ހަނގުރާމައިގެ ދަތިތަކާ މެދު އޮޅުވާލާ ނަމަ، ދެން ނުކުމެދާނެ އުނދަގޫ މާ ބޮޑުވާނެ: ޞާލިޙް

ކުރީގެ ރައީސް ޞާލިޙް: އެ މަނިކުފާނު ވިދާޅުވީ، ހަނގުރާމައާ މެދު އޮޅުވާލާ ނަމަ ދެން ނުކުމެދާނެ ދަތިތައް މާ ބޮޑުވާނެ ކަމަށް -- ފޮޓޯ/ އެމްޑީޕީ

އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދިން ޢުދުވާނީ ހަމަލާއަށް ފަހު، ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެދާނެ ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ތެލުގެ އަގު އަންނަނީ ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑަށް ބޮޑުވަމުންނެވެ.

އެ ކަމާ ގުޅިގެން ވާހަކަދައްކަވަމުން ޞާލިޙް މިރޭ ވިދާޅުވީ، މި ވަގުތު އެންމެ މުހިންމީ ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. އެކަން ކުރެވޭނީ ސަރުކާރަށް ކަމަށާއި އެއީ ސަރުކާރުގައި ބޮލުގައި އެޅިފައި އޮތް ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް 19ގެ އާލަމީ ވަބާ ކުރިމަތިވި ދުވަސްވަރު އޭރުގެ ސަރުކާރުން ވެސް ކަންކުރީ އެފަދައިން ކަމަށް އޭރު ރައީސްކަމުގައި ހުންނެވި ޞާލިޙް ވިދާޅުވިއެވެ.

އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލާ ގުޅޭ ގޮތުން ވެސް ދެއްކެވީ އެންމެ ތެދު ވާހަކަފުޅެއް ނޫން ކަމަށް ޞާލިޙް ތުހުމަތުކުރެއްވިއެވެ.

"ދާދި ފަހުން އެ މަނިކުފާނުގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، ތެލާ ބެހޭ ގޮތުން. ހާސްވާނެ ކަމެއް ނެތޭ. ތިމަންނަމެން އަތުގައި އެއް މަސް ދުވަހުގެ ސްޓޯރޭޖް މާލޭގައި ހުންނާނެ. މިހާރު ވެސް އޯޑަރުކޮށްފައޭވީ. މިއަދު ވެސް އެ އޮތީއޭ. މި ހަފުތާގައި ވެސް އަންނާނޭ. ދެން އަންނަ ހަފުތާގައި ވެސް އަންނާނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ، ކޮންމެ ދެ ހަފުތާއަކުން ރާއްޖެއަށް ތެޔޮ އުފުލާ ބޯޓެއް އަތުނުވެއްޖެ ނަމަ، އެސްޓީއޯގެ ސްޓޯރޭޖް 10 ދުވަހާއި 15 ދުވަހަށް ދަށްވާނެ ކަމަށެވެ. އެ ގޮތުން، ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް 1.1 ބިލިއަނާއި ދެ ބިލިއަން ލީޓަރާ ދެމެދުގެ ތެޔޮ ބޭނުންވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް، އުނދަގޫތައް ރައްޔިތުންނަށް ހާމަކޮށްދޭން އެބަޖެހޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި 92 ޑޮލަރާއި 95 ޑޮލަރާ ދެމެދުގައި ހުރި ނަމަވެސް އެ އަދަދު 150 އަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ޞާލިޙް ވިދާޅުވިއެވެ. ކޮވިޑް ދުވަސްވަރުގައި އެ ފަދައިން ދިމާވި ކަމަށާއި އެކަމަކު އޭރު އެކިއެކި ރޭވުންތަކުގެ ތެރެއިން އެ މައްސަލައަށް ހައްލެއް ހޯދިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން އެ ފަދަ މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެދެނީ މި ހަނގުރާމަ ވީހާ ވެސް އަވަހަށް ހުއްޓުން. އެހެންނަމަވެސް އަދި އޭގެ ކުލަމައްޗެއް ނުފެނޭ. ދިގުދެމިގެންދާ ހަނގުރާމައެއްގެ ގޮތުގައި މި ފެންނަނީ. ޓޫރިސްޓުން އަދި އަތުވެދާނެ. އެހެންނަމަވެސް ޓިކެޓު އަގުބޮޑުވާނެ. ފްރެއިޓް އަގުބޮޑުވާނެ. ނަތީޖާއަކަށް ވާނީ މުދާ ވެސް އަގު ބޮޑުވުން،" ޞާލިޙް ވިދާޅުވިއެވެ.

"އޮޅުވާލައި، ދޮގު ހަދައިގެން ރައްޔިތުން އޭގެ ތެރޭގައި ބޭތިއްބީމާ ދެން ނުކުންނާނެ، ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ،"

އިސްރާއީލުން އަދިވެސް އީރާނަށް ހަމަލާ ދެމުންދާއިރު، އީރާނުން އަންނަނީ މެދުއިރުމަތީގެ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވެސް ހަމަލާ ދެމުންނެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ 35 އިންސައްތަ މީހުން އަންނަނީ މެދުއިރުމަތިން ކަމަށްވާއިރު، ދިވެހި ފަތުރުވެރިކަމަށް އެ އަސަރު ފޯރައެވެ.

އަދި، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާތީ، ރާއްޖޭގައި ވެސް ތެލުގެ އަގު މި ފަހުން ވަނީ ބޮޑުކޮށްފައެވެ.

އެކަމަކު، ސަރުކާރުން ވަނީ އެ ކަންކަމަށް ސަމާލުވާ ކަމަށާއި ބޭނުންވާ ވަރަށް ތެޔޮ ހުރި ކަމަށް ބުނެފައެވެ.

comment ކޮމެންޓް