ޗެޓްޖީޕީޓީއަށް އެޕްތައް ގުޅާލަން ފުރުސަތު ދީފި

މިހާރުވެސް ވަރަށް ގިނަ އެޕްތައް ވަނީ ޗެޓްޖިޕީޓީއާގުޅާލައިފައި --

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޚިދުމަތްދޭ އޯޕަންއޭއައިއިން އާންމު ޑިވެލޮޕަރުންނަށް އެ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޗެޓްޖީޕީޓީއާ ގުޅާލަން ނުވަތަ އިންޓެގްރޭޓްކުރަން ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލައިފިއެވެ.

މި ބަދަލާއެކު ޑިވެލޮޕަރުންނަށް އެ މީހުންގެ އެޕްތައް ރިވިއުކުރަން ފޮނުވޭނެއެވެ. އޯޕަންއޭއައިގެ މިންގަނޑުތަކަށް ފެތޭ އެޕްތަކަށް ހުއްދަ ލިބުމުން، ޗެޓްޖީޕީޓީގެ ވެބްސައިޓާއި މޯބައިލް އެޕްގައި ހުންނަ "އެޕް ޑައިރެކްޓަރީ"ގައި މި އެޕްތައް ލިސްޓު ކުރާނެއެވެ.

މި އެޕްތައް ޗެޓްޖީޕީޓީއާ ގުޅާލުމުން ޔޫޒަރުން ލިޔާ ޓެކްސްޓް މެސެޖަކުން އެ އެޕްތަކުގައި ހުންނަ މަސައްކަތްތައް އޭއައި އެޖެންޓް މެދުވެރިކޮށް ފުރިހަމަ ކުރެވޭނެއެވެ.

އޭގެ ތެރޭގައި އޮންލައިންކޮށް އެއްޗެހި ގަތުމާއި (މިސާލަކަށް ގްރޯސަރީ އޯޑަރުކުރުން)، މައުލޫމާތުތަކެއް ބޭނުންކޮށްގެން ސްލައިޑް ޕްރެޒެންޓޭޝަން ހެދުމާއި އަދި ކުއްޔަށް ހިފާނެ އެޕާޓްމަންޓް ހޯދުން ފަދަ ކަންކަން ހިމެނޭކަމަށް އެ ކުންފުނިން ބުނެއެވެ.

https://sun.mv/215435

މިއީ ޗެޓްޖީޕީޓީ އާދައިގެ ޗެޓްބޮޓަކުން އޮޕަރޭޓިން ސިސްޓަމަކަށް ބަދަލުކޮށްލުމަށް އޯޕަންއޭއައިއިން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށް އެ ކުންފުނީގެ އިސްވެރިއެއް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

މިހާރު ވެސް އެޑޯބީ، ކެންވާ، ސްޕޮޓިފައި، ބުކިންގް ޑޮޓް ކޮމް، އެކްސްޕީޑިއާ، ފިގްމާ އަދި ޓާގެޓް ފަދަ މަޝްހޫރު އެޕްތައް ޗެޓްޖީޕީޓީ ތެރެއިން ބޭނުންކުރެވެއެވެ. މީގެ އިތުރުން އެންމެ ފަހުން ގުޅާލެވުނު އެޕްތަކުގެ ތެރޭގައި "އެޕަލް މިއުޒިކް" ހިމެނޭއިރު، މިއާއެކު ސަބްސްކްރައިބަރުންނަށް ލަވަ ހޯދުމާއި ޕްލޭލިސްޓް ހެދުން ފަދަ ކަންކަން ކުރެވޭނެއެވެ. އަދި، ކުރިއަށް އޮތް ތަނުގައި "ސޭލްސްފޯސް" ވެސް މި ލިސްޓަށް އިތުރުކުރާނެ ކަމަށް އޯޕަންއޭއައިއިން މައުލޫމާތު ދެއެވެ.

ޑިވެލޮޕަރުން ހުށަހަޅާ އެޕްތައް ބަލައިގަންނާނީ ސެކިއުރިޓީ، ސޭފްޓީ އަދި ޕްރައިވެސީގެ ހަރުކަށި މިންގަނޑުތަކަށް ފެތޭތޯ އޮޓަމޭޓެޑްކޮށް އަދި މެނުއަލްކޮށް ބެލުމަށް ފަހުގައެވެ.

ޔޫޒަރުންގެ ޑޭޓާ ރައްކާތެރިކުރުމުގެ ގޮތުން، އެޕަކަށް ހިއްސާކުރެވެނީ ކޮން މައުލޫމާތެއްކަން ޔޫޒަރަށް ސާފުކޮށް ފެންނަން ހުންނާނެ ކަމަށާއި ބޭނުންނަމަ ކޮންމެ ވަގުތަކު ވެސް އެޕް ޑިސްކަނެކްޓް ކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މިންގަނޑުތަކަށް ނުފެތޭ އެޕްތައް ޑައިރެކްޓަރީން އުނިކުރެވޭނެއެވެ.

އޯޕަންއޭއައިއިން ބުނި ގޮތުގައި މުދާ ގަތުން ފަދަ މުއާމަލާތްތަކަށް ފައިސާ ދެއްކުން މި ވަގުތު ކުރިއަށްދާނީ ޗެޓްޖީޕީޓީން ބޭރުން، އެ އެޕެއްގެ ވެބްސައިޓް ނުވަތަ ޕްލެޓްފޯމް މެދުވެރިކޮށެވެ. ނަމަވެސް، މުސްތަގުބަލުގައި ޑިވެލޮޕަރުންނަށް ޑިޖިޓަލް މުދާ ވިއްކުން ހިމެނޭހެން، އެޕްތައް މެދުވެރިކޮށް ފައިސާ ހޯދޭނެ އިތުރު ގޮތްތައް ތައާރަފުކުރަން ރާވާފައިވާ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު