ކުރިއަށް އޮތް ތިން އަހަރު ތެރޭ ސަރުކާރުން ދިހަ ރިސޯޓެއް ހަދާނެކަން އިއުލާނުކޮށްފައިވާއިރު، ސަރުކާރުގެ މުޅި ފޯކަސް ހުރީ ހުރިހާ ވިޔަފާރިއަކަށް ވަންނަން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ތުހުމަތުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދައުރު ފެށުމަށް ރިޔާސީ ބަޔާން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިއްވަވައިފައެވެ.
އެއް ކަމަކަށް އެ މަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ތެރޭ މަދުވެގެން 10 ރިސޯޓް ސަރުކާރުން ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި، ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި އަންދާޒާ ކުރެވެނީ މި އިންވެސްޓްމެންޓުން ލިބޭ ފައިދާ 2030އިން ފެށިގެން ޖަމާ ކުރެވޭނެ ކަމަށެވެ.
އެ ބަޔާނަށް ފާޑުވިދާޅުވެ، އަމީރު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށާއި މިހާރަށް ވުރެ ފުޅާކޮށް ވިޔަފާރިތަކަށް ސަރުކާރުން ވަންނާނެކަން އެ ބަޔާނުން އެނގުނު ކަމަށެވެ.

ކ. އަތޮޅު ގަމަރުގިރި ކަައިރީ އޮންނަ ދަ ރިޒް ކާޓަން ސްޕާ ރިސޯޓް: އަމީރު ވިދާޅުވީ، ސަރުކާރުގެ މުޅި ފޯކަސް ހުރީ ހުރިހާ ވިޔަފާރިއަކަށް ވަންނަން، މިއީ ބިރުވެރި ސިޔާސަތެއް ކަމަށް
މިހާތަނަށް އައިއިރު، ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށްވީ، އެ ސިނާއަތުގައި ސަރުކާރުގެ ސީދާ ބައިވެރިވުމެއް ނެތި ކަމަށް އަމީރު ވިދާޅުވިއެވެ.
އޭނާ ތުހުމަތުކުރެއްވީ، ސަރުކާރުގެ މުޅި ފޯކަސް ހުރީ ހުރިހާ ވިޔަފާރިތަކަށް ވަންނަން ކަމަށެވެ. އެއީ، ގެއްލުން ބޮޑުވާނެ، ބިރުވެރި ސިޔާސަތެއްގެ ގޮތުގައި އަމީރު ވަނީ ސިފަކުރައްވާފައެވެ.
ސަރުކާރުގެ މަސްއޫލިއްޔަތަކީ، ރެގިއުލޭޓު ކުރުމާއި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކުރުން ކަން ފާހަގަކުރައްވައި އަމީރު ވިދާޅުވީ، އަމިއްލަ ވިޔަފާރިތައް އިނދަޖައްސާލާ، ހުރިހާ ވިޔަފާރިއެއް ސަރުކާރުން ކުރާކަށް ނުޖެހޭ ކަމަށެވެ.
ޓެކްސީ ކުރުމުގެ ޚިދުމަތަށް ވެސް ސަރުކާރުން ވަދެ، ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފުކުރަން އުޅޭތީ އެ ދާއިރާގެ މީހުންނާއި އިދިކޮޅުގެ ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމަށްވާ, ފަތުރުވެރިކަމުގެ ވިޔަފާރިއަށް މީގެ ކުރިން ވެސް އެކި ދިވެހި ސަރުކާރުތަކުން ވަނުމަށް މަސައްކަތް ކޮށްފައި ވެއެވެ. އަމިއްލަ މީހުން އެ ވިޔަފާރީގައި އިންވެސްޓް ކޮށްގެން ބޮޑު ފައިދާއެއް ހޯދި ނަމަވެސް ސަރުކާރުތަކުން މިހާތަނަށް ކުރި އިންވެސްޓްމަންޓްތައް މާ ކާމިޔާބު ވެފައެއް ނުވެއެވެ.