ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅާ މައްސަލަ ހޯމަ ދުވަހު

ފުލުހުންގެ އޮޕަރޭޝަނެއް ހައިކޯޓު ސަރަހައްދުގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައްޑު އަތޮޅުގައި ހަރަކާތާތްތެރިވާ ސްކޫޕް ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި ދިނުން އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ، އަންނަ ހޯމަ ދުވަހު އަލުން ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

ގޭންގްތައް ހުއްޓުވަން މިދިޔަ އަހަރު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުން ގޭންގެއްގެ ގޮތުގައި ކަނޑައަޅަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހުށަހެޅި ފުރަތަމަ ގްރޫޕެއްގެ ގޮތުގައި އައްޑޫ ސިޓީގައި ހަރަކާތްތެރިވާ 'ސްކޫޕު' ގްރޫޕުގެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ މެދުތެރޭގައެވެ. އެ މައްސަލަ ހައިކޯޓަށް ބަލައިގަނެ، ބެންޗު ކަނޑައަޅައި މައްސަލަ ފަށަން މިދިޔަ ހަފްތާގައި ތާވަލުވެސް ކުރިއެވެ. އެހެންނަމަވެސް، އެ އަޑު އެހުންވީ ކެންސަލްއެވެ.

އަޑު އެހުން ކެންސަލް ކުރި ވަކި ސަބަބެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ ހޯމަ ދުވަހު މައްސަލަ ފަށަންވަނީ އަލުން މިހާރު ތާވަލުކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށް އިއުލާނުކުރައްވާފައެވެ.

ޕީޖީ އޮފީހުން ބުނީ، ސްކޫޕު ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން ކޯޓަށް ހުށަހަޅަން ނިންމީ ފުލުހުން ހުށަހެޅި ހެކިތައް ދިރާސާކުރުމަށް ފަހުގައި ކަމަށެވެ. އެ ގްރޫޕުގައި ގޭންގެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށާއި މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ތުހުމަތުކޮށްފައެވެ.

އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވުނު ނުވަ މީހަކީ އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި ކަނޑައަޅައިދޭން ހައިކޯޓުގައި އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދި، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވިފައިވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" ވެސް އުވާލަން ސްޕޯޓްސް ކޮމިޝަނަރަށް އަމުރުކޮށްދެއްވުމަށާއި، "ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "އެސްކޭޕީ" ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަން ފޮހެލަން އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދޭން އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މިއީ ފުލުހުން ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދޭން އެދުނު ދެވަނަ ގްރޫޕެވެ. އެކަމަކު، އެ ފަހަރު ޕީޖީ އޮފީހުން ވަނީ ގޭންގެއްކަން ސާބިތުކުރަން ބޭނުންވާ މިންވަރަށް ފުލުހުން ތަހުގީގު ފުރިހަމަކޮށްފައިނުވާ ކަމަށް ބުނެ، އެ ހުށަހެޅުން އަނބުރާ ފޮނުވާލާފައެވެ. އެހެންވެ، މިއީ ގޭންގެއް ގޮތުގައި ގްރޫޕެއް ކަނޑައަޅަން ކޯޓަށް ހުށަހެޅި ފުރަތަމަ ހުށަހެޅުމެވެ.

"މި ކަމާ ގުޅިގެން ކޯޓުން ގޮތެއް ކަނޑައެޅުއްވުމުން ގާނޫނުގެ ދަށުން އެ ގްރޫޕާއި، ގްރޫޕްގެ މެންބަރުންނާ މެދު އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކުރަމުން ގެންދާނަމެވެ،" ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

ގޭންގު ހުއްޓުވާ ގާނޫނުގައިވާ ގޮތުން ގޭންގެއް ގޮތުގައި ކުށްކުރާ ގުރޫޕެއް ކަނޑައެޅުމަށް ފުލުހުން ފޮނުވަނީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށެވެ.

އެ އޮފީހުން ފުރިހަމަކުރަންޖެހޭ ކަންކަން ކުރުމަށްފަހު ދެން އޮންނާނީ ހައިކޯޓަށް ހުށަހެޅުމެވެ. ގާނޫނުގައިވާ ގޮތުން، ގޭންގެއް ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ މީހުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.

ކުށްކުރާ ގުރޫޕެއް ގޭންގެއް ގޮތުގައި ހައިކޯޓުން ކަނޑައަޅާނީ ނުވަތަ ކަނޑަނާޅާނީ އޭގެ ފަހުންނެވެ.

ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށާއި އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ވިދާޅުވެފައެވެ.

މި ސަރުކާރުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގޭންގުތަކުގެ އަދަދު އެ މަނިކުފާނު ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުގައި އެއްސެވި ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ގޭންގުތަކުގެ ގޮތުގައި ކިޔޭނެ ގުރޫޕުތައް ވަރަށް މަދުވެއްޖެ ކަމަށް އިހުސާން ވިދާޅުވި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގޭންގުތަކަށް ހުރަސްތައް އަޅައި ބޮޑެތި އަދަބު ދޭން ކަނޑައެޅީ، ޒުވާނުން ސަލާމަތް ކުރުމަށް ކަމަށެވެ.

comment ކޮމެންޓް