ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނާނުން މަސައްކަތްކުރާ ވަގުތުގެ ކޮންޓްރޯލް ބޭނުންވާނަމަ ފިލްމު ޕްރޮޑިއުސަރުންނަށް ވުމަށް ބޮލީވުޑްގެ އެކްޓަރު ކުނާލް ކެމޫ ގޮވާލައިފިއެވެ.
ކުނާލް މިހެން ބުނެފައި ވަނީ ދާދިފަހުން ބައިވެރިވި އަންހެނުން އަދި ބަތަލާ ސޮހާ އަލީ ޚާންގެ ޕޮޑްކާސްޓްގައި ކުރިއަށްދިޔަ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓުމާ ބެހޭގޮތުން ވާހަކަދައްކަމުންނެވެ.
ކުނާލު ބުނިގޮތުގައި މަސައްކަތުގެ ތާވަލަށް ބޮޑު ކޮންޓްރޯލެއް ނުވަތަ ބާރެއް ބޭނުންވާ އެކްޓަރުންނާއި އެކްޓްރެސްއިން ފިލްމު އުފެއްދުންތެރިއެއް ނުވަތަ ޕްރޮޑިއުސަރެއްގެ ދައުރު އަދާކުރުމަށް ވިސްނަންޖެހެއެވެ.
މި ވާހަކައިގެ ތެރެއިން ކުނާލް ފާހަގަކުރި ގޮތުގައި، ކޮންމެ މީހަކުވެސް ފަންނީ ދާއިރާއެއް އިޚްތިޔާރު ކުރަނީ އެ ދާއިރާއެއްގައި ހުންނަ ގޮންޖެހުންތަކާއި މަސައްކަތް ހުންނާނެ ގޮތް އެނގި ތިބެއެވެ.
އޭނާގެ ނަޒަރުގައި ފިލްމީ ދާއިރާގެ މަސައްކަތް ހުންނަ ގޮތުން ބައެއް ފަހަރު ގިނަ ވަގުތު ނުވަތަ ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަސައްކަތް ކުރަންޖެހިދާނެއެވެ. އަދި މި ދާއިރާއަށް ވަންނަ މީހުން އެކަމަށް ހޭލުންތެރިވާންޖެހޭނެ ކަމަށް ކުނާލް ވަނީ ބުނެފައެވެ.

ކުނާލް އަންހެނުން އަދި ބަތަލާ ސޮހާ އަލީ ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ
"ބޮޑެތި މީހުންނަށް ވުމުން، އަހަރެމެން ދިރިއުޅުމުގައި ވާން ބޭނުންވާ ގޮތް އިޚްތިޔާރު ކުރަން. އެއްޗެއްގައި ސޮއިކޮށް، މަސައްކަތާ ހަވާލުވުމަށްފަހު، އެކަމުން އުންމީދުކުރާ ކަންތައްތަކެއް ހުންނާނެކަން ގަބޫލުކުރަންވާނެ،" ކުނާލް ބުންޏެވެ.
އޭނާ އިތުރަށް ބުނީ ބައެއް މީހުން ވަކި ވަގުތުތަކެއްގައި އެކަނި މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އެފަދަ ހާލަތްތަކުގައި އެ ފުރުސަތު އޮންނަ ފަދަ ވަޒީފާއެއް އިޚްތިޔާރު ކުރަންޖެހޭ ކަމަށެވެ. އަދި ޕްރޮޑިއުސަރަކަށް ވުމުން މަސައްކަތު ގަޑިތަކާއި ޕްރޮޑަކްޝަންގެ ތާވަލުތައް ނިންމުމުގެ ބާރު ލިބޭނެކަން އޭނާ ފާހަގަކުރިއެވެ. އެހެންވެ އެފަދަ ފިލްމީ ތަރިން އެންމެ ރަނގަޅުވާނީ ޕްރޮޑަކްޝަން ދާއިރާއިން ކުރިއަށްދިއުން ކަމަށް ފިލްމު "ގޯލް މާލް އެގެއިން"ގެ އެކްޓަރު ވަނީ ބުނެފައެވެ.
އޭނާ މިފަދައިން ވާހަކަދައްކާފައި މިވަނީ، ފިލްމީ ދާއިރާގެ މަސައްކަތު ގަޑިތައް ވަކި އުސޫލަކުން ތަރުތީބުކުރުމާ ބެހޭގޮތުން ފަހަކަށް އައިސް ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި އެންމެ ފާޅުކަންބޮޑުކޮށް އެ މައުޟޫއަށް ވާހަކަދައްކާ އެއް ފަންނާނަކީ ބަތަލާ ދީޕިކާ ޕަދުކޯންއެވެ.
ކުނާލް ބުނި ގޮތުގައި މިއީ ވަކި ޖިންސަކަށް ވީތީ ކުރިމަތިވާ ކަމެއް ނޫން ކަމަށާއި، މިއީ އެ މަސައްކަތުގެ ގޮތުން އަންނަ ބަދަލުތައް ކަމަށެވެ.
ފިލްމު "ކަލްޔުގް"، "ގޯ ގޯއާ ގޯން" އަދި "މަލަންގް" ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައިވާ ކުނާލް ވަނީ 2024 ވަނަ އަހަރު "މަޑްގައޯން އެކްސްޕްރެސް"އިން ޑައިރެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ފިލްމު ޕްރޮޑަކްޝަންއަށް ނުކުމެފައެވެ.
ކުނާލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ސީރީސް "ސިންގްލް ޕާޕާ"އިންނެވެ.