މާލޭގައި އުޅޭ މީދާ ގިނަވެ، މާލޭގެ އެކި ތަންތަނުގައި މީދާ ބޭސް ބަހައްޓާ ޚާއްސަ ހަރަކާތެއް މާލޭ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު މާލޭގެ މާރުކޭޓު ސަރަހައްދުގައި މީދާ ބޭސް ބަހައްޓައި، މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.
ސިޓީ ކައުންސިލުން ބުނީ، މާލޭގައި މީދާ ގިނަ ވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އޭގެ އުނދަގޫ އިންތިހާއަށް ކުރިމަތިވަމުން އަންނަކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ.

މާލެއިން މީދާ މަދު ކުރުމަށް މާރުކޭޓުގައި މީދާ ބޭސް ބަހައްޓަން ފެށުމުގެ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އެ ހަރަކާތް ފައްޓަވައިދެއްވައި، މޭޔަރު ޢާޒިމް ވިދާޅުވީ، މި ހަރަކާތް މާރުކޭޓު ސަރަހައްދުގައި ފެށުނު ކަމުގައި ވިޔަސް، ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ދާނެ ކަމަށެވެ.
އެ ގޮތުން، ހަރަކާތުގައި އުޅޭނީ ކައުންސިލްގެ މުވައްޒަފުން ކަމަށާއި މީދާ މަރަން އެކި ތަންތަނަށް ބޭސް އަޅާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މި ހަރަކާތުގެ ސަބަބުން މާލޭގެ ސާފުތާހިރުކަން އިތުރުވެ، މީދަލާ ހެދި އާންމުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަވާނެ ކަމަށް ބެލެވޭކަން މޭޔަރު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް، މި ހަރަކާތުގެ ތެރެއިން މީދާ މަރުވުމުން، އެ މީދާތައް ނެގުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ވެސް ސިޓީ ކައުންސިލުންނެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް
އެ ކައުންސިލުން ބުނި ގޮތުގައި، މި ހަރަކާތަކީ މާލެ ސިޓީ ކައުންސިލްގެ ހެލްތް ޕޮލިސީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގައި މޭޔަރު ޢާޒިމްގެ އިތުރުން ބައެއް ކައުންސިލަރުންނާއި ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭގައި މީހުން ދިރިއުޅެނީ ކުދިކުދި ތަންތަންކޮޅުގައި ކަމަށްވާއިރު، ބައެއް ތަންތަނުން މީދާ ފެނެއެވެ.
މީގެ އިތުރުން، މާލޭގައި ބުޅާ ގިނަވެ، އާންމުންނަށް އެތައް ދަތިތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް ވެސް ކުރެއެވެ. އެ މައްސަލައަށް ހައްލެއް ހޯދުމަށް ހުޅުމާލޭ ފަރުކޮޅުފުށީގައި ފެސިލިޓީއެއް ވަނީ އަޅާފައެވެ.
އެކަމަކު، މައްސަލަ ހައްލުވާ މިންވަރަށް އެ ފެސިލިޓީއަށް ބުޅާ ނުގެންދެވޭ ކަމަށް ބުނެ، މީހުންގެ ފާޑުކިޔުންތައް އެގްރިކަލްޗާ އެންޑް އެނިމަލްވެލްފެއާ މިނިސްޓްރީއަށް ވަނީ އަމާޒުވެފައެވެ.