މިދިޔަ މަހު ފަހުކޮޅު ބޭއްވި، މިއަހަރުގެ އެކްރޮސް މޯލްޑިވްސްގައި، ދިވެހި މަޝްހޫރު ޑައިވަރު ޝަފްރާޒް ނައީމް ކަނޑުއަޑީގައި ގާއިމުކުރި ދެ ރެކޯޑެއް މޯލްޑިވްސް ބުކް އޮފް ދަ ރެކޯޑަށް އަރާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެފިއެވެ.
އެ ކުންފުންޏާއި ޝަފްރާޒާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެޑްވެންޗާ ޓޫރިޒަމްގެ ތެރެއިން ރާއްޖެއަކީ "ކަނޑުގެ ގައުމެއް"ގެ ގޮތުގައި ދުނިޔެއަށް ދައްކުވައިދީ، ކަނޑު އަޑީގެ ހަރަކާތްތަކާއި ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ، ދުނިޔޭގައި މަޝްހޫރު މަންޒިލެއް ކަމަށް އިޝްތިހާރު ކުރިއެވެ.
ޝަފްރާޒް ގާއިމުކުރި ދެ ރެކޯޑަކީ:
- ކަނޑު އަޑީގައި އެންމެ ދުރު ރާސްތާއަކަށް ދަތުރުކުރުން: ދެ ހަފުތާ ތެރޭގައި ޖުމުލަ 335 ކިލޯމީޓަރުގެ 55 ޑައިވާއި 75 ގަޑިއިރުގެ ދިގު ދަތުރެއް ފުރިހަމަކުރި
- މެދުނުކެނޑި އެންމެ ދުރު ރާސްތާއަށް ފީނުން: އެއް ސެޝަންގައި ފަސް ގަޑިއިރާއި 30 މިނެޓަށް ވުރެ ގިނަ ވަގުތު ހޭދަކޮށް، މެދު ނުކެނޑި 16.5 ކިލޯމީޓަރަށް ފީނި

ޝަފްރާޒް އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---- ފޮޓޯ/ ވިޒިޓް މޯލްޑިވްސް
އެ ހަފުލާގައި ދިވެހި ފަތުރުވެރި ކަމުގެ ރަންޔޫބިލް ހަރަކާތްތަކުގެ ތެރެއިން މެދުނުކެނޑި 50 ގަޑިއިރު ކުރިއަށް ގެންދިޔަ އޯޕަން ވޯޓާ ސްކޫބާ ޑައިވިބް ރެކޯޑު ވެސް ވަނީ، ބުކް އޮފް ރެކޯޑްސްއަށް ރަސްމީކޮށް ބަލައިގެންފައެވެ.
އިއްޔެ ބޭއްވި އެ ހަފުލާގައި ޝަފްރާޒާ ސެޓުފިކެޓު ހަވާލުކޮށްދެއްވީ، ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމާއި ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީއެވެ.
ޝަފްރާޒަކީ، ފީނުމުގައި 27 އަހަރުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ޑައިވަރެކެވެ.