މުދާ ހިފައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލުނު މީހަކު، މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު 13:21 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެއީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ދެނެގަނެވިފައިވާ ކަމަށާއި އެއީ މުދާ ހިފައިގެން އެއާޕޯޓަށް ދަތުރުކުރި ބާޖަކުން މޫދަށް ވެއްޓި ގެއްލިފައިވާ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ނަމަވެސް އެއީ ކޮންއިރަކު ހިނގި ހާދިސާއެއްކަން މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ.
އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.
ފާއިތުވި ހަފުތާތަކުގައި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައިފައިވެއެވެ.
ރާއްޖޭގައި ހިނގައިފައިވާ ބައެއް ހާދިސާތަކުގައި ކަނޑަށް މީހުން ގެއްލި، ބައެއް މީހުން ނުފެނި އެތައް ދުވަހެއްވެ، ހޯދުމުގެ މަސައްކަތް ހުއްޓާލާ ހިސާބަށް ވެސް ގޮސްފައިވެއެވެ.