މާލެ ހިޔާގެ ފަސް ވަނަ ބުރިން އިއްޔެ ވެއްޓުނު މީހާއަށް ފަރުވާ ދެމުން އަންނަނީ، އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އެ މީހާ ފުލެޓުން ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކުރީ، އިއްޔެ ހެނދުނު 06:50 ހާއިރެވެ. އެއީ، 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާއިރު، އޭނާއަށް ފަރުވާ ދެނީ، އައިޖީއެމްއެޗުގައެވެ.
'ސަން'އިން ސުވާލުކުރުމުން އައިޖީއެމްއެޗުން ފޮނުވި ކުރު މެސެޖެއްގައި ބުނީ، އެ މީހާއަށް ފަރުވާ ދެނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ.
ނަމަވެސް، އޭނާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ސްޓްރެޗާ އަކަށް ލައިގެން އެ މީހާ ގެންދާއިރު، ބޮލާއި އަތުގައި ބެންޑޭޖު އަޅާފައިވާ މަންޒަރު ފެނެއެވެ. އަދި، އެ ސަރަހައްދުގައި ގިނަ އަދަދަކަށް މީހުން ހަރަކާތްތެރިވާ ތަން ފެނެއެވެ.