ރާއްޖޭގައި މިއަދު ފެށި ކާވާ ވިމެންސް ލީގު 2026 ގެ ފުރަތަމަ މެޗުގައި ލަންކާގެ ހިރްދަނަމާނީ ބަލިކޮށް ކަޒަކިސްތާނުގެ ތުރާން ވީސީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ރާއްޖޭގެ ދެ ޓީމު ހިމެނޭ ގޮތަށް ޖުމްލަ ހަ ގައުމަކުން ހަތް ޓީމު ވާދަކުރާ މުބާރާތުގެ ފެށުން ތުރާން ވީސީން ރަނގަޅުކުރީ ހިރްދަރަމާނީއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ތުރާނުން ކާމިޔާބުކުރީ 25-11 އިންނެވެ. ދެވަނަ ސެޓު 25-08 އިން އެ ޓީމު ކާމިޔާބުކުރިއިރު، ތިންވަނަ ސެޓު ކާމިޔާބުކުރީ 25-20 އިންނެވެ. ތިންވަނަ ސެޓުގައި ލަންކާ ޓީމުން ސެޓު ހޯދަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ތުރާންގެ އިސްކޮޅުން ދިގު ކުޅުންތެރިން ފެނުނީ ތަފާތުކޮށެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާޏީ ގްރޫޕް ބީގައި ހިމެނޭ އުޒްބަކިސްތާނުގެ ހޫމޯ ވީސީއާއި ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބެވެ. މި މެޗު އެސްއެސް ޓީވީން ވަގުތުން ގެނެސްދޭނެއެވެ. މީގެއިތުރުން މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުވެސް މިރޭ އޮންނާނެއެވެ.
މާލޭގެ ސޯޝަލް ސެންޓަރުގައި މުބާރާތް ކުރިއަށްދާނީ މިމަހުގެ ހަތަރަކުން ދިހައެއްގެ ނިޔަލަށެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގެ ތެރެއިން ރާއްޖޭގެ ކުލަބު ވެމްކޯ ލައްވާލީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ވެމްކޯއާއެކު ދެން ހިމެނެނީ ސްރީ ލަންކާގެ ހިރްދަމާނީ ސްޕޯޓްސް ކުލަބާއި ކަޒަކިސްތާނުގެ ތުރާން ވީސީއެވެ.

ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކުލަބާއި އިރާނުގެ ފޫލާދު މުބާރަކާ ސެޕަހާންގެ އިތުރުން އުޒްބަކިސްތާނުގެ ހުމޯ ވީސީ އަދި ނޭޕާލް ޕޮލިސް ކުލަބެވެ.
މިއަހަރުގެ މުބާރާތުގެ ފޯމެޓު ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބެއެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެ ޓީމަށް ބްރޮންޒް މެޑަލް މެޗު ލިބޭއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެރޭ 20:30 ގައެވެ.
މުބާރާތުގެ ފޯރިގަދަ މެޗުތައް ބެލުމަށް ޓިކެޓު ވިއްކާ އަގަކީ 25 ރުފިޔާއެވެ. ކޮންމެ މެޗެއް ފެށުމުގެ ގަޑިއެއްހާއިރު ކުރިން އެ މެޗެއްގެ ޓިކެޓު ވިއްކަން ފަށާނެއެވެ. ޓިކެޓު ދޫކުރާނީ އެކަމަށް ހާއްސަކޮށް ސޯޝަލްގައި ޤާއިމުކޮށްފައިވާ ކައުންޓަރުންނެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެހެންކަމުން މުބާރާތުގެ ހުރިހާ މެޗެއް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ.
މުބާރާތުގެ ހުރިހާ މެޗަކާއެކު ކަވަރޭޖު ގެނެސްދެނީ ގިނަ ސްޕޮންސަރުންތަކެއްގެ އެހީތެރިކަމާއެކު އެވެ. އެގޮތުން ރެޑްސްޓާ، ސްޕެޑިކޯން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލިއޯ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް، އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ފާހަގަކޮށްލެވެއެވެ.
ދެން ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އޯލް އިން އޯލް އިންވެސްޓްމަންޓް، ތިބްޔަން ޕްރީސްކޫލް، ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑް، މަމަކް، ޝަވަރުމާޝީ އަދި ފިނިޓް އިންވެސްޓްމަންޓެވެ.