ޢުމްރާވެރިންގެ ހާލު ރަނގަޅު، ދަތިކަމެއްނެތި ޢުމްރާވެރިންނަށް ސަޢޫދީއަށް ދެވޭނެ: ޙައްޖު ކޯޕަރޭޝަން

މީގެ ކުރިން އުމްރާއަށް ދިޔަ ދިވެހިންތަކެއް: އުމްރާވެރިންގެ އިންތިޒާމުތަކަށް ބުރޫ ނާރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދޭ --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ

ޙައްޖު ކޯޕަރޭޝަންގެ ފަރާތުން އުމްރާއަށް ގޮސް ތިބި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ދަތިކަމެއް ނެތި އުމްރާވެރިން ސަޢޫދީ ޢަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް، އެ ކޯޕަރޭޝަނުން މިރޭ ބުނެފިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.

ނަމަވެސް، ޙައްޖު ކޯޕަރޭޝަނުން 'ސަން'އަށް ބުނީ، ޢުމްރާގެ އަޅުކަމަށް އެ ކޯޕަރޭޝަނުގެ ފަރާތުން މިއަދު ފުރި ޢުމްރާވެރިން މިހާރު ތިބީ ސަޢޫދީގައި ކަމަށާއި، ޢުމްރާވެރިންގެ ހާލު ރަނގަޅު ކަމަށެވެ.

އެ ޢުމްރާވެރިންގެ އިތުރުން، ރަމަޟާން މަހުގެ ފަހު ފަނަރައިގައި ޢުމްރާގެ އަޅުކަން އަދާކުރަން ދާ 300އެއްހާ ޢުމްރާވެރިން މިރޭގެ ވަގުތެއްގައި ޗާޓަރު ފުލައިޓެއްގައި ފުރާނެ ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.

"މިކޮޅުގެ އެއްވެސް އިންތިޒާމަކަށް އެއްވެސް ދަތުރަކަށް އެއްވެސް ކަހަލަ ދަތިކަމެއް ނެތް، ހަމަ ރޭވިފައިވާ ގޮތަށް އިންތިޒާމުތައް ކުރިއަށް ދާނެ،" ޙައްޖު ކޯޕަރޭޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ރަމަޟާން މަހުގެ މި ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހީން ވެސް ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ. އަދި ފަހު ފަނަރައާ ދިމާކޮށް ޢުމްރާއަށް ދިއުމަށް އެތައް ދިވެހީންނެއް ވަނީ ތައްޔާރުވެފައެވެ.

https://sun.mv/218506

ސަޢޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން އިން ވަނީ، ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން އެ މީހަކު ދަތުރުކުރާ އެއާލައިނަކާ ގުޅައި، ފްލައިޓް އޮތް ގަޑިއާއި ތާރީޚަށް ބަދަލެއް އައިސްފައިވޭތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ދަނޑިވަޅުގައި އޮތޯރިޓީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ކެތްތެރިކަމާއެކު އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

ހަމަ އެހެންމެ ސަޢޫދީގެ ވެރިރަށް ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ޖިއްދާގެ ކިންގް ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓު ފަދަ އެ ގައުމުގެ މައި އެއާޕޯޓުތަކުން ވެސް ވަނީ ދަތުރުވެރިންނަށް ސަމާލުވުމަށް އަންގައިފައެވެ.

އަދި މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، އެ ސަރަހައްދަށް ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފު ކުރުމަށް ރާއްޖޭގެ އެއާޕޯޓު ކުންފުނި އެމްއޭސީއެލުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް