ކާތިކްގެ އަމިއްލަ އެކައުންޓުގައި ހުރީ ކިހާ އަދަދެއްގެ ފައިސާކަން އޭނާއަކަށް ނޭނގޭ

އިންޑިއާގެ އެކްޓަރު ކާތިކް އާރްޔަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެތެރޭ ހިމެނޭ ކާތިކް އާރްޔަންގެ އެކައުންޓުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަން ޚުދު އެކްޓަރަށް ވެސް ނޭނގޭ ކަމަށާއި ފައިސާއާ ބެހޭ ހުރިހާ ކަމެއް ބަލަހައްޓަނީ އާއިލާއިން ކަމަށް ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު ފިލްމު ކްރިޓިކް އަދި ޝޯ ހޯސްޓް އަނޫޕަމާ ޗޯޕްރާގެ ޝޯއަށް ދިން އިންޓަވިއުއެއްގައި ކާތިކް ބުނީ ލިބޭ އާމްދަނީގެ ކަންކަން ބެލެހެއްޓުމަކީ އޭނާ އެއް އިރަކުވެސް ކުރާ ހިތްވާ ކަމެއް ނޫން ކަމަށެވެ.

ކުޑައިރުއްސުރެވެސް ފައިސާގެ މުއާމަލާތެއް ކުރަން ޖެހިއްޖެނަމަ އެންމެ ފުރަތަމަ ވެސް އެހީއަކަށް އެދެނީ މައިންބަފައިންގެ ފަރާތުން ކަމަށާއި އެކަން މިއަދާ ހަމައަށްވެސް އޮތީ އެގޮތަށް ކަމަށް ކާތިކް ވަނީ ބުނެފައެވެ.

ކާތިކް އާއިލާގެ މެމްބަރުންނަކީ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި ވަރަށް ކުޅަދާނަ ބައެއް ކަމަށާއި އެ މަސައްކަތް ކުރަނީ ވަރަށް ވިސްނުންތެރިކަމާ އެކު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެހެންވެ ކާތިކް ވިޔަފާރިއެއް ކުރިނަމަ އެއަށް ފައިސާ ވެސް ދައްކައިދެނީ އާއިލާއިން ކަމަށް ކާތިކް ވަނީ ބުނެފައެވެ.

ކާތިކް އާރްޔަން އެކްޓަރުގެ މައިންބަފައިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފައިސާގެ ކަންކަން މެނޭޖް ކުރުމަކީ އޭނާއަށް އެހާ ފަސޭހަކަމެއް ނޫން ކަމަށާއި އަމިއްލަ އެކައުންޓުގައި ފައިސާހުރި ކަމެއްވެސް އަދި ހުރި ނަމަ އެއީ ކިހާވަރެއްކަން ވެސް އޭނާއަށް ނޭނގޭ ކަމަށް 35 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.

ދާދިފަހުން ކާތިކް ކާރެއް ގަންނަން ބޭނުންވެގެން ފައިސާ ދޭން އެދުމުން އެކްޓަރުގެ މަންމަ ބުނީ އެވަރަށް ފައިސާ ނެތް ވާހަކަ ކަމަށާއި އެކަން އޭނާއަށް ޖެހުނީ ގަބޫލުކުރަން ކަމަށް ކާތިކް ވަނީ މި ޝޯގައި ބުނެފައެވެ.

އެހެންވެ ކޮންމެ މަހަކު ޕޮކެޓް މަނީ ހޯދަން ވެސް މަންމަގެ ހުއްދަ ހޯދަންޖެހޭ ކަމަށާއި ރަޙްމަތްތެރިންނާ އެކު ކެއުމަކަށް ގޮސް މާބޮޑު އަދަދެއް ރެސްޓޯރެންޓް ބިލަށް އަރައިފިނަމަ އެއަށް ޖަވާބުދާރީވާން ވެސް ވަރަށް ގިނައިން ޖެހޭ ކަމަށް ކާތިކް ވަނީ ބުނެފައެވެ. ފައިސާ ހޯދަން ގުޅާލުމުން އެކްޓަރު ޑައިޓްގައި އުޅޭއިރު ވެސް އެހާބޮޑު ބިލެއް ދައްކަންޖެހެނީ ކީއްވެތޯ މަންމަ އަހާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ކާތިކް އަކީ އޭނާގެ މަންމަ އާއި ބައްޕަގެ ދެ ކުދިންގެ ތެރެއިން ހަގު ދަރިފުޅެވެ. ކާތިކްގެ މައިންބަފައިންގެ އިތުރުން ދައްތަ ކްރިތިކާ އަކީ ވެސް މެޑިކަލް ޑޮކްޓަރުންނެވެ.

އާއިލާގެ އެހެން މެމްބަރުންނެކޭ އެއްގޮތަށް މައިންބަފައިން ބޭނުންވީ ކާތިކް ވެސް މެޑިކަލް ދާއިރާއިން ކުރިއަށް ދިއުމަށެވެ. އެހެންނަމަވެސް އެކްޓިންގްއަށް ހުރި ޝައުގެއްގެ ބޮޑުކަމުން އެމްބީއޭ ނިންމާލުމަށްފަހު އޭނާ ބޭނުންވީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށެވެ.

ކާތިކް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 25ގައި ރިލީޒްކުރާ ދަރުމާގެ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ"އިންނެވެ.

comment ކޮމެންޓް