އެފްއޭއެމުން މިއަހަރަށް 48 މިލިޔަން ރުފިޔާގެ ބަޖެޓެއް، ބޮޑު އެހީއެއް ދެނީ ފީފާއިން

އެފްއޭއެމުގެ 2026 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެެއިން-- ފޮޓޯ: އެފްއޭއެމް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރުގެ ހަރަކާތްތަކަށް 48 މިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

މި ބަޖެޓު ފާސްކޮށްފައިވަނީ، ތިން އަހަރަށްފަހު ރޭ ބޭއްވި އެ އެސޯސިއޭޝަނުގެ ކޮންގްރެސްގައި މެމްބަރު ޓީމުތަކުގެ އަގުލަބިއްޔަތުންނެވެ.

އެފްއޭއެމުން މިއަހަރަށް ފާސްކޮށްފައިވަނީ 48،458،511ރ (ސާޅީސް އަށް މިލިއަން ހަތަރުލައްކަ ފަންސާސް އަށްހާސް، ފަސްސަތޭކަ އެގާރަ ރުފިޔާ) ގެ ބަޖެޓެކެވެ.

މި ފައިސާގެ ތެރެއިން 32،703،111ރ (ބައްތިރީސް މިލިއަން ހަތްލައްކަ ތިންހާސް، ސަތޭކަ އެގާރަ ރުފިޔާ) ދެނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިންނެވެ.

އެފްއޭއެމުގެ 2026 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެެއިން-- ފޮޓޯ: އެފްއޭއެމް

މީގެއިތުރުން ސްޕޮންސަރުންގެ އަތުން 8،750،000ރ (އަށް މިލިއަން ހަތްލައްކަ ފަންސާސް ހާސް ރުފިޔާ) ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު، އެފްއޭއެމުން ހިންގާ އެކިއެކި ހަރަކާތްތަކުން ޖުމްލަ 4،897،000ރ (ހަތަރު މިލިއަން އަށްލައްކަ ނުވަދިހަ ހަތްހާސް ރުފިޔާ) ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ބަޖެޓަށް ކުޅިވަރު ވުޒާރާއިން ޖުމްލަ 1،8 މިލިއަން ރުފިޔާ ދޭނެކަމަށް ލަފާކޮށްފައިވާއިރު ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން 308،400ރ (ތިން ލައްކަ އަށް ހާސް ހަތަރު ސަތޭކަ ރުފިޔާ) ގެ އެހީވެސް ވަނީ މި ބަޖެޓުގައި ހިމަނާފައެވެ.

އެފްއޭއެމުގެ 2026 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެެއިން-- ފޮޓޯ: އެފްއޭއެމް

ހަރަދުގެ ގޮތުގައި ހިނގާނެކަމަށް އެފްއޭއެމުން ލަފާކޮށްފައިވަނީ 48،385،770ރ (ސާޅީސް އަށް މިލިއަން ތިންލައްކަ އަށްޑިހަ ފަސްހާސް ހަތްސަތޭކަ ހަތްދިހަ ރުފިޔާ) އެވެ. އޭގެތެރެއިން އެންމެ ބޮޑު ހަރަދެއް މުބާރާތްތަކަށް ހިންގާއިރު، އެއީ ޖުމްލަ 27،299،229ރ (ހަތާވީސް މިލިއަން ދެލައްކަ ނުވަދިހަ ނުވަހާސް ދުއިސައްތަ ނަވާވީސް ރުފިޔާ) އެވެ.

ހިންގުމުގެ ހަރަދަށް 10،054،167ރ (ދިހަ މިލިއަން ފަންސާސް ހަތަރުހާސް ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ) ކަނޑައަޅާފައިވާއިރު، ގައުމީ ޓީމުތަކުގެ ހަރަދުތަކަށް 6،370،860ރ (ހަ މިލިއަން ތިންލައްކަ ހަތްދިހަ ހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ) ވަނީ ފާސްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު