މަމްސް އެއިޑްއިން ކޮންމެ އަހަރަކު ކުރިއަށް ގެންދާ "ރަމަޟާން އެއިޑް" ކެމްޕޭނުގައި އައިކެއާއިން މި އަހަރު ވެސް ބައިވެރިވެއްޖެއެވެ.
މިދިޔަ އަހަރުގެ ކާމިޔާބު ގުޅުމަށް ބިނާކޮށް، އައިކެއާގެ ފަރާތުން މި އަހަރު ވަނީ ކޮންމެހެން ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ "ކެއާ ބާސްކެޓް"ތަކެއް ހަދިޔާކޮށްފައެވެ.
މި ބާސްކެޓްތަކަކީ މި ބަރަކާތްތެރި މަހު އާއިލާތަކަށް ތަކުލީފެއް ނެތި ހިތްހަމަޖެހުމާއެކު ރޯދައިގެ އަޅުކަމުގައި މަޝްއޫލުވުމަށް މަގުފަހިކޮށްދިނުމަށްޓަކައި ތައްޔާރުކުރެވިފައިވާ އެހީއެއް ކަމަށް އައިކެއާއން ބުނެއެވެ.
މަމްސް އެއިޑުން ކުރިއަށްގެންދާ 'ރަމަޟާން އެއިޑް' ކެމްޕޭނުގައި ބައިވެރިވެ، އާއިލާތަކަށް ލުޔެއް ހޯދައިދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެންގެ އުންމީދަކީ އާއިލާތަކުގެ ދިރިއުޅުމުގެ ބުރަ ކުޑަކޮށްދީ، އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމަށްޓަކައި އެހީ އެންމެ ހައްގުވާ ފަރާތްތަކަށް މާނަހުރި އެހީތެރިކަމެއް ލިބިގެންދިޔުން. އައިކެއާގެ މާކެޓިން މެނޭޖަރު ނާއިފާ ޖިހާދު

އައިކެއާ އާއި މަމްސް އެއިޑުން މި އަހަރުވެސް "ކެއާ ބާސްކެޓް" ހަދިޔާކުރަނީ -- ފޮޓޯ: އައިކެއާ
ރަމަޟާން އެއިޑް ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ހަގީގީ ލުޔެއް ހޯދައިދިނުން ކަމަށް އައިކެއާއިން ބުނެއެވެ. އެގޮތުން، މި އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން، ރާއްޖޭގެ އެކި ސަރަހައްދުތަކުން އެހީއަށް އެންމެ ބޭނުންޖެހިފައިވާ 300 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް މަމްސް އެއިޑުން މަސައްކަތް ކުރަމުން ދާކަމަށް އައިކެއާއިން ވަނީ ބުނެފައެވެ.
އެހީ ދެވޭ އާއިލާތަކަކީ، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ވެރިފިކޭޝަން މަރުހަލާއެއް ފުރިހަމަކޮށް ކަނޑައަޅާފައިވާ އާއިލާތަކެއް ކަމަށް އައިކެއާއިން ބުނެއެވެ.
މުޖުތަމަޢުގެ ދުޅަހެޔޮކަމަށާއި އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި އަބަދުވެސް އައިކެއާއިން ސާބިތުކަމާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނީން ވަނީ ދީފައެވެ.