ހައްޔަރުކޮށް، ވާނުވާ ބަންދު ޖަހާފައިވާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ "މީޑިއާ ސާކަސްއަކަށް" ހަދަން ފުރުސަތު ނުދެއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުން، މީޑިއާ ހެޑްލައިން ހެދުމަށް ފުރުސަތު ނުދެއްވާނެ ކަމަށް، އިހްސާން ގާޒީ ވިދާޅުވީ، މިއަދު އޮތް އަޑުއެހުމުގައި ހެކިވެރިއަކާ ޝަމްއާން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ހެކިވެރިޔާއާ ޝަމްއާން ސުވާލުކުރެއްވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފު ކަންކަން ކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން އުޅުއްވިތޯއެވެ.
އެކަމަކު އެ ސުވާލު ޝަމްއާން ކުރެއްވުމުން ދައުލަތުން އެކަމަށް އިއުތިރާޒް ކުރިއެވެ. އަދި ގާޒީ އިހުސާން ވެސް އެ ސުވާލު ހުއްޓުވިއެވެ.
އެއަށް ފަހު ގާޒީ އިހްސާން ވިދާޅުވީ މީޑިއާ ސާކަސްއެއްގެ ގޮތުގައި އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވެ އެކަން އެގޮތަށް ކުރާ ނަމަ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ގާޒީ, ޝަމްއާނަށް ދެއްވިއެވެ.
މިކަން މިގޮތަށް މިއަދު ހިނގާފައިވާއިރު, އެ މައްސަލައިގައި ޝަމްއާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެއެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.
މީގެ އިތުރުން ހޯމް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައި ކަމަށް އާއިލާއިން ތުހުމަތުކުރިއެވެ. އަދި ޝަމްއާން ބަންދު ކުރިކުރުމަކީ ފްރޭމެއް ކަމަށް ތުހުމަތު ކުރެއެވެ.
ނަމަވެސް އިހުސާން ވެސް އަދި ފުލުހުން ވެސް ވަނީ އެ ތުހުމަތު ދޮގު ކޮށްފައެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއެއްގެ މައްސަލާގައި އިމިގްރޭޝަންގެ މުވައްޒަފުންތަކާ ބައިވެރިވެގެން އެ ބިދޭސީ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ އަތުލުމަށް ފަހު އެ މީހާ އިމިގްރޭޝަންގެ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކުރާ މައްސަލާގައި ޝަމްއާން ބަންދުކޮށް، ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އެ މައްސަލާގައި ޝަމްމާން ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ.