ކުޑަކުދިންގެ ހަވީރަކާ އެކު މި ހަފުތާގެ ބުރާސްފަތި ދުވަހު އުރީދޫ ފަން ރަންގެ ހަރަކާތްތައް ފަށަން އުރީދޫން ތައްޔާރުވެއްޖެއެވެ.
އުރީދޫން ބުނީ، މިއީ ކުޑަކުދިންނާއި އާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ އުފާވެރި އިވެންޓެއް ކަމަށެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މި ހަރަކާތް ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.
މި ހަރަކާތުގައި ކޮންމެ މީހަކަށް ވެސް ހިލޭ ބައިވެރިވެވޭނެއެވެ.
އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އުރީދޫން އަންނަނީ އާއިލާތައް އެއްތަނަކަށް އެއްވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ. އެގޮތުން، މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި، ފްރީ ފްލައިން އެސޯސިއޭޝަނުން ވެސް މި ހަރަކާތުގައި މަކާއޯ ދޫނިތައް ދައްކާލާނެ ކަމަށް އުރީދޫން ބުންޏެވެ.
މީގެ އިތުރުން، އުރީދޫން ބުނީ މި އިވެންޓުގައި އެންމެ ޚާއްސަ އެއް ހަރަކާތަކީ ކުޑަކުދިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ރޮބޯމޭންގެ ހަރަކާތް ކަމަށެވެ.
މި ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުދިންނަށް ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމުކޮށްދޭނެ އިވެންޓެކެވެ. އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖުތައް ފޮލޯކުރުމަށް އެ ކުންފުނިން އެދިފައިވެއެވެ.