ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި މިނިސްޓްރީތަކަށް މަސައްކަތްކޮށްދީފައި، އެ ބިލުތަކަށް ފައިސާ ނުލިބިފައި ތިބި ވިޔަފާރިވެރިންނަށް ފައިސާ ދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ތިންވަނަ ތާރީޚެއް ދެއްވައިފިއެވެ.
ވިޔަފާރިވެރިންނަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެބައޮތެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ރޭ ރައީސް މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް އެންމެ ގިނަ ވިޔަފާރިވެރިންގެ ކަންބޮޑުވުމަކީ ފައިސާ ނުލިބި ލަސްވުމެވެ. އެ ގޮތުން، އެތައް މިލިއަން ރުފިޔާއެއް ނުލިބި، ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައި ތިބި ކުންފުނިތަކުން ވެސް އެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެ ކަންބޮޑުވުންތަކާ އެކު ވިޔަފާރިވެރިންވަނީ ފައިސާ ނުދެއްކޭ ނަމަ ޓެކުހާ ލާޖައްސައިގެން އެކަން ކުރަން އެދިވަޑައިގެންފައެވެ.
ބައްދަވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މަސައްކަތްކުރައްވަނީ އޭގެ ތެރެއިން ވީހާ ވެސް ގިނަ ބިލުތައް މި މަސް ނިމުމުގެ ކުރިން ދައްކާ ނިންމަން ކަމަށެވެ. އަދި، ބާކީ ހުރި ބިލުތައް ޖަނަވަރީ މަހުގެ ތެރޭގައި ނިންމަން މަސައްކަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ފިނޭންސް މިނިސްޓްރީން އަންނަނީ ކަމާ ބެހޭ ފަރާތްތަކާ އެކު އެ މަސައްކަތްކުރަމުން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނަށް އެންމެ ބޮޑަށް ނުރުހުން އަމާޒުވީ ބިލުތައް ނުދައްކާތީ -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން، ވިޔަފާރިވެރިން އެދިވަޑައިގެން ގޮތަށް އެ ބޭފުޅުން ދައްކަން އޮތް ޓެކްސް ފައިސާއާއި ސަރުކާރުން ދަރާފައިވާ އަދަދު އަޅާ ކެނޑޭނެ ގޮތެއް ހޯއްދަވަން މަސައްކަތްކުރައްވާނެ ކަމަށެވެ. އެ މަޝްވަރާތައް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ހަމަ ޔަގީނުން ވެސް ރަނގަޅު ހައްލެއް އަންނާނެ،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މަސައްކަތްކުރައްވަނީ އަންނަ އަހަރުގެ ރޯދަމަހުގެ ކުރިން އެ ބިލުތައް އެއްކޮށް ދައްކާ ނިންމާލެވޭތޯ ކަމަށެވެ. އެހެންވެ، އެއީ ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ބިލުތައް ދައްކާ ނިންމަން އެ މަނިކުފާނު ދެއްވި ތިންވަނަ ތާރީޚެވެ.
މީގެ ކުރިން ރައީސް ވަނީ މިދިޔަ ރޯދަމަހުގެ ކުރިން ވެސް އެ ބިލުތައް ދައްކާ ނިންމަން ވައުދުވެލައްވާފައެވެ. އެކަމަކު، އެ ތާރީޚަށް ވެސް ފައިސާ ދައްކާ ނުނިންމުނެވެ. އޭގެ ފަހުން، 10 ދުވަސްތެރޭ ބިލުތައް ދައްކާނެ ކަމަށް މި އަހަރުގެ އޮކްޓޫބަރު 21 ގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، އަދިވެސް ވިޔަފާރިވެރިންނަށް އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އެބައޮތެވެ.
އެ ދުވަސްވަރު ސަރުކާރުން ވަނީ ޕެންޝަން ބޯޑު މެދުވެރިކޮށް މަރުކަޒީ ބޭންކް އެމްއެމްއޭއަށް ފައިނޭންޝަލް ޓޫލްއެއް ވިއްކައިގެން ފައިސާ ހޯދަން މަސައްކަތްކޮށްފައެވެ. އެ ކަމާ ދެކޮޅު ހަދާ، އެއީ ފައިސާ ޗާޕުކުރުން ކަމަށް ވިދާޅުވެ، އެ ބޯޑުން ސަރުވަޝް އާދަމް އިސްތިއުފާދެއްވީ އޮކްޓޫބަރު 22 ގައެވެ. އޭގެ ފަހުން މިދިޔަ މަހު ހަތަރެއްގައި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާދެއްވާފައެވެ.
ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭ ކަމަށް ބުނެ، ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. އޭގެ ތެރޭގައި އިގުތިސާދީ ދާއިރާގެ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނެއެވެ. އެ ބޭފުޅުން ނުރުހުން ފާޅުކުރެއްވީ އެމްއެމްއޭ މެދުވެރިކޮށް އާ ފައިސާ އިގުތިސާދަށް ނެރޭ ނަމަ އެއިން ނުކުންނާނީ ފައިސާ ޗާޕުކުރުމުގެ އިގުތިސާދީ ނަތީޖާ ކަމަށް ވިދާޅުވެއެވެ.
އެކަމަކު، ސަރުކާރުން ގެންދަނީ އެ ތުހުމަތު ދޮގުކުރަމުންނެވެ. އަދި، ބައެއް އޮފިޝަލުން ވަނީ އެކަން ކުރަނީ ވިޔަފާރިތަކަށް ފައިސާ ދައްކަން ކަމަށް ވެސް ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުން ނުދައްކާ ހުރި ބިލުތަކުގެ ޖުމުލަ އަދަދާއި ތަފުސީލުތައް ހާމަކުރަން ވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެދުމުން ވެސް ފިނޭންސް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ. އެހެންވެ، ކުންފުނިތަކަށް ނުދައްކާ އޮތީ ސީދާ ކިހާ އަދަދެއް ކަމެއް ނޭނގެއެވެ.
އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރައްވާ ގޮތުގައި އެ އަދަދު 14 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ސަރުކާރުން ފައިސާ ނުލިބި އެތައް ދުވަހެއް ހޭދަކުރަން ޖެހުމެވެ. އޭގެ ސަބަބުން އެ ވިޔަފާރިވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބެއެވެ.