އީރާނުގެ ވެރިރަށް ތެހެރާނުގެ މެދުތެރެއަށް އަމާޒުކޮށް އިސްރާއީލާއި އެމެރިކާ ގުޅިގެން މިއަދު ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، އެ ސިޓީގެ އެކި ސަރަހައްދުތަކުން ބޯކޮށް ދުން އަރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިއަދު ހެނދުނު ދިން މި ހަމަލާތަކާ ގުޅިގެން ތެހެރާނުގެ މެދުތެރޭގައި ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވަމުންދާކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ. ޚާއްސަކޮށް އީރާނުގެ ދެކުނުގައި ހުރި އަންހެން ކުދިންގެ ސްކޫލަކަށް އަމާޒުވި ހަމަލާއެއްގައި 40 އަށްވުރެ ގިނަ ކުދިން މަރުވެފައިވާކަމަށް އީރާނުގެ ރަސްމީ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާއެއް. ފޮޓޯ/ގެޓީ
އިސްރާއީލުން މި ދޭ ހަމަލާތައް އަމާޒުވެފައިވަނީ ތެހެރާނުގެ މުހިންމު ސަރަހައްދުތަކަށެވެ. އޭގެ ތެރޭގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ އޮފީސް ހުންނަ ސަރަހައްދާއި، ޔުނިވާސިޓީތައް ހުންނަ ސަރަހައްދުގެ އިތުރުން ޖުމްހޫރީ ޑިސްޓްރިކްޓް ހިމެނެއެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގޮވުންތަކުގެ ބާރުގަދަކަމުން ކައިރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި ސަރަހައްދު ވަނީ ދުމުން ފުރިފައެވެ.
މީގެ އިތުރުން އީރާނުގެ އެހެން ސިޓީތައް ކަމަށްވާ ކަރަޖް، ޤުމް އަދި ޝީރާޒް ފަދަ ތަންތަނަށްވެސް ހަމަލާތައް އަމާޒުވެފައިވާކަމަށް މީޑިއާތަކުން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމުގެ ދިފާއުގައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް ފަސްޖެހުމެއްނެތި އަޅާނެ ކަމަށެވެ. ރައްދުގައި އީރާނުން ވަނީ އިސްރާއީލާއި ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތަކެއް ފޮނުވާފައެވެ. މިގޮތުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އަމާޒުވި މިސައިލް ހަމަލާއެއްގައި އެކަކު މަރުވެފައިވާކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ހާދިސާއަކީ ފަހުގެ ތާރީހެއްގައި އީރާނަށް އަމާޒުކޮށް ދެވުނު އެންމެ ވަރުގަދަ އަސްކަރީ ހަމަލާއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ފެށި "މޭޖާ ކޮމްބެޓް އޮޕަރޭޝަނެއް" ކަމަށް ސިފަކުރައްވާފައެވެ. އަދި އިސްރާއީލުން ވަނީ މުޅި ޤައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. މަސްރަހު އިތުރަށް ގޯސްވެ، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ބަދަލުވެދާނެކަމުގެ ބިރު ބައިނަލްއަޤްވާމީ މުޖުތަމައުގައި ވަނީ އުފެދިފައެވެ.