މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށް އީރާނުން ދޭ ރައްދު ހަމަލާތަކަށް ހަފުތާއެއްވެފައިވާއިރު، ސައުދީ އަރަބިއްޔާގެ އަލް ޚަރްޖް ސިޓީގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް އިއްޔެ ހަމަލާއެއް އަމާޒުވެ ދެ މީހުން މަރުވެއްޖެއެވެ.
ސައުދީގެ ސިވިލް ޑިފެންސް އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަލް ޚަރްޖުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް އަމާޒުވެ، ދެ މީހުން މަރުވެ، 12 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ނަމަވެސް އެއީ އީރާންގެ ހަމަލާއެއް ކަމަކަށް ބުނެފައެއް ނުވެއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް (އައިއާރުޖީސީ) އިން މީގެ ކުރިން ބުނެފައި ވަނީ އެމެރިކާ ސިފައިން ބޭނުންކުރާ ޕްރިންސް ސުލްތާން އެއާބޭސް ހުންނަ އަލް ޚަރްޖް ގަވަރުނަރޭޓް ހިމެނޭ ގޮތަށް ތަންތަނުގެ ރާޑަރު ސިސްޓަމްތަކަށް ހަމަލާ އަމާޒުކޮށްފައިވާ ކަމަށާއި ފާއިތުވި ހަފުތާގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ތަކުރާރުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
އަލް ޚަރްޖް ގަވަރުނަރޭޓަކީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާތަނަށް އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ، ބޮޑު އެއާ ބޭސްއެއް އޮންނަ ސަރަހައްދެކެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމަލާ އަމާޒުވި އިމާރާތަކީ މަރާމާތުކުރުމާއި ސާފުކުރުމުގެ ޚިދުމަތް ދޭ ކުންފުންޏަކަށް ނިސްބަތްވާ މީހުން ދިރިއުޅޭ އިމާރާތެކެވެ.
ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރެމުން އަންނައިރު، ސައުދީގެ ދިފާއީ ވުޒާރާއިން އިއްޔެ ވަނީ ވެރިރަށް ރިޔާޟުގެ ޑިޕްލޮމެޓިކް ކުއާޓަރަށް ހަމަލާދޭން އުޅުނު 15 ޑްރޯން ހުއްޓުވާފައެވެ.
މީގެ އިތުރުން ކުވޭތުންވެސް ވަނީ އެ ގައުމުގެ ބައިނަލްއަގްވާމީ އެއާޕޯޓުގެ ތެޔޮ ޓޭންކްތަކަށް ހަމަލާއެއް ދީފައިވާ ކަމަށް ބުނެފައެވެ. ބަހްރެއިންގެ ފެން އުފައްދާ ކާރުޚާނާއަކަށްވެސް ހަމަލާ އަމާޒުވުމުން ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން އީރާނުގެ ވެރިރަށް ވަށައިގެންވާ ފަސް ތެޔޮ ފެސިލިޓީއަކަށް ހަމަލާދީ އެތައް ބަޔަކު މަރުވެފައިވާ ކަަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދިން ބޮޑެތި ވައިގެ ހަމަލާތަކުގައި އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު، އީރާނުން 1،200 އަށް ވުރެ ގިނަ މީހުން މަރުވެ 10،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.