ފީވަކަށް ދަނިކޮށް ކަނޑުވި 68 އަހަރުގެ ދިވެއްސަކު ސަލާމަތްކޮށްފި

ކުރިން ފަރަށް އެރި ދޯންޏެއްގެ ފަޅުވެރިއެއް ސަލާމަތް ކުރަނީ: މިއަދު ވަނީ ކަނޑުވި ދުވަސްވީ މީހަކު ސަލާމަތް ކޮށްފައި-- ފޮޓޯ: އެމްއެންޑީއެފް

ށ. ފީވަކަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެ ކަނޑުވި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފިއެވެ.

މީޑިއާއަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، ށ. ފުނަދޫން އެ އަތޮޅުގެ ފީވަކަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 11:50 ހާއިރު ކަމަށެވެ.

އެ މައުލޫމާތު ލިބުމުން، ދޯނި ދިޔަވި ސަރަހައްދަށް ފުލުހުންގެ ލޯންޗު ގޮސް ބެލުމުން، ދޯނިން ދަތުރުކުރި މީހާ ފެނުނީ ފީވަށް ކައިރީ ކަނޑުތެރެއިން ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 68 އަހަރުގެ އެ ދިވެހި ފިރިހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް، ފުލުހުން ބުންޏެވެ.

އޭނާ އެ ދޯނީގައި ދަތުރު ކުރަމުން ދިޔައީ އެކަންޏެވެ. މަނާ ކަމެއް ނަމަވެސް މިއީ ރާއްޖޭގައި އާއްމު ކަމެކެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން އެ މީހާ ދަތުރުކުރީ އެކަނިކަން އެނގިފައިވާ ކަމަށެވެ. އަދި އެ ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް