޅުނު ޖުމްލަ ޝަކުވާތަކުގެ ތެރެއިން 797 ޝަކުވާއަކީ އާންމުން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި 119 ޝަކުވާއަކީ ކޮމިޝަނުން އިސްނަގައިގެން ބަލަން ރަޖިސްޓްރީކުރި މައްސަލަތަކެވެ. މި ޝަކުވާތަކުގެ ތެރެއިން 473 މައްސަލައެއް ތަހުގީގުކުރަން ނިންމާފައިވާއިރު، 460 ޝަކުވާއެއް ތަހުގީގުނުކުރަން ވަނީ ނިންމާފައެވެ.

ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައީ ގައިދީންނާއި ބަންދުގައި ތިބޭ ފަރާތްތަކުގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ސިއްހީ ހިދުމަތްތަކާ ގުޅޭ ޝަކުވާތަކެވެ. މި ބާވަތުގެ ޖުމްލަ 148 މައްސަލައެއް މިދިޔަ އަހަރު ބަލާފައިވެއެވެ. ދެން އެންމެ ގިނައީ ގައިދީންގެ އާންމު ހައްގުތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެޗްއާރްސީއެމުން ޖުމްލަ 632 މައްސަލައެއް ތަހުގީގުކޮށް ނިންމާފައިވެއެވެ. މީގެ ތެރޭގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގެ ދަށުން ނިންމި 518 މައްސަލައަކާއި، އެންޓި ޓޯޗާ ގާނޫނުގެ ދަށުން ތަހުގީގުކޮށް ނިންމި 114 މައްސަލައެއް ހިމެނެއެވެ.

ނިންމާފައިވާ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި ގިނަ އަހަރުތަކެއްގެ މައްސަލަތައް ހިމެނެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ 201 މައްސަލައަކާއި، 2023 ވަނަ އަހަރުގެ 84 މައްސަލައެއްގެ އިތުރުން، 2022 ވަނަ އަހަރުގެ 68 މައްސަލައެއް ވަނީ ނިންމާފައެވެ.

އަދި 2021 ވަނަ އަހަރުގެ 20 މައްސަލައަކާއި، 2020 ވަނަ އަހަރުގެ ތިން މައްސަލައެއްގެ އިތުރުން، 2019 ވަނަ އަހަރުގެ ދެ މައްސަލައަކާއި، 2015 އަދި 2016 ވަނަ އަހަރުގެ ޖުމްލަ ދެ މައްސަލައެއް ވަނީ ތަހުގީގުކޮށް ނިންމާފައެވެ.

މިނިވަން މުއައްސަސާއެއްކަމަށްވާ އެޗްއާރްސީއެމްއަކީ ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތު ބަލައި، ކަށަވަރުކުރާ އިދާރާއެކެވެ.

comment ކޮމެންޓް