ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ އެއްމާބަނޑު ކޮއްކޮ، އަބްދުލްކަރީމް އަބްދުﷲ, ލ. ފޮނަދޫގެ ކައުންސިލް ރައީސްކަމަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމައިފައިވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފިއެވެ.
އަބްދުއްރަހީމް މެންބަރުކަން ކުރައްވާ, ފޮނަދޫގެ ރައީސްކަމަށް މި ފަހަރު ވެސް ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ، މިދިޔަ ތިން ދައުރުގައި އެ ކައުންސިލް ރައީސްކަން ކުރެއްވި އަހުމަދު ރިޔާޒެވެ. އޭނާއާ ދެކޮޅަށް, ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ކަރީމް, އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.
ކަރީމް މިއަދު "ސަން" އަށް ވިދާޅުވީ އޭނާ އިންތިޚާބަށް ނުކުންނަވަން ނިންމެވުމާއެކު, ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އޭނާގެ އަންހެން ދަރިފުޅު މިދިޔަ ބުދަ ދުވަހު މަގާމުން ވަކި ކުރައްވާފައިވާ ކަމަށެވެ. އަދި ފުނަދޫގެ ވެމްކޯ ކޭޝިއަރެއްގެ މަގާމުގައި ހުރި އޭނާގެ ދަރިފުޅު އާލިމް އަބްދުލްކަރީމް ވެސް އިއްޔެ ވަނީ އެ މަގާމުން ވަކި ކޮށްފައި ކަމަށް ކަރީމް ވިދާޅުވިއެވެ.
ކަރީމް ވިދާޅުވީ އޭނާ ގަބޫލު ކުރައްވާގޮތުގައި އޭނާގެ ދެ ކުދިން މަގާމުތަކުން ވަކިކުރައްވާފައިވަނީ އޭނާ އިންތިޚާބަށް ވާދަ ކުރައްވާތީ ކަމަށެވެ.
ބޭބެ އަބްދުއްރަހީމް ޕީއެންސީގައި އިސްކޮށް ހުންނަވަނިކޮށް އެ ޕާޓީއާ ދެކޮޅަށް އިންތިޚާބުގައި ވާދަ ކުރައްވަނީ ކީއްވެގެންތޯ ސުވާލު ކުރުމުން ކަރީމް ވިދާޅުވީ އިންތިޚާބުގައި ވާދަ ކުރެއްވުމަކީ ގާނޫނުއަސާސީއިން އޭނާއަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށެވެ. އޭނާ ވާދަ ކުރައްވަނީ ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ފަހަތަށް ޖެހެން ނުޖެހޭނެ ކަމުގެ މެސެޖު ދިނުމުގެ ގޮތުން ކަމަށް ވެސް ކަރީމް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުގެ ބޭނުން. އެކަމަކު އެ ބޭފުޅުން ސިފަ ކުރައްވަނީ އެހެން ގޮތަކަށް. އެ ބޭފުޅުން ސިފަ ކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ވައްޓާލުމުގެ ބޭނުމުގައި ކަމަށް." ކަރީމް ވިދާޅުވިއެވެ.
ކަރީމްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސްއިން ބަލައިގެންފައިވާއިރު އޭނާ ވަނީ ރަސްމީކޮށް ކެމްޕެއިން ފައްޓަވައިފައެވެ.
މިހާރު އޭނާ އަދާކުރައްވަނީ، ފޮނަދޫ މިސްކިތެއްގެ އިމާމެއްގެ ވަޒީފާއެވެ. އެ މަގާމު އޭނާ އަދާކުރައްވާތާ 19 އަހަރު ވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އަބްދުއްރަހީމުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކުގައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުން ފެށިގެން ގޮސް ސަރުކާރު އެކުލަވާލެއްވުމާއި މަޖިލިސް އިންތިޚާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމާ ހަމައަށް ވެސް ދެ ބޭފުޅުންގެ ގުޅުން ވަރަށް ރަނގަޅެވެ. އޭގެ އެއް ހެއްކަކީ ކެބިނެޓުގެ އެންމެ ނުފޫޒު ގަދަ އެއް މަގާމު ކަމަށްވާ ޓޫރިޒަމް މިނިސްޓަރުކަން އަބްދުއްރަހީމްގެ ދަރިފުޅު އިބްރާހީމް ފައިސަލަށް ދެއްވުމާއި މަޖިލިސް ރައީސްކަން އަބްދުއްރަހީމަށް ރައީސް މުއިއްޒު ދެއްވުމެވެ.
ނަމަވެސް ވަކި ހިސާބަކުން ރައީސާއި އަބްދުއްރަހީމުގެ ގުޅުން ހީނަރުވިކަމުގެ އަޑުތައް ގަދަވިއެވެ. ދެން ފެނުނީ ޓޫރިޒަމް މިނިސްޓަރުކަމުން ކުއްލި ގޮތަކަށް ފައިސަލް ވަކި ކުރެއްވި މަންޒަރެވެ. އަދި އަބްދުއްރަހީމް ވަރަށް ބޮޑަށް ސިޔާސީ ގޮތުން ހިމޭންވެވަޑައިގެންނެވި މަންޒަރު ފެނުނެވެ.
ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި އަބްދުއްރަހީމް ހުންނެވި ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކަންކަމުގައި އެ ޕާޓީއިން މިފަހަރު އިސްކޮށްފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ. ކުރިން އެފަދަ ކެމްޕެއިންތައް ލީޑް ކުރައްވަމުން ގެންދެވީ އަބްދުއްރަހީމެވެ.