އިންސާނުންނާއި ދިރޭ ތަކެތި ސިފަވާ ގޮތަށް ބިނާތައް ފަރުމާކުރުން ހަރާމްކަމަށް ބުނެ ފަތުވާއެއް ނެރެފި

ހުރާގެ މޮނިއުމަންޓަށް ބަޔަކު ގެެއްލުން ދީފައި: އިންސާނުންނާއި ދިރޭތަކެތީގެ ސިފައިގައި ބިނާތައް ފަރުމާކޮށް ބެހެއްޓުން ހަރާމްކަމަށް ވަނީ ފަތުވާ ނެރެފައި --- ފޮޓޯ: ހުރާ ކައުންސިލް

ހަނދާނީ ބިނާތައް ނުވަތަ މޮނިއުމެންޓުތައް އިންސާނުންނާއި ދިރޭ ތަކެތީގެ ސޫރަ ސިފަވާ ގޮތަށް ފަރުމާކޮށް ބައްޓަންކުރުމާއި އެ ތަކެތި ބެހެއްޓުން ހަރާމް ކަމަށް، ފަތުވާދޭ މަޖިލީހުން ފަތުވާ ނެރެފިއެވެ.

މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ފާހަގަކޮށްފައިވާ ގޮތުގައި، މައްކާ ފަތަޙަކުރެއްވި ދުވަހު ކީރިތި ރަސޫލާ، ލާތަ އާއި ޢުއްޒާއާއި މަނާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވިއެވެ. އަދި ޞަޙާބީން ވެސް އެފަދަ ތަކެތި ނައްތާލެއްވުމަށް ސަމާލުކަން ދެއްވިކަން ފަތުވާގައި ފާހަގަކޮށްފައިވެއެވެ.

ފުރާނަ އެކުލެވޭ ތަކެތީގެ ސޫރަ ހަދާ މީހުންނަށް ޢަޒާބު ލިބޭނެ ކަމަށް ކީރިތި ރަސޫލާގެ ޙަދީޘްކުރެއްވި ބަސްފުޅު ހިމަނައި ނެރުނު ފަތުވާގައިވަނީ، މާތް الله އަށް ޝަރީކުކުރުމަށް މަގުފަހިވާނެ އަމަލުތައް ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްނޫން ކަން ފާހަގަކޮށްފައެވެ. ފަތުވާގައި ބުނީ، އިލްމުވެރިންގެ އިޖުމާޢުން ބުދު ހެދުމާއި ބެހެއްޓުން ހަރާމް ކަން ސާބިތުވާ ކަމަށެވެ.

"މިކަން މަނާކުރެވިފައިވާ ސަބަބުތަކުގެ ތެރޭގައި މަލާއިކަތުން ބުދު ނުވަތަ ސޫރަ ބަހައްޓާފައި ހުންނަ ތަންތަނަށް ނުވެންނެވުމާއި، އެފަދަ ތަކެތީގެ ސަބަބުން ޝިރުކަށް މަގުފަހިވުން ހިމެނެއެވެ،" އެ ފަތުވާގައިވެއެވެ.

https://sun.mv/209571

ފާހަގަކުރެވޭ ގޮތުގައި ކ. ހުރާގެ ބަނދަރުމަތީގައި އެ ރަށުގެ ނަމާއި ރަތް ކުލައިގެ ކަކުންޏަކާއި މާކަނާއެއް ފެންނަ ބިނާއެއް ހަދަމުން ދަނިކޮށް، އެ ބިނާއަށް ވަނީ މިދިޔަ އޮގަސްޓް މަހު ގެއްލުން ދީފައެވެ.

ހަތަރު ލައްކައެއްހާ ރުފިޔާ ޚަރަދުކޮށް ހަދަމުން ދިޔަ ބިނާއަށް ގެއްލުންދިން މައްސަލަ ހުރާ ކައުންސިލުން ފުލުހަށް ހުށަހަޅާފައިވެސް ވެއެވެ.

ހުރާގައި ތައްޔާރުކުރަމުން ދިޔަ އެ ބިނާއަށް ބައެއް އާންމުން ފާޑުކިޔާފައިވެސް ވެއެވެ.

comment ކޮމެންޓް