ޖަލުން ކުރާ ސްކޭމް ކޯލްތައް 80 ޕަސެންޓު މަދުކޮށްފިން: ޖަލު ކޮމިޝަނަރު

ކަރެކްޝަންސްގެ އޮފިސަރުންތަކެއް: ޖަލުން ކުރާ ސްކޭމް ކޯލްތައް 80 ވަރަކަށް ޕަސެންޓު މަދުކޮށްފައިވާ ކަމަށް ޒަރީރު ވިދާޅުވި -- ފޮޓޯ/ ކަރެކްޝަންސް

ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް 80 ވަރަކަށް ޕަސެންޓު މަދުކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.

ޖަލުން ސްކޭމް ކޯލްތައް ކުރާކަމުގެ ތުހުމަތު ވަރަށް ބޮޑެވެ. ވަރަށް ފަހުން، އެފަދަ ކޯލްތައް ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ، ޒަމާނީ ސެކިއުރިޓީ ވަސީލަތްތައް ޖަލުތަކުގައި ގާއިމުކުރެވިފައި ނެތް ކަމަށެވެ. އެ ގޮތުން، ސެކިއުރިޓީ ކަންކަމަށް ޖަލުތަކުގައި ހުރީ ވަރަށް އާދައިގެ ޑިޓެކްޓާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތައް އެބަހުރިކަން ޒަރީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަލީ އިހުސާން، މާފުށީ ޖަލަށް ޒިޔާރަތް ކުރެއްވިއިރު، ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރު [މ] -- ފޮޓޯ/ ހޯމް މިނިސްޓްރީ

އޭނާ ވިދާޅުވީ، ޖަލުތަކުގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ސެންޓްރަލް ކޮމާންޑެއް އުފައްދައިގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ފުލުހުންނާ ގުޅިގެން ސްކޭމް މަދުކުރަން މިހާތަނަށް ޖަލުތަކުގައި މަސައްކަތްތައް ކުރި ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ކުރެވުނު މަސައްކަތުން މި އަހަރު ޖަލުން ސްކޭމް ކޯލު ވަނީ 80 ވަރަކަށް ޕަސެންޓު މަދުކުރެވިފައި،ކޮމިޝަނަރު އޮފް ޕްރިޒަންސް ޙަސަން ޒަރީރު

އެ ފަދަ ނަތީޖާތައް ނެރެން ކަރެކްޝަންގެ އޮފިސަރުން "ފަރުދާގެ ފުރަގަހުގައި" ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޒަރީރު ވިދާޅުވިއެވެ.

ޒަރީރު އެ ފަދައިން ވާހަކަދެއްކެވިއިރު، ޖަލަށް ފޯނު ވައްދައިދިނުމުގެ ފަހަތުގައި ތިބެނީ ޖަލު ބަލަހައްޓަން ތިބޭ އޮފިސަރުންނާއި އެ މީހުންގެ ވެރިން ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވެއެެވެ. އެކި ބްރޭންޑްގެ ފޯނު ވައްދައި ދެނީ އެކި އަގުތަކަށް ކަމަށާއި މިއީ ބައެއް އޮފިސަރުން ވަރަށް ބޮޑު ނަފާއެއް ހޯދާ ކަމެއް ކަމަށް ތުހުމަތުކުރެއެވެ.

ޖަލަށް ޑުރަގު ވެއްދި މައްސަލައިގައި ދައުލަތުން ދައުވާކުރި ފަސް މީހުން: އޭގެ ތެރެއިން ތިން މީހަކާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައި -- ފޮޓޯ/ ޕޮލިސް

މި ތުހުމަތަށް ބާރު ލިބޭ ހެކިތަކެއް މީގެ ކުރިން ހާމަ ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެކި ފަހަރު މަތިން 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދި މައްސަލައިގައި ޖުމުލަ 18 ޖަލު އޮފިސަރުން ހިމެނޭ ކަމަށް ވިދާޅުވީ, މިދިޔަ ޖޫން މަހު ފުލުހުންގެ ހިންގި ޚާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ. އެ ޖަލު އޮފިސަރުންގެ ފޮޓޯއާއެކު ވަނަވަރު ވެސް ހާމަ ކުރެއްވިއެވެ. އަދި، ހެކި ހުރުމުން ދައުވާ ވެސް އުފުލިއެވެ.

ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެއް ކަމަށްވާއިރު، އެކަން ނުކުރަނީ ކީއްވެގެންތޯ "ސަން"އިން ވަނީ ހޯމް މިނިސްޓްރީއާ ސުވާލުކޮށްފައެވެ.

https://sun.mv/211587

އެ މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ ސެޕްޓެންބަރު މަހު ވިދާޅުވީ، ޖަލުގައި ޖޭމަރު ހަރުކުރުމުން މާފުއްޓާއި އެ ރަށް ކައިރީ އޮންނަ ހިސާބުތަކުގެ ސިގްނަލް ވެސް ކެނޑޭ ކަމަށެވެ. އެހެންވެ، އާ ބޮޑީ ސްކޭނާއެއް ގެނެސްގެން ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ކަމާ ގުޅުވައި ޒަރީރު ވިދާޅުވީ، ބޮޑީ ސްކޭނިން މެޝިނެއް ރާއްޖެ ގެނެސް، އިންސްޓޯލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެއީ ކޮން ޖަލެއްކަމެއް ހާމައެއް ނުކުރައްވައެވެ.

މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ ސްކޭމުތަކުގެ ސަބަބުން އެތައް ބަޔަކު ބުރަ މަސައްކަތުން ހޯދާފައިވާ އެތައް މިލިއަން ރުފިޔާއެއް ފޭރިގެންފައި އެބަހުއްޓެވެ.

comment ކޮމެންޓް