ކަރުނައާ އެކު: "ދަފުތަރުގައި 40 އަހަރުވެއްޖެ، ހަތް ދަރިންނާ އެކު މި ދުވަނީ މަގުމަތީ"

ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ރައްޔިތުންގެ ބައްދަލުވުންތަކުން އެކިއެކި ޝަކުވާތައް އިވެއެވެ. އެއް ބަޔަކު މަޖީދީ މަގު ފިހާރަތަކުގެ ދޮރުތައް ހުރި ގޮތުންނެވެ. އަނެއް ބަޔަކު އިގުތިސާދާ މެދެވެ. އެކަމަކު، އެންމެ ގިނަ ބަޔަކު ކަންބޮޑުވާ، އެންމެ ނުރުހުން އަމާޒުވާ ކަމަކީ ބޯހިޔާވަހިކަމެވެ.

ރާއްޖެ ފަދަ ގެދޮރުވެރިކަމަށް "ސަލާންޖަހަން"ޖެހޭ ގައުމެއްގައި ވާނެ ވެސް ގޮތެވެ.

ގަލޮޅު ރައްޔިތުންނާ އެކު ރައީސް މުއިއްޒު މިރޭ ބޭއްވެވި ރައްޔިތުންގެ ބައްދަލުވުމުން ވެސް ފެނުނީ އެ މަންޒަރެވެ. އދ. މާމިގިއްޔަށް އުފަން މުހައްމަދު މޫސާ މާލޭގައި ދިރިއުޅެނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދައުރުން ފެށިގެންނެވެ. އޭނާ ބުނި ގޮތުގައި ދަފުތަރުގައި ޖެހިފައި އޮންނަތާ ވެސް 40 އަހަރު ވެއްޖެއެވެ. އުމުރުން 70 ވެއްޖެއެވެ.

އޭނާއަށް ކުރިން ހުޅުމާލެއިން ގެއެއް ލިބުނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ލިބުނު އެ ގެއާ މެދު ކަންވީ އަދި މާ ބޭއިންސާފުވެރިކޮށެވެ.

މުހައްމަދު މޫސާއަށް ލިބުނު ހަތް ދަރިންގެ ތެރެއިން ފުރަތަމަ ދަރިފުޅަކީ ބަލި ކުއްޖެކެވެ. އޭނާއަކީ އުފެދުމުގައި ފުރަގަސްފަރާތާއި ކުރިމަތިފަރާތުގެ ބައްޔެއް ހުންނަ ކުއްޖެކެވެ. އެހެންވެ، އޭނާގެ މުދަލާއި ހުރިހާ އެއްޗެއް ވިއްކީ އެ ދަރިފުޅަށް ބޭސް ކުރާށެވެ. ފަހުން ސަލާންޖަހައިގެންނެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު: އެންމެ ގިނައިން އިވޭ ޝަކުވާއަކީ ބޯހިޔާވަހިކަމުގެ ކަންބޮޑުވުން -- ފޮޓޯ/ ރައީސް އޮފީސް

މައުމޫން ދައުރުގައި އޭނާއަށް ހުޅުމާލެއިން ގޯތި ލިބުނުކަން އެނގުނީ މާދަމާ އެ ދަރިފުޅު ގޮވައިގެން ލަންކާއަށް ފުރަން ޓިކެޓު ނަގާފައި އޮއްވާ މިއަދެވެ. އެކަމަކު ވެސް ހަވީރު އޮތް ގުރުއަތަށް އޭނާ ދިޔައެވެ. އެއަށް ފަހު، އަނެއް ދުވަހު ފުރައިގެން ފަރުވާއަށް ދިޔުމުގެ ކުރިން ދަރިފުޅުގެ ހާލު ބުނެދޭން އޭނާ ދިޔައެވެ. މިނިސްޓްރީން އެދުނީ ސިޓީއެއް ލާށެވެ. އެ ޒަމާނުގައި އަތުލިޔުމުން ލިޔަންޖެހުމުން އެކަން ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ. އެހެންވެ، އަނެއް ދުވަހު ބޭހަށް ފުރީއެވެ. އެކި މީހުން އަތުން ސަލާންޖަހައިގެން ހޯދި ފައިސާ ހިފައިގެންނެވެ.

"ރޮއެފައި ބުނީމާ ވެސް އެ މީހުން ގޮތްދޫނުކޮށް އެ މީހުން މި ބޭބެ ފޮނުވާލީ،" އެ މީހާ ރޮމުން ކިޔައިދިނެވެ.

އެ މީހާއަށް ލިބުނިއްޔާ ލިބުނު މުދަލެއް ވިއްކީ ދަރިފުޅަށް ފަރުވާކުރަން ކަމަށް އޭނާ ބުންޏެވެ. އެއީ، އޭނާގެ ފުރަތަމަ ދަރިފުޅެވެ.

"ގޯތި ހޯދަން ދިޔައީމާ ބުނީ ގޯއްޗެއް ދެނެއް ނުލިބޭނޭ އަޅުގަނޑާ ދިމާއަށް. ވަގުތު ފާއިތުވެއްޖެއޭ،" ވަގުތު ހޭދަކުރީ އަލަތު ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަންކަން ފާހަގަކޮށް ކަރުނައާ އެކު އުމުރުން ދުވަސްވެފައި ހުރި އެ މީހާ ރައީސަށް ކިޔައިދިނެވެ.

އެ މީހާ އެ ދުވަހުން ފެށިގެން ވެސް ހަތް ކުދިންގެ ގޮވައިގެން 'މަގުމަތީގައި ދުވަނީ'އެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތެވެ. އުޅެންޖެހިފައި އޮތީ ބޮޑު ކުލި ދައްކައިގެންނެވެ.

އޭނާ ބުނި ގޮތުގައި އޭނާއަކީ 15 އަހަރު ސަރުކާރަށް ޚިދުމަތްކޮށްފައިވާ މީހެކެވެ. ޕޯޓްސް ކުންފުނި، އެމްޕީއެލްގެ ލިޔުމެއް ވެސް އޭނާ ބައްދަލުވުމުގައި ހުރެ ރައީސަށް ދެއްކިއެވެ.

މުހައްމަދު މޫސާ: އޭނާ ބުނީ ދަފުތަރުގައި 40 އަހަރުވެއްޖެ ކަމަށް --

"މި މުހައްމަދު މޫސާ ދަފުތަރުގައި އިންނަތާ 40 އަހަރު. އެކަމަކު، މި މުހައްމަދު މޫސާއަކަށް އުޅޭނެ ތަނެއް، ވަންނާނެ ތަނެއް ނެތް. ދަފުތަރުގައި ޖެހިފައި އިންނަނީއަކީ ރީއްޗަކަށް ނޫނޭ ކޮއްކޯ. ވަންނާނެ ގެއެއް ގެދޮރެއް ނެތީމާ،" އަސަރުން ފުރި، ކަރުނައާ ހެދި ރަނގަޅަށް ވާހަކަނުދެއްކޭ ހާލު އެ މީހާ ކިޔައިދިނެވެ.

"ކޮޓަރިގަނޑެއް ވެސް ނެތޭ އަޅުގަނޑުގެ. ކުއްޔަށްށޭ އުޅެނީ،"

އެ ހިސާބުން އޭނާއަށް ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކުނެވެ. ރޮވެން ފެށީއެވެ. އެއީ، މި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ހިސާބެވެ. މީހުން އުޅޭ ނިކަމެތި ހާލުގެ ކުޑަކުޑަ މިންވަރެކެވެ.

"ކީއްތަ ވާނީ އަޅެ މި ބޭބެއަށް ތަންކޮޅެއް ދެއްވިއްޔާ؟" ބޯހިޔާވަހިކަމެއް ދެއްވުން އެދި ރައީސް މުއިއްޒުގެ އަރިހުން "ސަލާންޖަހަމުން" އެ ބޭބެ ބުންޏެވެ.

"ބޭބެއަށް އުޅެވޭނެ ގޮތެއް ހައްދަވައިދެއްވާ. އާދޭހާއެއްކޮށް [މި އެދެނީ]،"

comment ކޮމެންޓް