ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ގެންނަ، ގަލްފްގެ އެއާލައިންތައް ހުއްޓުމަކަށް

ގަތަރު އެއާވޭސްގެ ފްލައިޓެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔަހޫދީ އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފަށާފައިވާ ހަމަލާތަކާ ގުޅިގެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ، މެދުއިރުމައްޗަށް ނިސްބަަތްވާ ގައުމުތަކުގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

އީރާނުން މެދުއިރުމަތީގައި ހުންނަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާ ދެމުން އަންނައިރު، އެ ސަރަހައްދުގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ.

އޭގެ ސަބަބުން، ގަތަރު އެއާވޭސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ވަގުތީ ގޮތުން ދަތުރުތައް މެދުކަނޑާލައިފައިވާ ކަމަށް ބުނެފައެވެ. އަދި އެމިރޭޓްސްއިން ވަނީ، ދުބާއީއާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށް ބުނެފައެވެ.

މީގެއިތުރުން މެދުއިރުމައްޗަށް ނިސްބަަތްވާ އިތުރު އެއާލައިންތަކުންވެސް ދަނީ ދަތުރުތައް މެދުކަނޑާލަމުންނެވެ.

https://sun.mv/218499

އެ ފިޔަވަޅުތަކާ ގުޅިގެން، މެދުއިރުމަތިން މިއަދު ރާއްޖެ އައުމަށް ހަމަޖެހިފައިވާ ބައެއް ޝެޑިއުލް ފްލައިޓުތައް ވެސް ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ދުބާއީއާއި ދޯހާގައި ޓްރާންސިޓްކޮށްފައެވެ.

އީރާނުން ހަމަލާތައް ދޭން ފަށައިފައިވަނީ، އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާ ދިނުމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއީ ދުވަސްތަކަކަށް ކުރިއަށްގެންގޮސް، އީރާނުގެ މިސައިލްތައް އެއްކޮށް ނައްތާލާނެ އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

އޭގެ ފަހުން އީރާނުން ވަނީ، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި ޔޫއޭއީގެ އިތުރުން، ގަތަރާއި ކުވޭތާއި ބަހްރޭންގެ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ.

އޭގެ ސަބަބުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ވަރަށް ގިނަ އެއާލައިންތަކުން ވަނީ އެ ސަރަހައްދަށް ފްލައިޓުތައް ކެންސަލްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު