ޗެޓްޖީޕީޓީން ފޮޓޯ ހެދުން ހަތަރު ގުނަ އަވަސްކޮށްފި

ޗެޓްޖީޕީޓީން މިހާރު ފޮޓޯ ހެދޭ ސްޕީޑް ހަތަރުގުނަ އަވަސް --

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާގައި އެންމެ ކުރިއަރާފައިވާ ކުންފުނި، އޯޕަންއޭއައި އިން އެކުންފުނީގެ "ޗެޓްޖީޕީޓީ އިމޭޖަސް" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުޅިން އައު އަޕްގްރޭޑެއް ތައާރަފުކޮށްފިއެވެ.

މި އައު ޓޫލް މަސައްކަތްކުރަނީ "ޖީޕީޓީ އިމޭޖް 1.5" ނަމަކަށް ކިޔާ އެ ކުންފުނީގެ އެންމެ ފަހުގެ އިމޭޖް ޖެނެރޭޝަން މޮޑެލް މެދުވެރިކޮށެވެ.

ސެން ފްރެންސިސްކޯއަށް ނިސްބަތްވާ މި ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މި އައު މޮޑެލްއާއެކު ފޮޓޯ އުފެއްދުމާއި އެޑިޓްކުރުމުގެ ސްޕީޑް ކުރިއަށްވުރެ ހަތަރު ގުނަ އަވަސްވެގެންދާނެއެވެ. މި ގެނައި ކުރިއެރުންތަކާއެކު، މިއީ ދާދިފަހުން ގޫގުލް އިން ނެރުނު "ނެނޯ ބަނާނާ ޕްރޯ" އާ އެއް ފެންވަރެއްގެ ޓޫލްއެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އޯޕަންއޭއައި އިން ބުނާގޮތުގައި މި އަޕްޑޭޓާއެކު، ޔޫޒަރުން ދޭ އިރުޝާދުތަކަށް ޖަވާބުދާރީވާ މިންވަރު ވަނީ ވަރަށް ބޮޑަށް ރަނގަޅުކުރެވިފައެވެ.

https://sun.mv/215217

މުޅިން އަލަށް ފޮޓޯއެއް އުފެއްދި ނަމަވެސް، ނުވަތަ އަތުގައި އޮތް ފޮޓޯއެއް ބޭނުންކޮށްގެން މަސައްކަތްކުރި ނަމަވެސް، ޔޫޒަރުން ބޭނުންވާ ގޮތާ އެންމެ ގާތްކުރާ ނަތީޖާ މިހާރު ލިބޭނެއެވެ. ޚާއްސަކޮށް ފޮޓޯ އެޑިޓްކުރުމުގައި، ބޭނުންނުވާ ބައިތަކަށް ބަދަލު ނައިސް، ހަމައެކަނި ބޭނުންވާ ތަންތަން ބަދަލުކުރުމުގެ ސީދާކަން ވަނީ އިތުރުކޮށްފައެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މީގެ "ސްޕީޑް" އެވެ. ޑިޒައިންތަކުގެ ތަފާތު ގޮތްތައް ޓެސްޓުކުރުމަށާއި، ފޮޓޯ އެޑިޓްކޮށް ރަނގަޅުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް، އިންތިޒާރުކުރަންޖެހޭ ވަގުތު ކުޑަވުމުގެ ސަބަބުން މަސައްކަތްތައް ނިންމުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.

މި ގާބިލުކަން ލިބިގެންދަނީ ކުރީގެ މޮޑެލްތަކުގެ ބަދަލުގައި ބޭނުންކުރަން ފެށި އައު މޮޑެލްގެ ސަބަބުންނެވެ.

އެ ކުންފުނިން މައުލޫމާތުދޭ ގޮތުގައި ޔޫޒަރުންގެ "ގަސްތު" ދެނެގަތުމުގައި މިހާރު މާ އިތުބާރު ހިފެއެވެ. އަދި ފޮޓޯއަކަށް ބަދަލު ގެންނައިރު، ފޮޓޯގެ އަލިކަމާއި، ކޮމްޕޮޒިޝަން އަދި މީހުންގެ ސިފަ ފަދަ ކަންކަން އެއްގޮތެއްގައި ހިފަހައްޓައިދިނުމުގެ ގާބިލުކަން މި މޮޑެލްއަށް ލިބިގެންވެއެވެ.

މީގެ އިތުރުން، ޗެޓްޖީޕީޓީގެ ތެރޭގައި ފޮޓޯ އުފެއްދުމަށް ޚާއްސަ ވަކި އިންޓަފޭސްއެއް މިހާރު ވަނީ ހިމަނާފައެވެ. އެޕްލިކޭޝަންގެ ސައިޑްބާ އިން ވަދެވޭ މި ބައިގައި، އާންމު ޗެޓްތަކާ ވަކިން ފޮޓޯތަކަށް ޚާއްސަ ޖާގައެއް ލިބިގެންދެއެވެ.

ޔޫޒަރުންނަށް މިތަނުގައި ހުންނަ ޕްރީސެޓް ފިލްޓަރުތައް ބޭނުންކޮށްގެން، ދިގުކޮށް ޕްރޮމްޓް ލިޔުމަކާ ނުލައި ފަސޭހައިން ފޮޓޯތައް އެޑިޓްކޮށްލެވޭނެއެވެ.

މިހާރު މި އައު ފީޗާ ވަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ތިބި ޔޫޒަރުންނަށް ދޫކޮށްލާފައެވެ. މީގެ ތެރޭގައި ހިލޭ ބޭނުންކުރާ ފަރާތްތައްވެސް ހިމެނެއެވެ. އަދި ޑިވެލޮޕަރުންނަށް އޭޕީއައި މެދުވެރިކޮށް "ޖީޕީޓީ އިމޭޖް 1.5" ހިޔާރުކުރެވޭނެއެވެ. ނަމަވެސް މީގެ ކުރީގެ ވާޝަން ބޭނުންވާ ފަރާތްތަކަށް ކަސްޓަމް ޖީޕީޓީއެއްގެ ގޮތުގައި އެ ޓޫލް ބޭނުންކުރެވޭނެ ކަމަށްވެސް އޯޕަންއޭއައި އިން ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު