ހަފްތާއެއްގެ ތެރޭގައި ޖާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރީން ޒިޔާރަތްކޮށްފި

ފަތުރުވެރިންތަކެއް އެއާޕޯޓުގައި: ހަފްތާއެއްގެ ތެރޭގައި ޖާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރީން ޒިޔާރަތްކޮށްފި ---- ފޮޓޯ/ އެމްއޭސީއެލް

ނިމިދިޔަ ޖެނުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ ތިންވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީއިން އާންމުކުރާ ވީކްލީ ޓޫރިޒަމް ސްޓެޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުގައި ޖެނުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 251،261 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައެެވެ.

މިއީ އޭގެ ކުރީ އޭގެ ކުރީ ހަފްތާގައި އައި 200،801 ފަތުރުވެރީންނާއި އަޅާބަލާއިރު 50،460 ނުވަތަ 4.4 ޕަސެންޓު އިތުރު އަދަދެކެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި އެންމެ ގިނަ ފަތުރުވެރީން އައިސްފައިވަނީ ރާއްޖޭގެ ރިސޯޓުތަކަށެވެ. އެއީ 171،669 ނުވަތަ 68.3 އިންސައްތަ ފަތުރުވެރީންނެެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރީން ގެސްޓްހައުސްތަކަށް އައިސްފައިވާއިރު، ގެސްޓްހައުސްތަކަށް 67،433 ނުވަތަ 26.8 އިންސައްތަ ފަތުރުވެރީން އައިސްފައިވެއެވެ. އަދި ތިންވަނައަށް ރާއްޖޭގެ ހޮޓެލްތަކަށް 2.7 އިންސައްތަ ނުވަތަ 6،670 ފަތުރުވެރީން ވަނީ ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކަށް ބަލާއިރު އަދިވެސް ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ރަޝިއާއެވެ. ނަމަވެސް ކުރީ ހާފްތާގައި ލިސްޓުގެ ހަތަރުވަނައިގައި އޮތް އިނގިރޭސިވިލާތް މިހާރު އޮތީ ލިސްޓުގެ ދެނަވައިގައެވެ. އަދި ލިސްޓުގެ ފަސްވަނައިގައި އޮތް ޖަރުމަނުވިލާތް މިހާރު އޮތީ ލިސްޓުގެ ތިންވަނައިގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިޓަލީއާއި ޗައިނާއިން ރާއްޖެއަންނަ ފަތުރުވެރީންގެ ނިސްބަތް ނިމިދިޔަ ހަފްތާގައި ވަނީ ދަށްވެފައެވެ. އެގޮތުން މީގެކުރީން 10.5 އިންސައްތައާއެކު ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީ މިހާރު އޮތީ ނުވަ ޕަސެންޓާއެކު ލިސްޓުގެ ހަތަރުވަނައިގައެވެ. އަދި 9.2 ޕަސެންޓާއެކު ލިސްޓުގެ ތިންވަނައިގައި އޮތް ޗައިނާ މިހާރު އޮތީ އަށް ޕަސެންޓާއެކު ލިސްޓުގެ ފަސްވަނައިގައެވެ.

https://sun.mv/217494

މި ހަފްތާގެ އާދިއްތަ ދުވަހު ރާއްޖެއަށް 10،253 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ފާހަގަކޮށްލެވޭ ރެކޯޑު އަދަދެކެވެ.

ރާއްޖޭގެ 19 އަތޮޅުގައި 179 ރިސޯޓު ހިންގަމުންއަންނައިރު ސަރުކާރުން ވަނީ މި އަހަރު 2.4 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވޭނެ ކަމަށް ލަފާކޮށްފައެވެ.

comment ކޮމެންޓް