މީގެ ދުވަސްކޮޅެއް ކުރިން ދިމާވި ރައްޓެއްސަކު ބުންޏެވެ. މި އުޅެނީ ވަރަށް ދެރަކަމެއް ދިމާވެގެންނެވެ. ބަލިވެގެން ބޭރަށް ދާން އުޅުނު ރައްޓެއްސަކަށް، ފަރުވާއިން އައިސް އަނބުރާ ދޭގޮތަށް ދިން 2،000 ޑޮލަރުގެ ހިލަމެއް ނުވެގެންނެވެ. ފަރުވާއިން އެނބުރި ރާއްޖެ އައިތާ ދެ މަސް ދުވަސް ވީއިރު ވެސް ޚަބަރެއް ނުވެއެވެ. މިހާރު ރަހުމަތްތެރިކަން ވެސް ކެނޑިއްޖެއެވެ. ގުޅީމާ ފޯނު ވެސް ނަގަނީ ހިތަށް އެރީއެވެ. މާދަމާ، އަންނަ ހަފުތާ އެ ވަރެއްގައެވެ.
ބޮޑު ސްކޭމެކެވެ. ސްކޭމަކީ، އޮޅުވާލައިގެން، ދޮގު ހަދައިގެން، އިތުބާރު ހޯދައިގެން، މީހުންނަށް ދޭ މި ޒާތުގެ ލަނޑުލަނޑަށް ކިޔާ ނަމެކެވެ.
އޮޅުވައިނުލާ ބުނަންޏާ ސަރުކާރަށް މަސައްކަތްކޮށްދިން ވިޔަފާރިވެރިން ވެސް އެ ތިބީ ޒާތެއްގެ ސްކޭމެއްގައި ޖެހިފައެވެ. ވައުދާއި އަހުދުވެ، އެގްރީމެންޓުކުރީ މަސައްކަތް ނިންމީމާ ފައިސާ ދޭގޮތަށެވެ. އެ މީހުން އެ ތިބީ މަސައްކަތް ނިންމާ، ދާ ވެސް ހިކިފައެވެ. ފައިސާގެ ހިލަމެއް ނެތެވެ. މި ބުނާ ރައްޓެހި މީހާއަށް ޖެހުނު ހާލު ޖެހިފައެވެ.
ހޯމަ ދުވަހު ވެސް ސިވިލް ކޯޓުން އެ ފަދަ މައްސަލައެއް ނިންމިއެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ގެއްލުންވި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ކާޓިއުންސް އިންޓަނޭޝަނަލް އިން ކޮށްދިން މަސައްކަތުގެ އަގަށްވާ 7.11 މިލިއަން ރުފިޔާ ނުދީގެންނެވެ. އާރްޑީސީން އެއީ ދޭންޖެހޭ ފައިސާކަން އެއްބަސް ވެސް ވިއެވެ.
ސިވިލް ކޯޓުގެ ގާޒީ ފައިސަލް އާދަމް ވަނީ ތިން މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ހުކުމްކޮށްފައެވެ. އެކަމަކު، ސަރުކާރަކަށް މަސައްކަތްކޮށްދިން ބަޔަކު، އެ މީހުން ކޮށްދިން މަސައްކަތުގެ އުޖޫރަ ހޯދަން ހިނގަންޖެހޭ މަގަކީ މިއީ ހެއްޔެވެ؟ މި ދައުލަތުގެ ފެންވަރަކީ މިހާރު މިއީބާއެވެ؟
ނުދެއްކިފައި އެތައް ބިލިއަނެއް
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެބައޮތެވެ. ދޭތެރެދޭތެރެއިން ސަރުކާރުގެ އެންމެ ވޯޓު ގިނަ ކުންފުނިތަކާ ދެކޮޅަށް މީގެ ހުކުމްތައް ކޯޓުތަކުން ކުރެއެވެ. އެކަމަކު، އެއީ 'ނޯމަލް' ކަމަކަށް ހަދައިގެން ތިބެވޭ ވަރަށް ވުރެ މާ ހުތުރު ކަމެކެވެ. މި ދައްކަނީ ބަޔަކު ލައްވާ މަސައްކަތްކުރުވާފައި، އެ ފައިސާ ނުދީ އުޅޭ ވާހަކައެވެ. އެ ވެސް ހުރިހާ ދިވެހި ރައްޔިތުންގެ ޖީބުން ޚަރަދުކޮށްގެން ހިންގާ ސަރުކާރުންނެވެ.
މައްސަލައަކީ ދަރާފައި އޮތް ވަރު ވެސް ރައްޔިތުން ގާތު ބުނެލަން ނުކެރޭތީއެވެ. އެ ހިތްވަރު ވެސް ނެތީމައެވެ. ވެރިން އެހާ ވެސް ފިނޑިވީމައެވެ.
އަހަރު މި ނިމެނީ އެ މައުލޫމާތު ހޯދަން ފިނޭންސްގައި އެކިއެކި ގޮތްގޮތުން، އެކިއެކި ބަސްބަހުން އެދިއެދި ތިއްބައެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅުމުން ވެސް އުޒުރަކަށް ނުވެސްވާ އުޒުރެއް ދައްކާފައި އެ މައުލޫމާތެއް ނުދިނެވެ. އެއީ، ފިނޭންސަށް އެނގޭ ކަމަކަށް ވެސް ހަދާކަށް ބޭނުމެއް ނުވެއެވެ.
އިދިކޮޅު ޕީއެންއެފްގެ ރައީސްކަން ކުރައްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖައްސަވާ ހިސާބުން ނަމަ ސަރުކާރު ކުންފުނިތައް ހިމެނޭހެން 33 ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ދަރާފައި އޮންނާނެ ކަމަށް ބެލެވެއެވެ.
މިދިޔަ ރޯދަމަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް 'ގޮތްހުސްވެފައި' ތިބި ވިޔަފާރިވެރިންނަށް އެކިއެކި ތާރީޚުތައް ދެއްވައިފިއެވެ. އެކަމަކު، އެ ފައިސާ ދެއްވާނެ ގޮތުގެ ޕްލޭނެއް ވިދާޅެއް ނުވެއެވެ. އެހެންވެ، ސަބަބުވެރި އިންސާނެއްގެ ބުއްދިން ވިސްނައިފި ނަމަ އެއީ ކުރެވިދާނެ ކަމަކަށްވުރެ ވައްތަރީ އަނެއްކާ ވެސް ދައްކާ ހުވަފެނަކާއެވެ.
ދައުލަތުގައި ފައިސާ ހުންނަ ނަމަ، ޔަގީނުން ވެސް ދަރަނިތައް ދައްކާނެއެވެ. ބިލުތަކަށް ފައިސާ ނުލިބިގެން، ވިޔަފާރިވެރިން ކޯޓަށް ދާންޖެހެމުން އޭގެ މާނައަކީ ފައިސާއެއް ނެތޭއެވެ. ނޫން ނަމަ، އެ ފައިސާ މިހާރު އޮންނާނީ ދީ ނިންމާފައެވެ. އެހެންވީމާ، ތެދުވެރި ނިޔަތެއް އޮތް ނަމަ، ހަގީގަތުގައި ސަރުކާރުން މިހާރު ކުރަންޖެހޭ ކަމަކީ ދަރާފައި ހުރި އަދަދުތަކާއި އެއީ ކޮން ޒަމާނެއްގެ މަސައްކަތެއްގެ އަގުކަން ރައްޔިތުންނަށް ބުނެ ދިނުމެވެ. އަދި، އެ ފައިސާ ދައްކަން ސަރުކާރުން ގެންގުޅޭ ޕްލޭނަކީ ކޮބާކަން ބުނެދޭން ޖެހެއެވެ. ނޫން ނަމަ، އިތުރު ތާރީޚެއް ދެއްވުމުގެ މާނައެއް ނެތެވެ.
މިއީ ކުންފުނިތައް ސިޔާސީ ކުރުމުގެ ނަތީޖާ
އެމްޓީސީސީއަކީ މިލިއަނުން ފައިދާ ހޯދި ކުންފުންޏެކެވެ. އެކަމަކު، އެ ކުންފުންޏަށް ނުތަކާ ވަރަށް މަސައްކަތް ހަވާލުކޮށް، ބޭނުންނުވާ އެތައް މުވައްޒަފުންނެއް ނެގުމުގެ ނަތީޖާ ފެނޭ ހެއްޔެވެ؟ މި އަހަރު ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އޮތީ 20 މިލިއަން ރުފިޔާގެ ގެއްލުމެވެ. ދެން އަދި ފެނަކައާއި އާރްޑީސީގެ ވާހަކަ ކޮބާހެއްޔެވެ؟ އެއަށްވުރެ ހިންގުމުގެ ކަންކަން ބޮއްސުންލާފައި އޮތް ކުންފުންޏެއް މަދުވާނެއެވެ.
އެކަމަކު، ސަރުކާރުތަކަށް އެ ތަންތަން ވަރަށް ކަމުދެއެވެ. އެއީ، ފައިސާގެ ގޮތުން ބިލިއަނުން ގެއްލުން ވިޔަސް، އެތައް ހާސް ވޯޓެކެވެ.
ފެނަކައިން މުވައްޒަފުން މަދުކުރާނީ ކޮން ރައީސެއް ހެއްޔެވެ؟ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފެއްޓެވި އެ މަޝްރޫއު، މި ސަރުކާރުން ވެސް ކުރިއަށް ގެންދަނީ ނޫން ހެއްޔެވެ؟ ސަރުކާރު ކުންފުނިތަކުގައި މިހާރު ވެސް 38،000 އެއްހާ މުވައްޒަފުން އެބަ ތިއްބެވެ. އެ އަދަދު އަންނަނީ ޖަޕާނު މަހެއް ވިހާހެން އިތުރުވަމުންނެވެ. ރިފްރެޝްކޮށްލާ ކޮންމެ ފަހަރަކު އިތުރުވާނެއެވެ. އިންތިޚާބެއް އޮތިއްޔާ، ވަޒީފާއެއްގެ ވާހަކަދައްކާ އެންމެންނަށް ފުރުސަތު ދޭނެއެވެ.
ވަޒީފާ އެކަންޏެއް ނޫނެވެ. މަޝްރޫއެއް ވިޔަސް ހިންގަނީ އެހެން ނޫން ހެއްޔެވެ؟ ކުޑަކުޑަ ކުދިންތަކެއްގެ ނޯޓުކޮޅަކުން ގައުމުގެ ތަރައްގީގެ މިސްރާބު ކަނޑައަޅާ ގައުމެއް މި ނޫނީ މަދުވާނެއެވެ. ދެ ރަށް ދޭތެރޭގައި އެއާޕޯޓު އަޅާއިރު، ދައުލަތުގެ ދަރަނި އޮތީ ބޯ ނުހިކޭ ވަރުވެފައެވެ. ބޭރުގެ ދަރަނިތައް ދެއްކި ނަމަވެސް، އަމިއްލަ ވިޔަފާރިވެރިން އެ ތިބީ ގޮތް ހުސްވެފައެވެ.
ސަރުކާރަށް ކޮށްދިން މަސައްކަތުގެ އަގު ނުލިބިގެން، ވިޔަފާރި ބަނގުރޫޓުވެފައި ތިބި އެތައް ބަޔަކު އެބަތިއްބެވެ. ގޮތް ހުސްވެ، މުޅި ދިރިއުޅުން ބަރުބާދުވާ ހިސާބަށް ނުދާ ވިޔަފާރިވެރިއަކު މަދުވާނެއެވެ.
އެ މީހުންގެ ކަރަންޓު ބިލު ނުދެއްކުނީމާ ގެއިން ކަރަންޓު ވެސް ކަނޑާލައެވެ. ފެން ބިލަށް ފައިސާ ނުދެއްކިއްޖެ ނަމަ ފެން ވެރޭނެ ގޮތެއް ވެސް ނޯވެއެވެ. އެކަމަކު، އެ މީހުން ހާލަށް ދިޔައީ އެ މީހުންގެ ކުށަކުން ހެއްޔެވެ؟ ދައުލަތަކުން މާސިންގާ ސްކޭމެއްގައި އެ މީހުން ޖެއްސީ ނޫން ހެއްޔެވެ؟
އެކަމަކު، ސަރުކާރު ކުންފުނިތަކުން މިލިއަނުން ކަރަންޓު ބިލު ވެސް ނުދައްކާ އެބައޮތެވެ. ދައުލަތުގެ މީޑިއާއިން އެކަނި ވެސް ކަރަންޓު ބިލަށް 121 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތެވެ. އެ ތަނުގައި ކަރަންޓު ވެސް އެބަހުއްޓެވެ. އެއީ، އޭގެ އެންމެ މިސާލެކެވެ.
ސަރުކާރުން މި އަހަރު އެކަނި ވެސް ސަބްސިޑީއާއި އެ ނޫން ވެސް ނަން ނަމުގައި ކުންފުނިތަކަށް ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ދީފިއެވެ. އެއީ ކުޑަކުޑަ އަދަދެއް ނޫނެވެ. އެކަމަކު، އެ ބިޔަ ޚަރަދު ކުރާއިރު ވެސް ކުންފުނިތަކުގެ ހިންގުން ހަރުދަނާ ނުވަނީ އެންމެ ސަބަބެއް އޮތީމައެވެ. ގިނަ ވަޒީފާއަކީ ގިނަ ވޯޓެވެ. ދެކޮޅު ނުޖެހޭ ކޮންމެ މަޝްރޫއަކީ ވެސް ކިތައް ވޯޓު ހެއްޔެވެ؟
މިއީ ކިހާ ހިތާމަވެރި ކަމެއްހެއްޔެވެ؟ އެ އުޅެނީ ސަރުކާރަށް ކޮށްދިން މަސައްކަތަށް ހައްގުވާ ފައިސާ ނުދީގެންނެވެ.