ދުންފަތާ ދެކޮޅަށް މި ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތައް ފަދަ ކަންކަން ތަންފީޒުނުކުރާނަމަ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރަން ކުރާ މަސައްކަތުން ނަތީޖާއެއް ނުނެރެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
"ތަރުޖަމާނާއެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ބަލިތަކުގެ ވައްޓަފާޅި ހުރި ގޮތުން އެންމެ ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހެނީ ގައިންގަޔަށް ނާރާ ބަލިތަކަށް ކަމަށެވެ. ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހެން އެންމެ ބޮޑަށް މަގުފަހިވާ އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައިވާ ގައުމަކަށް މި ސަރުކާރުގައި ވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އެންމެ މުހިންމު ކަމަކަށް ދުންފަތުގެ ގާނޫނަށް މި ގެނެވުނު އިސްލާހުތަކާ އެކު ޓެކްސް ބޮޑުކުރުމާއި ގަނެވިއްކުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ހަރުދަނާކުރުމާއި ރަޖިސްޓްރޭޝަން ސްޓްރެންތެންކުރުމާއި، ވޭޕް މަނާކުރުމާއި އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި 2007ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އެއްވެސް ކުއްޖަކަށް އަދި އޭގެފަހުން އެއްވެސް ދިވެހިރައްޔިތަކަށް ދުންފަތުގެ މުއާމަލާތްކުރުމަކީ ވިޔަފާރީގެ ގޮތުން ވެސް އެ ނޫން ގޮތަކުން ވެސް އެއީ ގާނޫނީ ކުށަކަށް ހެއްދެވުމާއި މި ހުރިހާ ކަމެއްގެ ނަތީޖާއަށް ވެގެން ދާނީ އަޅުގަނޑުމެންނަކީ ދުންފަތާ ދުރުހެލި މުޖުތަމައުއަކަށް ވެގެންދިއުން،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދުންފަތާ ދެކޮޅަށް އެޅޭ ފިޔަވަޅު ވާނީ އާންމު ސިއްހަތު ރައްކާތެރިކުރަން މުހިންމު ކަމަކަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދެމުން އައީ ޕްރައިމަރީ ހެލްތު ކެއާއަަށް ކަމަށެވެ. ރަށްރަށުގައި ޑޮކްޓަރުންގެ ޚިދުމަތް ލިބެން ނެތް އިރު ވެސް ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި، ފެމިލީ ހެލްތު ވޯކަރުން ފަދަ މަސައްކަތްތެރިންގެ ޚިދުމަތް ލިބެމުން އައި ކަމަށާއި، ޒަމާނުއްސުރެ އޮތް އެ ނިޒާމު ދޫވުމަކީ ލިބުނު ގޮންޖެހުމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ކުރަނީ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އެގޮތުން އަޅުގަނޑުމެން ކުރިއަށްގެންދާ އެންމެ މުހިންމު އެއް ޕްރޮގްރާމަކީ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމު ވަރުގަދަކުރުމަށް ޓަކައި މުޅި ދިވެހިރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ އެންމެންގެ ޑޭޓާ އަޅުގަނޑުމެންގެ ސިސްޓަމަކަށް އެބައަޅަން ބައެއް ލެބޯޓްރީ ޓެސްޓުތައް ހިމެނޭނެހެން،"
ނާޒިމް ވިދާޅުވީ އެ މައުލޫމާތު އެއްކުރެެވުމުން ވަކި ރަށެއްގައި އުޅޭ މީހުންގެ ތެރެއިން ސިއްހަތަށް އެންމެ ނުރައްކާ ބޮޑެތި މައްސަލަ ހުރި މީހުން ދެނެގަނެވޭނެ ކަމަށެވެ. އޭރުން ދުރާލައި ޑޮކްޓަރަށް ދައްކައި ދެނެގަނެ، ޗެކްއަޕް ހެދުމުގެ ނިޒާމަކަށް މީހުން އަހުލުވެރިވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިހާރު 12 އަތޮޅެއްގެ ރަށްރަށުން އެ މައުލޫމާތު ނަގައިފައިވާ ކަމަށާއި އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގެ މަސައްކަތްތެރިން ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަމާޒަކީ ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭ ނުނިމި ހުރި އަތޮޅުތަކުން އެ މައުލޫމާތު ހޯދުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެއާއެކު މިފަދަ ކަންކަމަށް ނުބަލައި، ސިއްހީ ނިޒާމު ހަރުދަނާކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ވާނީ "ފޫނެތް ފަޔަށް ފެން ފުރުން" ފަދަ ކަމެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވިއެވެ.
"މި ކަންތައްތަކަށް އެޑްރެސްނުކޮށް އަޅުގަނޑުމެންނަށް ހެލްތު ނިޒާމުގެ ކަންކަން ރަނގަޅުކުރަން އުޅޭ އުޅުން ވެގެންދާނީ ހަމަ ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމަކަށް. ބައިވަރު ލޯވަޅު ހުރި ބާލިދީއަކަށް ފެން އަޅައި ފުރަން އުޅުން ފަދަ ކަމަކަށް އިނގޭތޯ،" ނާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުން އެޅި އެންމެ ބޮޑު އެއް ފިޔަވަޅަކީ ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކެވެ. އެ ފިޔަވަޅުތަކަށް ބައިނަލްއަގްވާމީ ދުނިޔޭގެ ތައުރީފް ވަނީ ލިބިފައެވެ.