މިދިޔަ ހަފުތާ ސްރީ ލަންކާ ކަނޑުގެ ސަރަހައްދަށް އެމެރިކާއިން ދިން ހަމަލާއެއްގައި ފެތުނު އީރާނުގެ ހަނގުރާމަ މަތީ މަނަވަރު 'އައިރިސް ޑެނާއިން' 104 ފަޅުވެރިން މަރުވެ 32 މީހަކު ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
އީރާން ސިފައިންނާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ އައިއާރްއެންއޭ އިން ބުނީ އެ މަނަވަރަށް އެމެރިކާގެ ކަނޑުގެ ސިފައިން ހަމަލާދީފައިވަނީ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ލަންކާ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. ހަމަލާ ދިނީ އިންޑިއާގައި ކުރިއަށް ގެންދިޔަ މިލާން ޕީސް 2026 ނޭވަލް ޑްރިލްތަކުން އެނބުރި އަންނަނިކޮށް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
އެމެރިކާގެ ސަބްމެރިންއަކުން އީރާނުގެ އުޅަނދަށް ޓޯޕީޑޯ ހަމަލާއެއް ދީފައިވާކަން އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ލަންކާގެ ދެކުނު އައްސޭރި ފަށުގައި އޮންނަ ގައްލޭގެ ކަނޑުގެ ސަރަހައްދާ ކައިރިއަށް އެ މަނަވަރު ފެތުމާ ގުޅިގެން ލަންކާ ސިފައިން، މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ފެށިއެވެ.
ލަންކާއިން ވަނީ 180 ފަޅުވެރިންގެ ޖާގައިގެ އެ ބޯޓުގައި ޒަޚަމްވެފައި ތިބި 32 މީހުން ސަލާމަތްކޮށްފައެވެ. އަދި އެ މީހުން ލަންކާގެ ދެކުނުގެ ސަރަހައްދުގައި ހުރި ކަރަޕަތިޔާ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދީފައެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނަށް ދިން ބޮޑެތި ވައިގެ ހަމަލާތަކުގައި އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާއިރު، އީރާނުން 1،200 އަށް ވުރެ ގިނަ މީހުން މަރުވެ 10،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ އިސްރާއީލަށާއި، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދެމުންނެވެ.