'ދުރަންދާރް'އަކީ ޕްރޮޕެގެންޑާއެއް ކަމަށް ބުނެ، ޕާކިސްތާނުން ރައްދުގައި ފިލްމެއް އުފައްދަނީ

އިންޑިއާގެ ބޮލީވުޑްއިން ދާދި ފަހުން ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ދުރަންދާރް"އަށް ދޭ ރައްދެއްގެ ގޮތުގައި ޕާކިސްތާނުން ފިލްމެއް އުފައްދަން ނިންމައިފިއެވެ.

ފިލްމު "ދުރަންދާރް"ގައި ޕާކިސްތާނުގެ ކަރާޗީގެ އަވަށެއް ކަމަށްވާ 'ލިޔާރީ'ގެ ވާހަކަ ގެނެސްދީފައިވަނީ މުޅިން ގޯސްކޮށް ކަމަށް ބުނެ, ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގެ އޮތޯރިޓީތަކުން ވަނީ "މެރާ ލަޔާރީ"ގެ ނަމުގައި ފިލްމެއް އުފައްދާނެކަން އިއުލާނުކޮށްފައެވެ.

އެ ފިލްމަކީ އިންޑިއާއިން އެންޓި-ޕާކިސްތާނު ފިލްމެއް އުފެއްދި ކަމަށް ބުނެ, "ދުރަންދާރް"ގެ ޓީމަށް ދޭ ވަރަށް ވަރުގަދަ ރައްދެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ސިންދީގެ އިންފޮމޭޝަން ޑިޕާޓްމަންޓްއާ ހަވާލާދީ އެ ޤައުމުގެ މީޑިއާތަކުން ބުނީ, ގޯސް މައުލޫމާތު ހިމެނޭހެ އިންޑިއާއިން ފިލްމެއް އުފެއްދި ނަމަވެސް ލިޔާރީގެ ހަގީގާ ތާރީޚު ފޮހެނުލެވޭނެ ކަމަށެވެ.

ޑައިރެކްޓަރު އަދިތިޔަ ދާރު ގެނެސްދިން ފިލްމަކީ ލިޔާރީގެ ތާރީޚު އޮޅުވާލި ޕްރޮޕަގަންޑާ ފިލްމެއް ކަމަށާއި ޕާކިސްތާނުން އުފައްދާ ފިލްމު "މެރާ ލަޔާރީ"އިން އެ އަވަށުގެ ހަގީގީ ވާހަކަ ބެލުންތެރިންނަށް ގެނެސްދެނީ ފަޚުރުވެރިކަމާ އެކު ކަމަށް ސިންދީގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ލިޔަރީ އަވަށުގެ ފޮޓޯއެއް--ފޮޓޯ/ޢެރެބްނިއުސް

ޕާކިސްތާނުން އުފައްދާ ފިލްމުގައި ލަޔާރީ އަވަށުގެ އަސްލު ވާހަކަތައް ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށާއި އިންޑިއާގެ ފިލްމުގައި އެ އަވަށުގެ ވާހަކަ ގެނެސްދީފައިވަނީ ހަގީގަތް މުޅިން އޮޅުވާލައި، ދެ ޤައުމުގެ މެދުގައި ފިތުނަވެރިކަން އުފެދޭ ގޮތަށް ކަމަށް ވަރަށް ގިނަ ޕާކިސްތާނު ބަޔަކު ވަނީ ބުނެފައެވެ.

އެ ފިލްމުން ދައްކުވައިދިން ގޮތުގައި ލަޔާރީގެ އައްސޭރިފަށުގައި ދިރިއުޅެމުން އަންނަ ބޮޑު މާފިއާ ނެޓްވޯކަކުން އައިއެސްއައިއަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

ނެޝަނަލް އެވޯޑު ވެސް ހާސިލުކޮށްފައިވާ އިންޑިއާގެ ފިލްމު ޑައިރެކްޓަރު އަދިތިޔަ މި މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ގެނެސްދިން ފިލްމު "ދުރަންދާރް"އަކީ އިންޑިއާގެ އޭ-ލިސްޓު ތަރިންތަކެއް ހިމަނައިގެން އުފެއްދި ފިލްމެކެވެ.

ރަންވީރު ސިންގް ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ މުހިއްމު ތަރިންގެ ތެރޭ އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، އާރް މާދަވަން އަދި ބަތަލާ ސާރާ އަރުޖުން ހިމެނެއެވެ. އަކްޝޭ ކަންނާ ފިލްމުގައި ދައްކުވައިދިނީ ޕާކިސްތާނުގެ ލިޔާރީގެ ނުރައްކާތެރި ގޭންގްސްޓާރެއް ކަމަށްވާ ރެހްމާން ދަކައިތުގެ ކެރެކްޓާއެވެ.

މި ފިލްމަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ތައުރީފުކޮށް ވާހަކަދެއްކިއިރު، ބައެއް ފިލްމީ ތަރިން ވަނީ ފިލްމުގައި ގެނެސްދިން ބައެއް މައުޟޫއުތަކާ މެދު އެއްބަސްނުވެވޭނެކަން ދޭހަވާ ގޮތަށް ވާހަކަދައްކާފައެވެ. އޭގެ ތެރޭގައި އެކްޓަރު ރިތިކް ރޯޝަން އަދި މަޝްހޫރު ފިލްމު ކްރިޓިކް އަނޫޕަމާ ޗޯޕްރާ ހިމެނެއެވެ.

ޕާކިސްތާނުގެ އިތުރުން ޢަރަބި ގިނަ ޤައުމުތަކުގައި ފިލްމު "ދުރަންދާރް" ދެއްކުން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް