ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހު ތަސްދީގުކުރުމާމެދު ނަގާ ފެންނަނުފެންނަ ވޯޓު ބާއްވަނީ މި ކަމާމެދު އާންމުން ހޭލުންތެރިކުރުވަން އެއްވެސް ފުރުސަތެއް ނުދީކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ ދީދީ މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ފެންނަނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ގޮވައިލައި، މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ފެންނަނުފެންނަ ވޯޓަކާ ހަމައަށް ދިޔައިރު، ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވެސް ސަރުކާރަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ދެ އިންތިޚާބު އެއްކުުރަން މުހިންމުވާ ސަބަބު ހާމަކޮށް ނުދެވޭ ކަމަށެވެ.
މީގެކުރިން ނިޒާމީ ވޯޓާ ގުޅޭ ރިފަރެންޑަމުގައި ވެސް ރައްޔިތުން ގާތަށް ސަރުކާރުންނާއި، ސިޔާސީ ފަރާތްތައް ވެސް ގޮސް ހޭލުންތެރިކުރުވުމަށް އެތައް މަސައްކަތެއް ކުރިކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ބަރުލަމާނީއާއ ރިޔާސީ ނިޒާމަކީ ކޮބައިކަމާއި ގޮތް ނިންމާނީ ކިހިނެއްކަމާ ގުޅޭ އެތައް މައުލޫމާތެއް ހިއްސާކުރިކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް މައުމޫން އަބްދުލްގައްޔޫމު އެ މަނިކުފާނުގެ ވެރިކަމުގެ ދިގު 30 އަހަރުގައިވެސް އިސްލާހީ އެޖެންޑާގެ ތެރެއިން ގާނޫނު އަސާސީ ބަދަލުކުރެއްވުމަށް މަސައްކަތްޕުޅުކުރެއްވިއިރު، ރައްޔިތުންނަށް އެކަމާ ބެހޭގޮތުން ބަހުސްކުރަން ފުރުސަތު ދެއްވި ކަމަށް ވިދާޅުވިއެވެ.
ދުނިޔޭގެ ގައުމުތަކުގައި ގާނޫނު އަސާސީތައް ބަދަލުކުރާއިރު އެކަމަކާ ބެހޭގޮތުން އިލްމުވެރިންނާއި، ވަކީލުންނާއި، ސިޔާސީ ފަރާތްތަކާއި، އާންމުން އެއްވެ ފުޅާދާއިރާއެއްގައި ބަހުސްކުރާކަމަށް މާރިޔާ ވިދާޅުވިއެވެ.
"ގާނޫނު އަސާސީއަކީ ދިވެހި ރައްޔިތުންގެ ވިންދު. ދެން ދާން ބޭނުންވާ މިސްރާބު ނިންމާ ނިންމުމެއް،" މާރިޔާ ވިދާޅުވިއެވެ.
އެއާ ޚިލާފަށް މިހާރު އެ ފަދަ އެއްވެސް ކަމަކަށް ފުރުސަތު ނެތްކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ޚަރަދޭ ބުނުން ފިޔަވާ ސަރުކާރު މެންބަރަކަށް ދެއްކުނު ވާހަކައެއް ނެތް ކަމަށެވެ. ނަމަވެސް މިއީ މާ ފުޅާ ދާއިރާއެއްގައި ވާހަކަދައްކަންޖެހޭ މައުޟޫއެއް ކަމަށް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު މިހާރު އޮންނަހެން ވަކިން ބޭއްވުމާ ބެހޭގޮތުން މާރިޔާ ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ފަސް މަހެއްހާ ދުވަހުން ރައީސެއްގެ "އަސްލު ކުލަ" ފެންނަން ފަށާނެ ކަމަށެވެ. އެ މުއްދަތުގައި ނޭދެވޭ ސިފަތަކެއް ފެންނަ ނަމަ ރައްޔިތުން އިޚްތިޔާރުކުރާނީ އިދިކޮޅު މެންބަރުން ގިނަ މަޖިލީހެއް ކަމަށެވެ.
"އެމެރިކާ ތަންތަނުގައި ވެސް ފެންނާނެ. މިހާރު މިޑްޓާމް އިލެކްޝަން އެ އަންނަނީ ކައިރިވަމުން. ކައިރިވަމުން އަންނައިރު ރައީސެއްގެ ބާރުތައް އޭނާއަށް އެ ބޭނުންކުރެެވެނީ ކިހިނެއްތޯ ބަލައި ރައްޔިތުން ގޮތެއް ނިންމާނެ އެ މިޑްޓާމް އިލެކްޝަނުގައި،"
މާރިޔާ ވިދާޅުވީ ވެރިކަންކުރާ ޕާޓީއަކަށް މަޖިލިސް މެޖޯރިޓީ ދިނުމުގެ ސަގާފަތެއް އުފެދުނީ 2012ގައި އެމްޑީޕީ ސަރުކާރު ވެއްޓުމުން ގައުމަށްވީ ގެއްލުމަކާހެދި ރައްޔިތުން ގަންނަ ބިރުން ކަމަށެވެ. އެއީ އޭގެފަހުން އައި ކޮންމެ ސަރުކާރަކަށް އެ ސަރުކާރެއް ހިންގުމަށް މަޖިލިސް މެޖޯރިޓީ ދެމުން އަންނަ ސަބަބު ކަމަށް މާރިޔާ ވިދާޅުވިއެވެ.
"އެއިރު އަޅުގަނޑުމެން ބުނިން ސަރުކާރަށް މެޖޯރިޓީ ނުލިބުނީމަ މިއޮތީ ކުރިއަށްދެވޭނެ ގޮތް ވައުދުތައް ފުއްދޭނެ ގޮތަށް ދަތިވެފައޭ. އެކަމު މިހާރު ވައުދުތަކުގެ ވާހަކަ ދައްކަވާއިރު ވައުދުތައް ފުއްދަން މަސައްކަތްކުރާ ތަނެއް ހަމަ އެއްގޮތަކަށް ވެސް ނުފެނޭ،" މިހާރު ފެންނަނީ ރައްޔިތުން އަޅުވެތިކުރަން މަސައްކަތްކުރާ ތަން ކަމަށް ފާހަގަކުރައްވައި މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވަނީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ބާއްވާ ރިފަރެންޑަމްގައި އިސްލާހު ތަސްދީގުކުރުމާ ދެކޮޅަށް ވޯޓުދިނުމަށް އެދިވަޑައިގެންފައެވެ.